ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލުގައި އުވާލި ލޯކަލް ގަވަނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މޫސާ ފަތުހީ، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް އައްޔަންކޮށްފި އެވެ.
އެ ޕާޓީން މިއަދު ވަނީ އެސްޖީގެ މަގާމަށް މޫސާ ފަތުހީ އައްޔަންކުރިކަން އިއުލާނުކޮށް އޭނާއަށް މަރުހަބާ ކިޔައިފަ އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މީހުން ހަމަޖެއްސުމާއި ކުންފުނިތަކާ ބެހޭ އެކި ޒިންމާތަކާ ހަވާލުކޮށްފައި އޮންނަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) އަށް ރައީސް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ވެސް މޫސާ ފަތުހީ ހިމެނެ އެވެ.
އޭނާ ވަނީ 2022 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ވާދަ ވެސް ކުރައްވައިފަ އެވެ.
ޕީއެންސީގެ އެސްޖީ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުއާޒް ހަލީމް، މިދިޔަ ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ނެރޭ ޕާޓީއަކަށް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވަން ބޭނުންވާތީ ކަމަށް ވިދާޅުވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު ސަރުކާރުގެ ހިންގުމަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. ކެބިނެޓުން ވެސް 10 ވަޒީރަކު އިސްތިއުފާ ދެއްވައި، މިނިސްޓްރީތަކުގެ މެންޑޭޓަށް ބަދަލު ގެނެސް ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް ވެސް އަންނަނީ ބަދަލު ގެންނަމުންނެވެ.