އދ.ގެ އެންމެ ޒުވާން ސުލްހައިގެ މެސެންޖަރަކަށް މަލާލާ
އދ.ގެ އެންމެ ޒުވާން ސުލްހައިގެ މެސެންޖަރަކަށް މަލާލާ

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 11) - އދ.ގެ އެންމެ ޒުވާން ސުލްހައިގެ މެސެންޖަރަކަށް ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުފްޒައި ހަމަޖައްސައިފި އެވެ.

އދ.ގެ އެންމެ ޒުވާން ސުލްހައިގެ މެސެންޖަރަކަށް މަލާލާ
އދ.ގެ އެންމެ ޒުވާން ސުލްހައިގެ މެސެންޖަރަކަށް މަލާލާ

އިނގިރޭސި ވިލާތުގައި އޭ-އެލެވެލް އަށް މިހާރު ކިޔަވަމުންދާ އުމުރުން 19 އަހަރުގެ މަލާލާގެ އާ ރޯލާ އެކު އޭނާ ދެން ބޮޑަށް ފޯކަސް ކުރާނީ އަންހެން ކުދިން ތައުލީމް ހާސިލް ކުރުމަށް ބާރު އެޅުމަށެވެ. މަލާލާ އަށް ވަނީ އިނގިރޭސި ވިލާތުގެ އެންމެ މަޝްހޫރު ޔުނިވާސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިފަ އެވެ.

އަންހެން ކުދިން ކިޔަވަން ބާރު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މަލާލާ މަރާލަން ތާލިބާނުން 2012 ވަނަ އަހަރު ދިން ބަޑީގެ ހަމަލާ އިން އޭނާ ސަލާމަތްވީ ކިރިޔާ އެވެ. އޭނާގެ ބޮލަށް ބަޑި ޖެހީ ސްކޫލް ނިންމާފައި ގެއަށް ދަނިކޮށެވެ. ޕާކިސްތާނުގައި ފަރުވާ ދިނުމަށް ފަހު މަލާލާ ރަނގަޅުވީ އިނގިރޭސި ވިލާތުގައި ބޮޑު އޮޕަރޭޝަނެއް ކުރުމަށް ފަހު އެވެ.

އދ.ގެ އާ ރޯލާ ހަވާލުވުމަށް ފަހު ނިއު ޔޯކުގައި ވާހަކަ ދައްކަމުން މަލާލާ ބުނީ ބަދަލު ގެނައުން ލަސްކުރެވެން ނޯންނާނެ ކަމަށާއި މަސައްކަތް މިހާރު ވެސް ފަށަން ޖެހޭ ކަމަށެވެ.

"މުސްތަގްބަލް އުޖާލާ ކުރަން ބޭނުން ނަމަ މިހާރުން މިހާރަށް މަސައްކަތް ފަށަން ޖެހޭ. އެހެން މީހަކަށް ބަލަން މަޑުކުރެވޭކަށް ނޯންނާނެ،" މަލާލާ ބުންޏެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ މަލާލާއަކީ އެންމެންނަށް ތައުލީމް ފަތުރަން ހިންގާ ކެމްޕޭނުގައި އެންމެ މުހިންމު ނިޝާން ކަމަށެވެ.

މަލާލާ މިދިޔަ މަހު ބުނެފައި ވަނީ އޭ-ލެވެލްގައި ތިން އޭ ހޯދައިފި ނަމަ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއަކުން ޕޮލިޓިކްސް، ފިލޯސޮފީ އަދި އިކޮނޮމިކްސްގެ ދާއިރާ އިން ކިޔެވުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. މަލާލާ ކުރިން ވަނީ އޭނާ އަށް އޮކްސްފޯޑް ޔުނިވާސިޓީން ވެސް ފުރުސަތު ލިބިފައިވާ ކަމަށް ބުނެފަ އެވެ.

އދ.ގެ ސުލްހައިގެ މެސެންޖާ ހޮވަނީ އާޓް، ލިޓަރެޗާ، ސައެންސް، އެންޓަޓެއިންމެންޓް، ސްޕޯޓްސް ފަދަ ދާއިރާތަކުންނެވެ. އދ.ގެ ސުލްހައިގެ މެސެންޖަރުންނަށް ހޮވި ފަރާތްތަކުގެ ތެރޭގައި މުހައްމަދު އަލީ، ޖޯޖް ކްލޫނީ، މައިކަލް ޑަގްލަސް، ލިއޮނާޑޯ ޑިކެޕްރިއޯ، ސްޓީވީ ވޮންޑާ އަދި ޝާލީޒް ތެރޮން ހިމެނެ އެވެ.