ފުޓްސަލް އަށް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ
އެހީތެރިކަން ނުދޭތީ ގައުމީ ފުޓްސަލް ޓީމުގެ ވައިސް ކެޕްޓަން އިޝާން އިބްރާހީމް
(ސައްޓު) ވަރަށް ބޮޑަށް މާޔޫސްވެ އެކަން ސޯޝަލް މީޑިއާގައި ފާޅުކޮށްފި އެވެ.

ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހަށް ސޯޝަލް
ސެންޓަރުގެ އިންޑޯ ކޯޓު ނުދީ، އެކަމަކު ހޭންޑްބޯޅަ އަށް އެ ފުރުސަތު ދިނުމުން
ސައްޓު ހިމެނޭހެން ވަރަށް ގިނަ ފުޓްސަލް ކުޅުންތެރިންނާއި، އެ ކުޅިވަރަށް
ސަޕޯޓްކުރާ އާއްމުން އަންނަނީ އެކަން ފާހަގަކުރަމުންނެވެ.

ދާދި ފަހުން ސައުތު އޭޝިއާގެ ފުޓްސަލް
ޗެމްޕިއަންކަން ރާއްޖެ ހޯދީ މާލޭގައި އިންޑޯއެއްގައި ޕްރެކްޓިސްނުކޮށެވެ.
އެނގިފައިވާ ގޮތުގައި އެ މުބާރާތަށް ތައްޔާރުވާން ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓު
ހޯދުމަށް އެދުމުން އެ ފުރުސަތެއް ސްޕޯޓްސް މިނިސްޓްރީން ނުދިނެވެ. ޝޫޓްނުކޮށް
ހަމައެކަނި ބޯލް މޫވްމަންޓް ތަމްރީންތަކަށް ވެސް އެތަން ލިބޭ ގޮތެއް ނުވި އެވެ.

"ފުޓްސަލް އަށް ކުރިމަތިވެފައިވާ
ހުރަސްތަކާއި މި ކުޅިވަރަށް އެއްބާރުލުން ނުލިބޭ މިންވަރު ފެނުމަކީ
ހަގީގަތުގައިވެސް ވަރަށް ބޮޑު މާޔޫސްކަމެއް ލިބޭ ކަމެއް،" އޭޝިއާ
ހޭންޑްބޯޅައިގެ ތަޖުރިބާކާރު ގެނެސްގެން ހޭންޑްބޯޅައިގައި ފިރިހެން އަދި އަންހެން
ޓީމަށް އިންޑޯގައި ބޭއްވި ތަމްރީންތަކުގެ ފޮޓޯއެއް ޝެއާކޮށް ބުނެފައިވެ ސައްޓު
ފޭސްބުކުގައި ލިޔުނެވެ.

ސާފް ފުޓްސަލް މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އެފްއޭއެމް

ސާފް ފުޓްސަލް މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އެފްއޭއެމް

ފުޓްބޯޅައިގައި ވެސް ހުނަރުވެރި ފޯވާޑް ތުހުމަތުކުރި
ގޮތުގައި އެންމެ ކުރީއްސުރެ ފަރިތަކުރުންތަކަށް ބޭނުންވާ ކޯޓުތައް ފަދަ އަސާސީ
ވަސީލަތްތައް ފޯރުކޮށްދިނުމާ ދެކޮޅަށް ބައެއް ވަކިވަކި މީހުންނާއި އެންމެ މަތީ
ފަންތީގެ ބައެއް އިސްވެރިން ވެސް މަސައްކަތް ކުރިއެވެ.

"މި ހުރިހާ ގޮންޖެހުންތަކަކާއެކު ވެސް، އަދި އެއްވެސް
ހިތްވަރެއް ނުލިބި، ހުރިހާ ހުރަސްތަކެއް ގިރާކޮށް އަހަރެމެން މިވަނީ ސަރަހައްދުގެ
އެންމެ ޝަރަފުވެރި އެއް މުބާރާތް ކާމިޔާބުކޮށްފައި،"

