ރާއްޖެ ޖޫނިއާސް ފުޓްބޯލް ޗެމްޕިއަންޝިޕުގެ
17 އަހަރުން ދަށުގެ މުބާރާތް މާދަމާ 25 ޓީމާ އެކު ހުޅުމާލޭގައި ފަށާނެ އެވެ.
މިއީ ކުރިން އިންޓަ ސްކޫލް ނަމުގައި
ބާއްވަމުން އައި މުބާރާތެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަކާ
ގުޅިގެން މިހާރު ހުރިހާ ކުޅިވަރެއްގައި ވެސް ސްކޫލްތަކުގެ މެދުގައި ބާއްވަނީ
ރާއްޖެ ޖޫނިއާސް ޗެމްޕިއަންޝިޕުގެ ނަމުގަ އެވެ.
މި މުބާރާތުގައި ބައިވެރިވާ 25 ޓީމު
ވަނީ ހަ ގްރޫޕަކަށް ބަހާލައިފަ އެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ގްރޫޕަކުން
އެއް ވަނަ ހޯދާ ހަ ޓީމާއި، ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ
ރަނގަޅު ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭ އުސޫލުންނެވެ.
އެފްއޭއެމުން މުބާރާތް ރާވާފައި އޮތީ ގްރޫޕް
ސްޓޭޖްގައި ކޮންމެ ދެ ދުވަހަކު ދެ މެޗު ކުޅޭ ގޮތަށެވެ. ތިރީސް މިނެޓު ދެ ހާފު
ކުޅޭއިރު ފުރަތަމަ މެޗު ފަށާނީ މެންދުރުފަހު 3 ޖަހާއިރެވެ. ދެ ވަނަ މެޗު ފަށާނީ
ހަވީރު 4:30 ގަ އެވެ.
ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ
ގުޅި ސްކޫލާއި، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. ފައިނަލް މެޗު އޮންނާނީ މޭ
17 ގަ އެވެ.
މި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ
ތެރޭގައި މާލެ ސަރަހައްދުން ބޭރު ހަތް ޓީމު ހިމެނެ އެވެ. އެއީ ކ. ގުޅީ ސްކޫލް، ކ.
މާފުށީ ސްކޫލް، ވ. ކެޔޮދޫ ސްކޫލް، އދ. އަތޮޅު ތައުލީމީ މަރުކަޒު، ކ. ހިންމަފުށީ
ސްކޫލް، ކ. ގުރައިދޫ ސްކޫލް، އަދި ކ. އަތޮޅު މަދަރުސާ އެވެ.
މުބާރާތުގެ ހުރިހާ މެޗެއް ވެސް
އޮންނާނީ ހުޅުމާލޭ ޓްރެކް ދަނޑުގަ އެވެ.