"ސައްޔާރާ" އިން ބޮޑު މަގުބޫލު ކަމެއް ހޯދި ޒުވާން ދެ ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ، ޑައިރެކްޓަރު މޯހިތު ސޫރީއާ އެކު ޔާޝް ރާޖް ފިލްމްސްގެ އާ ލޯބީގެ ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.

އެ ފިލްމުގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ. 

"އާޝިގީ 2" އާއި "އޭކް ވިލަން" ކަހަލަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު މޯހިތު ބުނީ އޭނާ އަބަދުވެސް ބޮޑަށް ޝައުގުވެރިވަނީ އަސަރުގަދަ ލޯބީގެ ވާހަކަތަކަށް ކަމަށެވެ.

"އަހަރެންގެ ހުރިހާ ފިލްމެއްގައި ވެސް މަސައްކަތް ކުރަނީ މިއުޒިކާއި ލޯބީގެ ޒަރީއާ އިން މީހުންގެ ހިތްތަކަށް އަސަރު ފޯރުވަން. 'ސައްޔާރާ'ގެ ޓީމާ އެކު އަލުން މަސައްކަތް ކުރަން ލިބުމަކީ އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ އާ ކުއްޖެއް ކަހަލަ އިހުސާސެއް ކުރެވޭ ކަމެއް،" މޯހިތު ބުންޏެވެ. 

ވައިއާރުއެފްގެ ސީއީއޯ އަކްޝޭ ވިދާނީ ބުނީ މޯހިތު ސޫރީއާ އެކު ކުރާ މި މަސައްކަތަކީ ހަމައެކަނި ފިލްމެއް އުފެއްދުން ނޫން ކަމަށާއި މިއީ ބެލުންތެރިންގެ ހިތްތަކުގައި ބިންވަޅު ނެގިގެންދާނެ ފަދަ އަސަރުގަދަ ތަޖުރިބާއަކަށް ވާނެ ކަމަށެވެ. އަދި އަހާން އާއި އަނީތަކީ މިހާރު ޖެނެރޭޝަން ނުވަތަ ޖެން-ޒީގެ އެންމެ މަގުބޫލު ޖޯޑު ކަމަށް ވެސް އޭނާ ބުންޏެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު، ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ އަހަރު އެވެ.

މިއީ މޯހިތު އާއި ވައިއާރުއެފް ގުޅިގެން އުފައްދާ ދެވަނަ ފިލްމެވެ.

މިދިޔަ އަހަރު ރިލީޒްކުރި "ސައްޔާރާ" އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. މިއުޒީޝަނަކާއި އަލްޒައިމާ ބަލި ތަހައްމަލު ކުރާ ޅެންވެރިއެއްގެ ލޯބީގެ ވާހަކަ ކިޔައިދިން އެ ފިލްމަށް އިންޑިއާ އިން އެކަނިވެސް 338 ކްރޯޑް ރުޕީސް ލިބުނުއިރު، ދުނިޔޭގެ ބޮކްސް އޮފީހުގައި އެ ފިލްމަށް ވަނީ 500 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.