މާޒިޔާ އާއެކު ފާއިތުވި ހަތް އަހަރު ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ގައުމީ ޓީމުގެ އިތުބާރު ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އެ ޓީމު ދޫކޮށްލަން ނިންމައިފި އެވެ.
ހަމްޕު، 31، ވަނީ އޭނާގެ ސޯޝަލްމީޑިއާ އެކައުންޓް މެދުވެރިކޮށް މިކަން އިއުލާން ކޮށްފަ އެވެ.
ހަމްޕު ބުނީ އޭނާގެ ކެރިއަރުގައި އާދެވިފައިވާ ހިސާބަށް ވާސިލުވުމުގައި މާޒިޔާ ވަނީ އިސް ދައުރެއް އަދާކޮށްފައި ކަމަށާއި، މާޒިޔާ އަކީ އޭނާގެ "ސެކަންޑް ހޯމް" ކަމަށެވެ. މީގެ އިތުރުން ފުރަތަމަ ދުވަހުން ފެށިގެން ކުލަބުގެ މެނޭޖްމަންޓާއި ކޯޗިން ސްޓާފުން ވެސް ބެހެއްޓި ގާތްކަމާއި ފޯރުކޮށްދިން އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
"މި ދަތުރުގައި ކުލަބްގެ މެނޭޖްމަންޓާއި ކޯޗުން ފޯރުކޮށްދިން އެހީތެރިކަމާއި އަހަރެންނަށް މަގު ދައްކައިދޭން ކުރި ހުރިހާ މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަން،" ހަމްޕު އަށް އިތުބާރުކޮށް މާޒިޔާއިން އޭނާއަށް ހޯދައިދިން ފުރުސަތުތަކަށް ވެސް ޝުކުރު އަދާކުރަމުން އޭނާ ބުނެފައިވެ އެވެ.
"މި ކުލަބުގައި ހޭދަކުރި ކޮންމެ ވަގުތަކީ ވެސް އެހާމެ ހާއްސަ ފަހުރުވެރިވާ ފަދަ ވަގުތުތަކެއް. މި ކުލަބަށް އަހަރެންގެ ހިތުގައި އަބަދުވެސް ހާއްސަ ޖާގައެއް އޮންނާނެ."
ބ. އޭދަފުށްޓަށް އުފަން ހަމްޕު މާޒިޔާއާ ގުޅުނީ 2019 ވަނަ އަހަރެވެ. އޭނާ ވަނީ މާޒިޔާ އާއެކު ފަސް ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށް، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އެއް ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ތިން ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފަ އެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދާފައިވާ ހަމްޕު ފުރަތަމަ ޑިވިޝަނަށް ތައާރަފް ވީ 2014 ވަނަ އަހަރު ނިއު ރޭޑިއަންޓުންނެވެ. އެ ކްލަބާ ގުޅުމުގެ ކުރިން އޭނާ ފުރަތަމަ ބައިވެރިވާން ފެށީ މާޒިޔާގެ ފަރިތަކުރުންތަކުގަ އެވެ.
ނަމަވެސް މާޒިޔާއަށް ވުރެ ކުރިން ނިއު އިން އޭނާގެ ސޮއި ހޯދީ އެވެ. ހަމްޕު ވަނީ ނިއު އާއެކު ހެދި ފަސް އަހަރުގެ ކޮންޓްރެކްޓުގެ ދަށުން 2018 ގެ ނިޔަލަށް އެ ކްލަބަށް ކުޅެދީ، ކާމިޔާބީތަކެއް ހޯދައިފަ އެވެ.