ނިއު ރޭޑިއަންޓް ކާމިޔާބު ހޯދަން ފެށުމުން ދިވެހި ފުޓްބޯޅަ އަށް އިތުރު
ދިރުމެއް ލިބޭނެ ކަމަށް އެ ކްލަބުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.

ޓީސީ ސްޕޯޓްސް 3-0 އިން ބަލިކޮށް ނިއު އިން ނުވަ އަހަރަށް ފަހު ތަށްޓެއްގައި
އަތްލީ މެޗަށް ފަހު ޕީއެސްއެމްއާ ވާހަކަދައްކަވަމުން މުބީން ވިދާޅުވީ ނިއުއާ ނުލާ
ދިވެހި ފުޓްބޯޅަ ކުރިނާރާނެ ކަމަށެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި 2019 ވަނަ އަހަރު އެފްއޭއެމުން
ނިއު ސަސްޕެންޑްކޮށް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކުރި ފަހުން އެ ޓީމު ފުރަތަމަ ޑިވިޝަނުގައި
އަލަށް ވާދަކުރީ މި ސީޒަނުގަ އެވެ.

މުބީން ވިދާޅުވީ މި ކާމިޔާބީގެ އުފާ އެންމެ ބޮޑަށް އިހުސާސްކުރެވެނީ ދަނޑަށް
ދިރުން އަންނަ މަންޒަރު ފެނުމުން ކަމަށެވެ.

"ނިއު ރޭޑިއަންޓް އައީމާ ދަނޑަށް ޖޯޝާއި ފޯރި ލިބޭނީ. ނިއު އަށް
ކާމިޔާބު ލިބެން ފެށުމާ އެކު މި ކުޅިވަރު ދިރެމުން އަންނާނީ. އެއީ ހަގީގަތަކީ. އެ
ހަގީގަތް ގަބޫލުކުރަން ޖެހޭ. ބައެއް ފަހަރު އުނދަގޫވާނެ އަޑުއަހަން،" މުބީން
ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭޝިއަން ކަޕް ކޮލިފައިންގައި ދާދި ފަހުން ޓިމޯ ލެސްޓޭއާ
ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗަށް ވުރެ ގިނައިން މި މެޗަށް މީހުން ވަތް ކަމަށާއި
އެއީ އެކަމުގެ ހެއްކެއް ކަމަށެވެ.

"ނިއުއާ ނުލާ ކުޅިވަރު ކުރިނާރާނެ އެ ވާހަކަ އަބަދުވެސް ދައްކަމުން މި
އަންނަނީ. ބޮޑެތި ކްލަބްތައް މިތާ ކުޅެން ޖެހޭ ފުޓްބޯޅަ ކުރިއަރުވަން ބޭނުމިއްޔާ،"

އޭނާ ވިދާޅުވީ ނިއު އަށް މިގޮތުގައި ކުރިއަށް ދެވޭނީ ކާމިޔާބު ލިބިގެން
ކަމަށާއި އެކަން ހާސިލްވުމުން އުފާވާ ކަމަށެވެ.

"ސީޒަނަށް ކަނޑައެޅި ޓާގެޓަކީ މަދުވެގެން އެއް ތަށި ހޯދުން. އަނެއްކާ
އެފްއޭ ކަޕަކީ އަބަދުވެސް ނިއުއާ ގާތް މުބާރާތަކަށް ވުމުން މި މުބާރާތް ކާމިޔާބުކުރަން
ބޭނުންވެފައި ތިބީ،"