ވެއްޓުނު އިޖިޕްޓް އެއާގެ މަތިންދާ ބޯޓު ކަނޑު އަޑިން ފެނިއްޖެ
ވެއްޓުނު އިޖިޕްޓް އެއާގެ މަތިންދާ ބޯޓު ކަނޑު އަޑިން ފެނިއްޖެ

ގާހިރާ (ޖޫން 16) - ޕެރިހުން ފުރައިގެން ގާހިރާ އަށް ދަތުރު ކުރަނިކޮށް މެޑިޓެރޭނިއަން ކަނޑަށް މިދިޔަ މަހު ވެއްޓުނު ކަމަށް ބެލެވުނު އިޖިޕްޓް އެއާގެ މަތިންދާ ބޯޓު ކަނޑު އަޑިން ފެނިއްޖެ ކަމަށް އިންވެސްޓިގޭޓަރުން ބުނެފި އެވެ.

ވެއްޓުނު އިޖިޕްޓް އެއާގެ މަތިންދާ ބޯޓު ކަނޑު އަޑިން ފެނިއްޖެ
ވެއްޓުނު އިޖިޕްޓް އެއާގެ މަތިންދާ ބޯޓު ކަނޑު އަޑިން ފެނިއްޖެ

ބޯޓުގެ މުހިންމު ބައިތައް ކަނޑުއަޑީގައި ހުރި ވަރަށް ގިނަ ތަންތަން ފާހަގަކުރެވިފައިވާ ކަމަށް މިސްރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ކަނޑު އަޑި ބަލަން ފޮނުވި ވެހިކަލަކުން ވަނީ ބޯޓުގެ ބައެއް ބައިތަކުގެ ފޮޓޯ ވެސް ފޮނުވައިފަ އެވެ.

މިދިޔަ މަހު 19 ވަނަ ދުވަހު ބޯޓު ގެއްލުނު އިރު އެ ބޯޓުގައި 66 މީހުން ތިއްބެވެ. އެއާބަސް އޭ320 ގެ ބޯޓު މިސްރާއި ގްރީކުގެ ރޯޑަރު ސްކްރީންތަކަށް ގެއްލުނު އިރު މައްސަލައެއް ދިމާވެގެން އުޅޭ ކަމުގެ އިންޒާރެއް ދީފައެއް ނުވެ އެވެ. އެކަމަކު ބޯޓުގެ ފާޚާނާ އިން ދުން އަރާކަމުގެ ސިގްނަލެއް ލިބިފައިވެ އެވެ.

މިސްރުގެ އިސްކަންދަރިއްޔާގެ އުތުރުން 180 މޭލު ދުރުން ކަނޑުމަތިން ވަނީ ބޯޓެއްގެ ބައެއް މީގެ ކުރިން ފެނިފަ އެވެ. ބޯޓު ހޯދަން ވަނީ މެޑިޓެރޭނިއަން ކަނޑުގެ އެންމެ ފުން ހިސާބުތައް ވެސް ބަލައިފަ އެވެ. ބައެއް ހިސާބުތަކުން ވަނީ 3،000 މީޓަރު (10،000 ފޫޓު) އަޑި ވެސް ބަލައިފަ އެވެ.

ބޯޓު ހޯދުމުގެ މަސައްކަތް ކުރާ ޓީމުން މި މަހު ކުރީކޮޅު ބުނި ގޮތުގައި ބޯޓުގެ "ކަޅު ފޮށީގެ" ސިގްނަލް ވަނީ ލިބެން ފަށައިފަ އެވެ. އަދި ކަޅު ފޮށީގެ ސިގްނަލް ލިބުން މި މަހު 24 ވަނަ ދުވަހުގެ ފަހުން ހުއްޓޭނެ ކަމަށް ވެސް ތަޖްރިބާކާރުން އިންޒާރު ކޮށްފައިވެ އެވެ.

ބޯޓު ވެއްޓުނު ކަމަށް ބެލެވޭ ސަބަބެއް އަދި މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އަދި ބޯޓު ވެއްޓުނީ ޓެރަރިސްޓް ހަމަލާއަކުން ކަމަށް ނިންމައިފައެއް ވެސް ނުވެ އެވެ. ބޯޓު ވައްޓާލި ކަމަށް އެއްވެސް ޓެރަރިސްޓް ޖަމާއަތަކުން ބުނެފައެއް ނުވެ އެވެ. ތަޖްރިބާކާރުން ބުނަނީ ޕައިލެޓުން ފަރާތުން ނުވަތަ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވެއްޓުނީ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ގްރީކުގެ އިންވެސްޓިގޭޓަރުން ބުނީ ބޯޓު 90 ޑިގްރީ އަށް ވާތަށް ޖެހުމަށް ފަހު، ދެން ކާނާތަށް 360 ޑިގްރީ އަށް އަނބުރާލުމަށް ފަހު 37،000 ފޫޓުން 15،000 ފޫޓަށް ވަނީ ތިރިކޮށްފަ އެވެ. އަދި ރާޑަރުން ގެއްލުމުގެ ކުރިން ބޯޓު ވަނީ 10،000 ފޫޓަށް ތިރިވެފައި ކަމަށް ވެސް ބުނެފައިވެ އެވެ.