ސަރުކާރުގެ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް 15 އަށް މަދުކޮށް، މިދިޔަ އަންގާރަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި ކެބިނެޓުގެ 14 މިނިސްޓަރުންނަށް ރުހުން ދޭން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މައްސަލަ ކަމާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ކެބިނެޓަށް ރުހުން ދޭން އެދިވަޑައިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު ރިޔާސަތުން މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމު ނިންމެވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެ މައްސަލަ ފޮނުއްވުމަށެވެ.
ރައީސް މުއިއްޒު ކެބިނެޓަށް ބަދަލު ގެންނަވައި އަލުން އެކުލަވައިލެއްވީ 10 މިނިސްޓަރަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.
އެއީ، ރައީސް އޮފީހުން ބުނި ގޮތުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.
އެ މިނިސްޓަރުންގެ އިސްތިއުފާއާ އެކު، ރައީސް މުއިއްޒު ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި އަލުން ކެބިނެޓަށް ވަަޒީރުން އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ. ރައީސް އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި 12 މިނިސްޓަރަކު މަގާމުގެ ހުވާ ކުރެއްވި އެވެ.
އޭގެ ތެރޭގައި މި ސަރުކާރުގެ ކެބިނެޓަށް އަލަށް އައްޔަންކުރެއްވި ހަތަރު މިނިސްޓަރަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެއީ ހެލްތު މިނިސްޓަރަކަށް ގީލާ އަލީ އާއި ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދާއި އެންވަޔަރަމަންޓް މިނިސްޓަރަކަށް އަލީ ޝަރީފްގެ އިތުރުން ފޮރިން މިނިސްޓަރަަކަށް އިރުތިޝާމް އާދަމެވެ.
ކެބިނެޓުގައި ކުރިން ތިއްބަވަނީ 20 މިނިސްޓަރުންނެވެ. އެެހެން ނަމަވެސް 14 މިނިސްޓަރުންނާއި އެޓާނީ ޖެނެރަލް އާ އެކު ކެބިނެޓްގައި މިހާރު ތިއްބެވީ 15 ބޭފުޅުންނެވެ.
މިނިސްޓްރީތަކަށް ގެންނެވި ބަދަލުތަކާއި މިރޭ ހުވާކުރެއްވި ވަޒީރުން
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
- ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން
- ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
- އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް
- ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
- އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
- ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
- ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރަކަށް ހަސަން ރަޝީދު
ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު އިސްތިއުފާ ދެއްވިއިރު ދައުލަތުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބައެއް ބޭފުޅުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މަގާމުން ވަކިކުރެއްވި އެވެ.