އެމެރިކާއާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތަށް ހޮރްމުޒް ކަނޑުއޮޅި "މުޅިން ހުޅުވާލާފައިވާ" ކަމަށް އީރާނުން ބުނުމާއެކު، ހުކުރު ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 10 ޕަސެންޓަށްވުރެ ބޮޑަށް ވެއްޓި، ހިއްސާގެ ބާޒާރުތައް ވަރަށް ބޮޑަށް ރަނގަޅުވެއްޖެ އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމަ ހުއްޓާލާފައި އޮތް މުއްދަތުގައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ ވިޔަފާރި އުޅަނދުފަހަރަކަށް މަގު ހުޅުވާލެވިފައިވާ ކަމަށެވެ.
ދުނިޔޭގައި ބޭނުންކުރާ ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅީގެ ދަތުރުފަތުރަށް އީރާނުން ހުރަސްއަޅަމުން ދިޔައީ އެމެރިކާ އާއި އިސްރާއީލުން ހަމަލާތައް ފެށުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް އުފުލި، ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވި އެވެ.
މި އިއުލާނާއެކު، ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑް އަދި އެމެރިކާގެ ޑަބްލިއު.ޓީ.އައި ތެލުގެ އަގު ވަނީ ފީފާއެއް 90 ޑޮލަރަށްވުރެ ދަށަށް ގޮސްފަ އެވެ.
އަރަގްޗީ އިޝާރާތް ކުރެއްވީ ލުބުނާނާއި އިސްރާއީލާ ދެމެދު ވެފައިވާ 10 ދުވަހުގެ އެއްބަސްވުމަށް ކަމެއް ނުވަތަ އެޕްރީލް 8 ގައި އީރާނާއި އެމެރިކާއާ ދެމެދު ފެށުނު ދެ ހަފުތާގެ އެއްބަސްވުމަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
ނަމަވެސް، އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ދެމިއޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި އޮތް ނަމަވެސް، އީރާނުގެ މި ނިންމުމާއެކު ސުލްހައިގެ ވާހަކަތަކަށް އޮތް އުއްމީދު ވަނީ އާވެފަ އެވެ.
މީގެ އިތުރުން، ފްރާންސުގެ ރައީސް އެމަނުއަލް މެކްރޮން އާއި އިނގިރޭސި ބޮޑުވަޒީރު ކިއަ ސްޓާމަ ވަނީ، ހަނގުރާމަ ނިމުމުން ހޮރްމުޒް ކަނޑުއޮޅީގެ ވިޔަފާރި ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ބައިނަލްއަގުވާމީ ފައުޖެއް ފޮނުވުމާ މެދު މަޝްވަރާ ކުރައްވާފަ އެވެ.