އުތުރު އެމެރިކާގެ ތިން ގައުމުގައި ބާއްވާ ވޯލްޑް ކަޕް މެޗުތަކުގެ ޓިކެޓް އަގު އިންތިހާއަށް ބޮޑުވުމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރައްދު ދީފި އެވެ.
ވޯލްޑް ކަޕްގެ އެންމެ ގިނަ މެޗުތައް ކުޅޭ އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި އިގްތިސާދީ ސަމިޓެއްގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، ވޯލްޑް ކަޕަކީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ފީފާއަށް އާމްދަނީ ލިބޭ ހަމައެކަނި ވަސީލަތް ކަމަށެވެ. އަދި ފީފާ އަކީ އަމިއްލަ ފައިދާއަށް މަސައްކަތްކުރާ ޖަމިއްޔާއެއް ނޫންކަން އޭނާ ވިދާޅުވި އެވެ.
"ގިނަ ބަޔަކަށް ނޭނގޭ ކަމަކީ، ވޯލްޑް ކަޕުން އަހަރެމެން ބިލިއަނުން އާމްދަނީ ހޯދި ނަމަވެސް ފީފާ އަކީ ނޮން-ޕްރޮފިޓް އޯގަނައިޒޭޝަނެއްކަން. މާނައަކީ އަހަރެމެންނަށް ލިބޭ ހުރިހާ އާމްދަނީއެއް އިންވެސްޓް ކުރަނީ ދުނިޔޭގެ 211 ގައުމެއްގައި ފުޓްބޯޅަ ކުރިއެރުވުމަށް،" އިންފަންޓީނޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި ގައުމަކީ ފީފާގެ އެހީއާ ނުލައި ފުޓްބޯޅަ ހިންގޭނެ ގައުމުތަކެއް ނޫނެވެ. އެހެންކަމުން އަބަދުވެސް ބަލަނީ އަގުތަކުގެ މެދުގައި ހަމަހަމަކަމެއް ގާއިމްކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
ޓިކެޓް ވިއްކާ ޕްލެޓްފޯމްތަކުން ފެންނަ ގޮތުގައި، ޖޫން 12 ވަނަ ދުވަހު އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރާ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްވެސް އުޅެނީ 1,359 ޑޮލަރަށެވެ. އަދި ދަނޑުގެ ތިރީ ބައިގެ ސީޓްތަކުގެ އަގު 14,000 ޑޮލަރަށް އަރަ އެވެ. މީގެ އިތުރުން، ޖުލައި 19 ގައި އޮންނަ ފައިނަލް މެޗުގެ ޓިކެޓެއްގެ އަގު ހުރީ 8,860 ޑޮލަރާއި 25,000 ޑޮލަރާ ދެމެދުގަ އެވެ.
އާންމުންގެ ޝަކުވާތަކާ ގުޅިގެން ފީފާއިން ވަނީ 60 ޑޮލަރުގެ ޓިކެޓްތަކެއްވެސް މަދު އަދަދަކަށް ތައާރަފްކޮށްފަ އެވެ.
އުތުރު އެމެރިކާގެ މާކެޓަކީ ވަރަށް ހާއްސަ މާކެޓެއް" ކަމަށް ސިފަކުރައްވަމުން އިންފަންޓީނޯ ވިދާޅުވީ، އެ މާކެޓް ރަނގަޅަށް "ދެނެގަތުމަށްޓަކައި" ވޭތުވެދިޔަ ދެ އަހަރު އޭނާ ދިރިއުޅެމުން ދިޔައީ އެމެރިކާގައި ކަމަށެވެ. 14,000 ޑޮލަރަށް އަރަ އެވެ.
މި ފަހަރުގެ މުބާރާތަކީ 48 ޓީމާ އެކު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ، ރެކޯޑް އަދަދަކަށް މެޗުތައް ކުޅޭ މުބާރާތެކެވެ.