ސައްޓު ބުނީ އެ ކާމިޔާބަކީ މުޅި ގައުމު
ފަހުރުވެރިވާންޖެހޭ ކަމެއް ކަމަށާއި އެކަމަކު ޓީމުގެ ބުރަ މަސައްކަތާއި، ގުރުބާނީ
އަދި ހޯދި ކާމިޔާބީ ބަލައިގަނެ، އެކަން ފާހަގަކުރުމުގައި ސްޕޯޓްސް މިނިސްޓްރީ
ފަހަތު ފަޔަށް ބުރަވެފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އެއްވެސް އެހީތެރިކަމެއް ނެތި އެތުލީޓުން ކާމިޔާބީ
ހޯދުމުން، އެއިން ހާމަވަނީ ހަމައެކަނި އެ އެތުލީޓުންގެ ވަރުގަދަކަމެއް ނޫން. އެއީ
އެ އެތުލީޓުންގެ ފަހަތުގައި ތިބެންޖެހޭ ނިޒާމު ފެއިލްވެފައިވާކަން ހާމަކޮށްދޭ ކަމެއް،"

ޓީމު އެނބުރި އައުމުން ބޭއްވި
އުފާފާޅުކުރުންތައް ވެސް ދިޔައީ ވަރަށް ވަނދުކޮށެވެ. އެކަން ގިނަ ބަޔަކު
ފާހަގަކުރި އެވެ.

"ކޮންމެ ސަރުކާރަކުން ވެސް ވައުދުތަކެއްވޭ.
އެކަމަކު އެއްވެސް ބަދަލެއް ނާދޭ. ބާރުގައި ތިއްބޭއިރު ވަޒީރުންނާއި
މުއައްސަސާތަކުގެ އިސްވެރިން ކުޅިވަރުގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ
ބަދަލުގައި އިސްކަންދެނީ އަމިއްލަ މަސްލަހަތަށާއި އަމިއްލަ އެޖެންޑާތަކަށް،"
ސައްޓު ބުންޏެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގެ މެޗެއްގެ ތެރެއިން. -- ފޮޓޯ: އިމޭޖަސް އެމްވީ

ގޯލްޑަން ފުޓްސަލް މުބާރާތުގެ މެޗެއްގެ ތެރެއިން. -- ފޮޓޯ: އިމޭޖަސް އެމްވީ

އޭނާ ބުނީ އެ ހުރިހާ ޒިންމާދާރު
މުއައްސަސާތަކަށް ވުރެ ބޮޑަށް، އަމިއްލަ ފަރާތްތަކާއި ގޯލްޑަން ފުޓްސަލް
އެސޯސިއޭޝަން ފަދަ ޖަމިއްޔާތަކުން ވެސް ފުޓްސަލްގެ ކާމިޔާބީގެ އަގުވަޒަންކުރި
ކަމަށެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި އޮތް
މުބާރާތް ރާއްޖެ ކާމިޔާބުކުރީ 18 ޕޮއިންޓާ އެކު އެވެ. ފުރަތަމަ މެޗުން ރާއްޖެ
މޮޅުވީ ޕާކިސްތާން އަތުން 7-1 އިންނެވެ. ދެ ވަނަ މެޗުން ބަންގްލަދޭޝް އަތުން 6-1
އިން މޮޅުވިއިރު، ދެން އައި އިންޑިއާ މެޗު ކާމިޔާބުކުރީ 5-0 އިންނެވެ. އޭގެ ފަހުން
ނޭޕާލް އަތުން 2-1 އިން މޮޅުވެ، ތަށި ޔަގީންކުރީ ބޫޓާން އަތުން 3-1 އިން
މޮޅުވެގެންނެވެ. ފަހު މެޗުން ސްރީ ލަންކާ އަތުން މޮޅުވީ 5-2 އިންނެވެ.

 ފުޓްސަލް އިންޑޯ ފެސިލިޓީއެއް އަޅައިދޭނެ
ކަމަށް ކުރީ ސަރުކާރުތަކުން ވައުދުވި އެވެ. އެކަމަކު މާލެ އާއި ރަށްރަށުގައި އައުޓްޑޯ
ޓާފް ޕިޗްތަކެއް އެޅި ނަމަވެސް، އިންޓަނޭޝަނަލް ސްޓޭންޑަޑުގެ އެއްވެސް ވަސީލަތެއް
އަދި ނެތެވެ. މި ސަރުކާރުން ވެސް ވަނީ އިންޑޯ ފެސިލިޓީއެއް އަޅައިދޭނެ ކަމަށް ބުނެފަ
އެވެ. ފުޓްސަލް ކުޅުންތެރިންނަށް، ގައުމީ ފެންވަރުގެ އެހެން ކުޅިވަރުތަކަށް ލިބޭ
އިނާޔަތްތައް ނުލިބޭކަމުގެ ޝަކުވާ ވެސް އޮވެ އެވެ.