10 އެޕްރީލް 2017 - 20:53

ހޮލީވުޑްގެ ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް މި އަހަރު އެންމެ ހާއްސަ އެއް ފިލްމަކަށް ފެންޓަސީ/ސުޕަހީރޯ ފިލްމް "ތޯ" ސިލްސިލާގެ ތިން ވަނަ ފިލްމް ވާނެ އެވެ.
އޮސްޓްރޭލިއާގައި ޝޫޓްކޮށްފައިވާ "ތޯ: ރެގްނަރޮކް" ގެ ފުރަތަމަ ޓީޒާ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ.
މި ޓްރެއިލާ އިން ވެސް ފެންނަ ގޮތުގައި ކުރީގެ ދެ ފިލްމާ އެއްގޮތަށް ބެލުންތެރިންނަށް ވަރަށް ތަފާތު ތަޖުރިބާއެއް މި ފަހަރު ވެސް "ތޯ" އިން ސިނަމާގައި ކުރެވޭނެ އެވެ. ވަރުގަދަ އެކްޝަން މަންޒަރުތަކާ އެކު، ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ކިތަންމެ ހާދިސާއެއް ފިލްމުން ފެނިގެން ދާނެ އެވެ.
އޭ ލިސްޓް ކާސްޓެއް ވެސް ފެނިގެންދާ މި ފިލްމް ސިނަމާތަކަށް އަންނާނީ ނޮވެމްބަރު 3، 2017 ގަ އެވެ.
މާވެލްގެ ސްޕަހީރޯތަކާ އެކު "ތޯ" ގެ މި ފަހަރުގެ ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި މީގެ އާންމު މޫނު ކްރިސް ހެމްސްވޯތާއި ޓޮމް ހިޑެލްސްޓަން، އިދްރިސް އެލްބާ، މާކް ރަފަލޯ، ކޭޓް ބްލެންޝެޓް އަދި އެންތަނީ ހޮޕްކިންސް ފަދަ ތަރިން ހިމެނެ އެވެ.
"ތޯ" ގެ ދެ ފިލްމެއް މިހާތަނަށް ސިނަމާ އަށް އައިސްފައިވާ އިރު "ތޯ: ދަ ޑާކް ވޯލްޑް" ސިނަމާ އަށް އައީ 2013 ގަ އެވެ. އެލަން ޓޭލާ ޑައިރެކްޓް ކުރި ފިލްމަށް ބޮކްސް އޮފީހުގައި 644.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
މީގެ ފުރަތަމަ ފިލްމް ބެލުންތެރިންނާ ހަމައަށް އައީ 2011 ގަ އެވެ. ކެނެތު ބްރެނާ ޑައިރެކްޓް ކުރި އެ ފިލްމަށް 449.3 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
މި ފަހަރު "ތޯ" ބެލުންތެރިންނާ ހަމައަށް ޑައިރެކްޓަރު ޓައިކާ ވައިޓިޓީ އެވެ.
"ތޯ: ރެގްނަރޮކް" ގެ އިތުރުން ވެސް މި އަހަރު މާވެލްގެ ވަރުގަދަ އިތުރު ދެ ފިލްމެއް ވެސް ސިނަމާ އަށް އަންނާނެ އެވެ. އެއީ މި މަހުގެ 25 ގައި ރިލީޒް ކުރާ ގާޑިއަން އޮފް ދަ ގެލެކްސީ ވޮލިއުމް 2 އާއި ޖުލައި 7 ގައި ރިލީޒް ކުރާ ސްޕައިޑަމޭން: ހޯމް ކަމިން އެވެ.
އެހެންވެ މި އަހަރަކީ މާވެލްގެ ފޭނުން މާ ބޮޑަށް ވެސް މުނިފޫހި ފިލުވައި ދޭނެ އަހަރެކެވެ.