ޕެލަސް އަތުން ބަލިވެ އާސެނަލަށް އިތުރު ގޮންޖެހުމެއް
ޕެލަސް އަތުން ބަލިވެ އާސެނަލަށް އިތުރު ގޮންޖެހުމެއް

ލަންޑަން (އޭޕްރިލް 11) – ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓަލް ޕެލަސް އަތުން 3-0 އިން ބަލިވެ ގަދަ ހަތަރަކަށް އެރުމަށް އާސެނަލަށް އިތުރު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އާސެނަލް ހަ ވަނައިގައި އޮތީ 54 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް 61 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ރޭގެ މޮޅާ އެކު ޕެލަސް އޮތީ 34 ޕޮއިންޓާ އެކު 16 ވަނައިގަ އެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވި ޕެލަސްއާ ރެލިގޭޝަނުގައި އޮތް ސްވަންސީ ސިޓީއާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ޕެލަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އެންޑްރޯސް ޓޯސެންޑެވެ. ދެ ވަނަ ލަނޑު 63 ވަނަ މިނެޓުގައި ޔޮހާން ކަބާޔޭ ޖެހިއިރު ފަހު ލަނޑު ވައްދާލީ 68 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލޫކާ މިލިވޮޔެވިޗެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ މެޗަށް ރަނގަޅަށް ތައްޔާރުވި ކަމަށާއި އެކަމަކު މެޗުގެ ތެރޭގައި މާ ގިނައިން ބޯޅަ ގެއްލި އޭގެ އަގު އަދާކުރަން ޖެހުނީ ކަމަށެވެ.

"އަހަންނަށް އެނގޭ ސަޕޯޓަރުން މާޔޫސްވާނެކަން. އަހަރެމެން ވެސް މިތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި. ވަރަށް އުނދަގޫ ހާލަތެއްގައި މިއޮތީ،" ވެންގާ ބުންޏެވެ.