ގދ. އަތޮޅު މަދަރުސާގެ ދަރިވަރަކު، ޓީޗަރަށް އަނިޔާކުރީ ގޭމް ކުޅޭތީ ހުއްޓުވަން އުޅުމުން ކަމަށާއި އެ ޓީޗަރުގެ ނޭފަތް ބިނދި އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެފި އެވެ.
އިންޑިއާގެ އަންހެން ޓީޗަރަކަށް ގްރޭޑް 8 ގެ ދަރިވަރަކު އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލަމުން އަންނަ ކަމަށް އޭރު ބުންޏަސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
ނަމަވެސް އިންޑިއާގެ ނޫހެއް ކަމަށްވާ "މާތުރަޕޫމި" އަށް ކެރެލާ ސްޓޭޓްގެ އަލަޕުޒާ އަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ސްމިތާ އެން ޕިއްލައި ވަނީ އެ ހާދިސާ ހިނގި ގޮތް ކިޔައިދީފަ އެވެ.
މިދިޔަ އަހަރު އަލަށް ރާއްޖެ އައިސް އެ ސްކޫލުގައި ކިޔަވައިދޭން ފެށި ސްމިތާ ބުނީ އެ ދުވަހު ކްލާހުގައި ކޮމްޕިއުޓަރުން ގޭމެއް ކުޅެން އިން ދަރިވަރަކަށް އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެކަން ހުއްޓާނުލި ކަމަށެވެ.
އެހެންވެ އެ ދަރިވަރު ގޭމް ކުޅޭ މަންޒަރު ފޯނުން ރިކޯޑްކޮށް، ޕްރިންސިޕަލަށް ހުށަހަޅާނެ ކަމަށް ބުނުމުން ދަރިވަރު ކުއްލިއަކަށް ކޮންޓްރޯލުން ނެއްޓި ފުރަތަމަ ހޫރާލީ ސްމިތާގެ ފޯނު ކަމަށް ބުންޏެވެ. ހަމަލާދިނީ އޭގެ ފަހުން ކަމަށް ވެސް ސްމިތާ އެ އިންޓަވިއުގައި ކިޔައިދީފައި ވެ އެވެ.
އެ ދަރިވަރު، ސްމިތާގެ މޫނުމަތީގައި ތަކުރާރުކޮށް ޖަހައި އިސްތަށިގަނޑަށް ދަމާފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ. އެ ހަމަލާގެ ސަބަބުން ސްމިތާގެ ނޭފަތުން ލޭ އައިސް އޭނާ ހޭނެތުނު ކަމަށް އިންޑިއާގެ ނޫހުގައި ވެ އެވެ.
ސްކޫލުގެ އެހެން މުވައްޒަފުން ވަދެ ދަރިވަރު ހިފަހައްޓައި، ޓީޗަރު ހޮސްޕިޓަލަށް ގެންދިޔައީ ކަމަށާއި އެ ހާދިސާގައި އޭނާގެ މޫނުމައްޗަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސްމިތާގެ ފިރިމީހާ ދީޕަކްއާ ހަވާދީ އެ ނޫހުގައި ބުނި ގޮތުގައި، ނޭފަތުގެ ކަށިގަނޑު ބިންދައިގެން ގޮސްފައިވާކަން ޑޮކްޓަރުން ކަށަވަރު ކޮށްދިނެވެ.
އެކަމަށް އޮޕަރޭޝަނެއް ކުރަން ޖެހޭތީ އާއި ރާއްޖޭގައި އެކަށީގެންވާ ސިއްހީ ވަސީލަތްތައް ނެތުމުގެ ސަބަބުން ސާޖަރީ ހެދުމަށް އޭނާ އިންޑިއާ އަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްމިތާގެ ފިރިމީހާ ދީޕަކް ބުންޏެވެ.
އެ މައްސަލަ ފުލުހުން ބަލަމުންއ އަންނަ ކަމަށް ބުންޏަސް އެޑިއުކޭޝަން މިނިސްޓްރީން ނުވަތަ ސްކޫލް މެނޭޖްމަންޓުން ވެސް އެ މީހުންނާ ގުޅާފައި ނުވާ ކަމަށް ދީޕަކްއާ ހަވާދީ އެ ނޫހުގައި ވެ އެވެ. އެ މައްސަލަ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނަށް ވެސް ހުށަހަޅާނެކަމަށް ވެސް ސްމިތާގެ ފިރިމީހާ ބުނެފައިވެ އެވެ.
ހަމަލާ ދިން ދަރިވަރު ވަނީ އެއް ހަފުތާއަށް ސަސްޕެންޑުކޮށް، ކައުންސެލިންއަށް ފޮނުވައިފައިވާ ކަމަށް އެ ޓީޗަރާ ހަވާދީ ނޫހުގައި ބުނެފައިވެ އެވެ. އެ ދަރިވަރަށް އެޅި ފިޔަވަޅާމެ ދު އެ ސްކޫލުގައި މަސައްކަތްކުރާ އިންޑިއާގެ ޓީޗަރުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެ އެވެ.
އެ ސްކޫލުގައި ކެރެލާގެ 15 ވަރަކަށް ޓީޗަރުން މަސައްކަތް ކުރާއިރު އެހެން ދަރިވަރަކު ވެސް ޓީޗަރަކަށް އިންޒާރު ދީފައިވާ ކަމަށް އިންޑިއާގެ ނޫހުގައި ރިޕޯޓު ކޮށްފައި ވެ އެވެ.