އަމިއްލަ ދަނޑުގައި ބާސެލޯނާ
އަތުން 2-1 އިން ބަލިވީ ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 3-2 އިން ކުރި ހޯދައި
އެތުލެޓިކޯ މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ރޭ ފުރުސަތު ހޯދައިފި
އެވެ.

ބާސެލޯނާގެ ދަނޑުގައި މިދިޔަ
ހަފުތާގައި ކުޅުނު ފުރަތަމަ ލެގުން އެތުލެޓިކޯ މޮޅުވީ 2-0 އިންނެވެ. ރޭގެ މެޗުގެ
ވަރަށް ކުރީކޮޅު ބާސެލޯނާ އިން ދެ ގޯލު ޖަހައި އެގްރިގޭޓުން ހަމަހަމަކުރި އެވެ.
އެއާ އެކު އެތުލެޓިކޯގެ ޒަމާން ދިޔައީ ކަމަށް ހީވި ނަމަވެސް ފުރަތަމަ ހާފު
ނިމުމުގެ ކުރިން ވައްދާލި ގޯލާ އެކު އެކު އެތުލެޓިކޯ ސަލާމަތްވީ އެވެ. މި މެޗުގައި
ވެސް ބާސެލޯނާ އަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ ފުރަތަމަ ލެގެކޭ އެއްގޮތަށް
ރަތްކާޑަކާ އެކު އެކަކު މަދުކޮށް މުހިއްމު ވަގުތު ކުޅެން ޖެހުމެވެ.

މީގެ ކުރިން ދެ ފަހަރު
ފައިނަލުން ބަލިވި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ މި ފަހަރު ސެމީއާ
ކުރިމަތިލާނީ ވަރަށް ބޮޑު އުއްމީދަކާއި، ޔަގީންކަމާ އެކު ކަމަށެވެ.

"އަހަރެމެންނަށް އެނގޭ
އަހަރެމެންގެ ހުރި ރަނގަޅު ކަންކަމާއި، ގޯސް ކަންކަން ވެސް. މިތިބީ ތައްޔާރުގައި
ދެން އޮތް ގޮންޖެހުމާ ކުރިމަތިލާން. އަހަރުތަކެއް ވަންދެން ހާސިލްކުރެވޭތޯ
މަސައްކަތްކުރަމުން އައި މުހިއްމު އަމާޒަށް ވާސިލްވާން ތައްޔާރުގައި މިއޮތީ،"
ސިމިއޯނީ ބުންޏެވެ.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އޭނާގެ
ޓީމަށް ސެމީގެ ޖާގައެއް ހައްގު ކަމަށާއި އެކަމަކު މި މެޗުން ފިލާވަޅުތަކެއް
ނެގިދާނެ ކަމަށެވެ.

"އަހަރެމެން ފުރަތަމަ ހާފު
ވަރަށް މޮޅަށް ކުޅުނިން. އެކަމަކު އިތުރު ގޯލުތަކެއް ޖަހަން ޖެހޭ. އެ ފުރުސަތު
އޮތް ވެސް މެ. މައްސަލައަކަށްވީ ގޯސް ވަގުތެއްގައި ގޯލެއް ވަނުން،" ފްލިކް
ބުންޏެވެ.

"ދެ ލެގަށް ބަލާއިރު ސެމީގެ
ޖާގަ ހައްގު އަހަރެމެންނަށް. މި ޓީމާ މެދު ފަހުރުވެރިވަން."

ބާސެލޯނާ އިން ފުލް އެޓޭކަށް
ސަމާލުކަންދީގެން ފެށި މެޗުގެ ހަތަރު ވަނަ މިނެޓުގައި ކުރި ހޯދައިދިނީ ލަމީން ޔަމާލެވެ.
މި މެޗުގައި މޮޅު ކުޅުމެއް ދެއްކި 18 އަހަރުގެ ފޯވާޑް މި ގޯލު ޖެހީ އެތުލެޓިކޯގެ
ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އެ ޓީމުގެ ދެ ވަނަ ގޯލް 24
ވަނަ މިނެޓުގައި ޖެހީ ފެރަން ޓޮރޭޒް އެވެ.

އޭގެ އިރުކޮޅެއް ފަހުން ބާސެލޯނާ
އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ބާސެލޯނާ އިން ތިން ވަނަ ގޯލެއް ޖަހަން
ކުރިއަށް ޖެހިގެން ތިބުމުގެ ފައިދާ ނަގައި އެތުލެޓިކޯ އަށް އަލުން އެގްރިގޭޓުން
ކުރި ހޯދައިދިނީ 31 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި އަޑެމޯލާ ލުކްމަން
އެވެ.

ދެ ވަނަ ހާފުގައި ބާސެލޯނާގެ
ޓޮރޭޒް ގޯލެއް ޖެހި ނަމަވެސް ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ނިންމީ އޭނާ
އޮފްސައިޑް ކަމަށެވެ. އެ ބޯޅަ ޓޮރޭޒް އަށް ލިބުނީ އެތުލެޓިކޯ ކުޅުންތެރިއެއްގެ ގައިގައި
ޖެހިފައި ކަމަށް ވިޔަސް ރެފްރީ ނިންމީ އެއީ ގަސްދުގައި އޭނާ ފަހަތަށް ޖައްސާލި ބޯޅައަކަށް
ނުވާތީ ޓޮރޭޒް އޮފްސައިޑް ވާނެ ކަމަށެވެ.

ބާސެލޯނާ އަށް މައްސަލަ ދިމާވީ 79
ވަނަ މިނެޓުގައި ލާސްޓް ޑިފެންޑަރުގެ ގޮތުގައި ހުރެ އެރިކް ގާސިއާ ކުރި ފައުލަކަށް
ރަތްކާޑު ދެއްކުމުންނެވެ. އޭނާއާ އެއް ލައިނެއްގައި ޖޫލްސް ކޫންޑޭ ހުރި ކަމަށް
ބުނެ އެއީ ރަތަކަށް ނުވާނެ ކަމަށް ބާސެލޯނާ ކުޅުންތެރިން އެޕީލް ކުރި އެވެ.

ބާސެލޯނާ އިން ފަހުން ރޮބަޓް
ލެވަންޑޮސްކީ އާއި، މާކަސް ރަޝްފޯޑް އަރުވައި އެޓޭކް ވަރުގަދަކުރި ނަމަވެސް، ގޯލެއް
ޖެހޭ ގޮތެއް ނުވި އެވެ. އެކަމަކު ލެވަންޑޮސްކީ އާއި ބަދަލު ކުޅުންތެރިޔާ ރޮނާލްޑް
އަރައޫހޯ ބޮލުން ފޮނުވާލި ދެ ބޯޅައެއް ގޯލަށް ނުވަނީ ކިރިޔާ އެވެ.