މިއީ ހާރެއް އަދި އިއަފޯނެއް
މިއީ ހާރެއް އަދި އިއަފޯނެއް

އެއްބަޔަކު ބުނާނީ މިއީ ކަރުގައި އަޅާ ހާރެއްގައި އިއަފޯނެއް ހަރުކޮށްފައި ކަމަށެވެ. އެކަމަކު މިއީ އިއަފޯނެއް ހާރަކަށް ބަދަލުކޮށްލާފައި ކަމަށް ބުންޏަސް މައްސަލައެއް ނެތެވެ. ކޮންމެ ގޮތަކަށް ބުންޏަސް އެ ކިޔެނީ ހަމަ އެކައްޗެެވެ.

މިއީ ހާރެއް އަދި އިއަފޯނެއް
މިއީ ހާރެއް އަދި އިއަފޯނެއް

"ވަން އެކޯސްޓިކް" ގެ ނަމުގައި ޖަރުމަނުގެ ޖެކްސްމޮޓެކް ކުންފުނިން އުފައްދާފައިވާ މި ގަހަނާ އަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ފެޝަން އެކުވުމުގެ ނަތީޖާ އެވެ. މިއީ 3.5 މިލިމީޓަރުގެ ޕްލަގަކުން ފޯނަށް ނުވަތަ އެމްޕީ ތްރީ ޕްލޭޔަރާ ގުޅާލެވޭ ހެޑްސެޓެކެވެ. އެކަމަކު އަޅައިގެން ހުންނައިރު ފެންނާނީ ހާރެކެވެ.

މި ހާރު އަޅައިގެން ހުންނައިރު އިއަފޯނު އަބަދު ކަންފަތަށް ޖަހައިގެން ހުންނާކަށް ނުޖެހޭނެ އެވެ. ލަވައެއް ޖަހަން ނުވަތަ ފޯނަށް ޖަވާބުދޭން ވުމުން އިއަފޯން ކަންފަތަށް ޖަހާލަންވީ އެވެ.

ކަންފަތަށް އިއަފޯނު ޖަހާފައި ނެތް ނަމަ އެއީ ހެޑްސެޓެއްކަން ނުވެސް އެނގޭނެ އެވެ. އަދި މީގައި ފޯނަށް ޖަވާބު ދިނުމާއި ލަވަ ޕޯސްކޮށް އަދި ސްކިޕް ކުރުމަށް ފިތްތަކެއް ވެސް ހުންނާނެ އެވެ.

އިއަފޯނުގެ ކަންފަތަށް ޖަހާ ބައި އެކި ސައިޒުން ގަންނަން ލިބޭނެ އެވެ. އެހެންވެ އެ މީހެއްގެ ކަންފަތަށް ހެޔޮވަރު އެއްޗެއް ޚިޔާރުކުރަންވީ އެވެ.

މިއީ އޭޝިއާއަށް އަލަށް ތައާރަފްކުރާ އެއްޗަކަށް ވިޔަސް ޔޫރަޕްގައި މި ވަނީ 2014 ވަނަ އަހަރު ތައާރަފްކޮށްފަ އެވެ. މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ޓްރޭޑް މާސްޓާ އެންޓަޕްރައިސް އިން މިހާރު އަންނަނީ މި ސަޕްލައިކުރަމުންނެވެ. އަގު އުޅެނީ 50-100 ޑޮލަރާ ދެމެދުގަ އެވެ.