އުމްރާގެ އަޅުކަމަށް ފުރަތަމަ ފަހަރަށް އައްޑޫން ސީދާ ސައޫދީ އަރަބިއްޔާގެ މައްކާ އަށް ދަތުރެއް ބާއްވަން ނިންމައިފި އެވެ. 

އުމްރާގެ ދަތުރުގެ ހިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ޓްރެވެލާ އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީގެ ޖިއްދާ އަށް ދަތުރެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އޭގެ ސަބަބުން ދަތުރުގެ މަގު ކުރުވެފައިވާ ކަމަށާއި އަދި މައްކާ އާއި މަދީނާ އަށް ދާން އޮތް މަގު ކައިރިވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. 

އެ ދަތުރުގެ ބުކިންނަށް ވަރަށް އަވަހަށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ދަ ޓްރެވެލާގެ އެދުމުގެ މަތިން މޯލްޑިވިއަންގެ ވައިޑް ބޮޑީ، އޭ330 ބޯޓުން އަންނަ ޖުލައި މަހު އުމްރާ ދަތުރު ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ ބޯޓުން އެއްފަހަރާ 264 އުފުލޭނެ އެވެ.

"އާންމު އުސޫލުން ދޫކުރާ 46 ކިލޯ ވެސް ވެސް ލިބޭނެ. މިއީ ޗާޓަރު ފްލައިޓެއްގެ ގޮތުގައި ދަ ޓްރެވެލާގެ ރިކުއެސްޓަކަށް އަޅުގަނޑުމެން އަޅާ ފްލައިޓެއް،" އައިލެންޑް އޭވިއޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި އިންޓަނޭޝަނަލް ފަސް އެއާޕޯޓު ހިންގި ނަމަވެސް، އުމްރާގެ އަޅުކަމަށް އަބަދު ވެސް ފުރަނީ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެހެންވެ، މިއީ، އެހެން އެއާޕޯޓަކުން ފަސިންޖަރުން ގޮވައިގެން އުމްރާގެ އަޅުކަމަށް ފުރާ ފުރަތަމަ ފަހަރެވެ.