ސަރުކާރުގެ ޓެކްސީލައިން (މާލެ ޓެކްސީ ލައިން)އިން ދެ ހަފުތާ ވަންދެން ހިލޭ ދަތުރުކުރުމަށް ފަހު މިއަދު އެ ހިދުމަތަށް އަގު ނަގަން ފަށައިފި އެވެ.

މާލެ ޓެކްސީ ލައިނުގެ ހިދުމަތްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް، އަދި އެ ކުންފުނިން އާއްމުކޮށްފައިވާ ކިއުއާރު ކޯޑް ބޭނުންކޮށްގެން ވެސް ދަތުރުތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ.

އެހެން ނަމަވެސް ދަތުރުތަކަށް ބުކް ކުރުމުގެ ކަންތައް އަދިވެސް ކުރިއަށް ދަނީ އެކަމަށް ހާއްސަކޮށްފައިވާ ހޮޓްލައިން މެދުވެރިކޮށެވެ. ދަތުރުތަކަށް ނަގަން ނިންމާފައި ވަނީ، މާލެ އާއި ހުޅުލެ އަދި ހުޅުމާލެއަށް ޓްރާންސްޕޯޓް މިނިސްޓްރީން އެންމެ ފަހުން ކަނޑައަޅައި ޓެކްސީތަކަށް މިހާރު ވެސް ހުއްދަ ދީފައިވާ އަގުތަކެވެ. 

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް މި މަހުގެ ދެ ވަނަ ދުވަހު ފެށީ، މާލެ ތެރޭގައި ޓެކްސީ ހޯދުން ތަކުލީފަަކަށްވެ، އާއްމުންގެ ޝަކުވާ ވަރަށް ބޮޑުވެފައިވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށެވެ. މި ހިދުމަތް ފެށުމާ އެކު ގިނަ ބަޔަކު މާލެ ޓެކްސީގައި ދަތުރުކުރެ އެވެ. 

ދަތުރުފަތުރުގައި ތަޖުރިބާކާރު ކުންފުނި، އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ އިތުބާރު ހިފޭ، ހިތްގައިމު އަދި އަމާން، އޮމާން ހިދުމަތެއް ދިނުން ކަމަށެވެ.

މާލެ ޓެކްސީ ލައިނުގެ ހިދުމަތް މި މަހުގެ ދެވަނަ ދުވަހު ފެށި އިރު ފުރަތަމަ ނިންމާފައި އޮތީ ހަފުތާއެއް ވަންދެން ހިލޭ ދަތުރުކޮށްދޭ ގޮތަށެވެ. އެހެން ނަމަވެސް ފަހުން ހަފުތާއެއް އިތުރުކޮށް، ދެ ހަފުތާ ވަންދެން ހިދުމަތް ދިނީ ހިލެ އެވެ.

 

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި ވަނީ ޑިޖިޓަލް ބުކިން ސިސްޓަމް މެދުވެރިކޮށެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހިލޭ ދަތުރުކުރެވޭ މުއްދަތަށް ފަހު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ. 

ސަރުކާރުގެ ޓެކްސީލައިންގައި ތިން ވައްތަރެއްގެ ކާރު ހިމެނެ އެވެ. އެއީ؛

  • ލުމިން މޮޑެލްގެ ކާރު: މާލެ ތެރޭގެ ދަތުރުތަކަށް ހާއްސަ ކުދި ކާރު.

  •  މާލެ، ހުޅުމާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުކުރާ މީހުންނަށް ހާއްސަ ޑީޕަލް އެސްފައިވް.
  • ހަތަރު ޕަސިންޖަރުންނަށް ތިބެވޭ ގޮތަށް ހުންނަ ޑީޕަލް އެސްސެވަން.