ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ އިސްތިއުމާރު ފުޅާކޮށް، ވަޒަންވެރިން އިތުރުކުރަން ކުރާ މަސައްކަތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފަ އެވެ.

އިޒްރޭލުގެ ކެބިނެޓުން ވަނީ ހުޅަނގު އައްސޭރީގައި 34 ޔަހޫދީންގެ އާބާދުތަކެއް ގާއިމުކުރުމުގެ ހުއްދަ ދީފަ އެވެ.

އެކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ،  އިޒްރޭލުން ތަކުރާރުކޮށް ކުރަމުންދާ މަސައްކަތަކީ، ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަނެ، ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ގެއްލުވާލައި، އެ ބިމަށް އިޒްރޭލުގެ އިސްތިއުމާރު ފުޅާކުރުމަށް ނިޒާމީ ސިފައެއްގައި ރޭވިގެން ހިންގަމުންދާ ޖަރީމާއެއް ކަމަށެވެ. 

މި ކަމަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ކަމާގުޅޭ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ބުނެ، ހުއްޓުމެއްނެތި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް އިޒްރޭލުން ހިންގަމުންދާ މި ފަދަ އަމަލުތައް ވަގުތުން ހުއްޓުވުމަށް އެ ބަޔާނުގައި ދިވެހި ސަރުކާރުން ވަނީ ދުނިޔެއަށް ގޮވާލައިފަ އެވެ.

އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސް ނުހިމަނާ، އިޒްރޭލުގެ 500،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެނީ ހުޅަނގު އައްސޭރީގެ އާބާދުތަކާއި އައުޓްޕޯސްޓްތަކުގަ އެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފް ކަމެކެވެ. 

އިޒްރޭލުން 1967 އިން ފެށިގެން ހިފާފައި އޮންނަ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ތިން މިލިއަނެއްހާ މީހުން އުޅެ އެވެ.