މަނަވަރު ފޮނުވާތީ ނޯތު ކޮރެއާ އިން އެމެރިކާ އަށް ރައްދުދީފި
މަނަވަރު ފޮނުވާތީ ނޯތު ކޮރެއާ އިން އެމެރިކާ އަށް ރައްދުދީފި

ޕިއޮންޔޮން (އެޕްރީލް 11) - ކޮރެއާ ޕެނިންސުލާ އަށް އެމެރިކާގެ މަނަވަރުތައް ފޮނުވާތީ ނޯތު ކޮރެއާ އިން އެމެރިކާ އަށް ރައްދު ދީފި އެވެ.

ނޯތު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނީ އެމެރިކާ އިން އުޅެނީ ގައުމަކަށް އަރައިގަންނަން ކަމަށާއި އެކަން މިހާރު ސީރިއަސް މަރުހަލާއަކަށް ހިނގައްޖެ ކަމަށެވެ. އަދި ނޯތު ކޮރެއާގެ ލަޝްކަރުގެ ހުރި ބާރާ އެކު ގައުމު ދިފާއު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

"އެމެރިކާ އިން ކުރާ ކޮންމެ ކަމަކަށް އެ ގައުމު ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރާނަން،" ނޯތު ކޮރެއާގެ ޚާރިޖީ ވުޒާރާ އިން ބުނެފައިވެ އެވެ. "އެމެރިކާ އިން މަނަވަރުތައް ފޮނުވުމުން އަމިއްލަ ދިފާއުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ހައްގު ނޯތު ކޮރެއާ އަށް ވެސް ލިބިގެންވޭ."

އެމެރިކާގެ ޕެސިފިކް ކޮމާންޑުން ބުނީ ކާލް ވިންސަން ސްޓްރައިކް ގްރޫޕް ކޮރެއާ ޕެނިންސުލާ އަށް ފޮނުވަނީ އެ ސަރަހައްދުގައި ތައްޔާރީ ހާލަތެއްގައި އެމެރިކާ އޮތުމަށް ކަމަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ނޯތު ކޮރެއާގެ ފަރާތުން ކުރިމަތިވާ ނިއުކްލިއާ ބިރުތައް ހުއްޓުވުމަށް އެމެރިކާ އެކަނި ނަމަވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އަނެއްކޮޅުން ސައުތު ކޮރެއާގެ ނިއުސް އެޖެންސީން ބުނީ ނޯތު ކޮރެއާގެ ފަރާތުން ކުރިމަތިވާ ބިރުތަކަށް ރައްދު ދޭނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް ސައުތު ކޮރެއާ، އެމެރިކާ އަދި ޖަޕާނުގެ އޮފިޝަލުން މި މަހު ފަހުކޮޅު ބައްދަލު ކުރާނެ ކަމަށެވެ.