16 ޖޫން 2016 - 11:20

ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ އަމަލުތައް ދެނެގަނެ، ހުއްޓުވުމާ އެކު، އެ ކަންކަމުގައި ހަރަކާތްތެރިވާ މީހުން އަނބުރާ މުޖުތަމައަށް ގެނައުން އަސާސަކަށް ބަލައިގެން ސަރުކާރުގެ ޓެރަރިޒަމާ ބެހޭ ސިޔާސަތު ތައްޔާރުކޮށްފި އެވެ.

ފުރަތަމަ ފަހަރަށް މި ފަދަ ސިޔާސަތެއް އެކުލަވާލިއިރު، މަޖިލީހުން ދެކޭ ގޮތް ބެލުމަށް އެ ސިޔާސަތު ރައީސް އަބްދުﷲ ޔާމީން ވަނީ މިހާރު ފޮނުއްވާފަ އެވެ.

އިއްޔެ އާއްމުކުރި މި ސިޔާސަތު ކަރުދާހުގައިވާ ގޮތުގައި ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. މި ކަންކަން ހުއްޓުވުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް މަގުސަދަށް ވާއިރު، މިހާރު ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފާހަގަކޮށްފައި ވަނީ:
- ޓެެރަރިޒަމާ ދެކޮޅު ސިޔާސަތާއި އެ ކަންކަމާ ދެކޮޅަށް އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުން.
- އެކި މުއައްސަސާތަކުން އެއްކޮށްފައިވާ ޖާސޫސީ މައުލޫމާތުތައް ދިރާސާކޮށް، ޓެރަރިޒަމާ ދެކޮޅަށް މިހާރަށް ވުރެ އަވަސް ފިޔަވަޅުތަކެއް އެޅުން.
- ރިސޯޓުތަކާއި ޓޫރިސްޓް ހޮޓާތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޕްރޮގްރާމްތަކެއް ހިންގުން.
- ބަނދަރުތަކާއި އެއާޕޯޓުތަކާއި އެ ނޫން ވެސް އިގްތިސާދީ މުހިއްމު ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޕްރޮގްރާމަތަކެއް ރާވައި ހިންގުން.
- ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމާ ދެކޮޅަށް ބޭރުގެ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމްތަކެއް ހިންގުން.
- ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ ސަބަބުން ކުރިމަތިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުން.
- ރާއްޖެ އަންނަ ބޭރު މީހުންގެ ފަރާތުން ކުރިމަތި ވެދާނެ ނުރައްކާތައް ދެނެގަތުން.
- ގައުމީ ސަލާމަތާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުން.
އެކަމަކު، އަދިވެސް އިތުރު ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށް އެއްބަސްވެފައިވެ އެވެ.
"ހައްދުފަހަނައެޅުމާއި ޓެރަރިޒަމާ ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅެނީ އެ ފަދަ ކޮންމެ އަމަލެއް ވަގުތުން ވަގުތައް ހުއްޓުވައި ބައިނަލްއަގުވާމީ ދުނިޔޭގައި މި ފަދަ މައްސަލަތަކާ ދެކޮޅަށް އަމަލީ ގޮތުން މަސައްކަތް ކުރުމެވެ،" އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ އެ ކަރުދާހުގައިވެ އެވެ.
ޓެރަރިޒަމާ ދެކޮޅަށް މައިގަނޑު ދެ ގޮތަކަށް މަސައްކަތް ކުރަން ސަރުކާރުން ވަނީ ހުށަހަޅާފަ އެވެ. އެންމެ މުހިއްމު މަސައްކަތްތަކެއް ކުރަން ނިންމާފައި ވަނީ ބޭރުގެ ފަރާތްތަކާ ގުޅިގެންނެވެ.
ޓެރަރިޒަމާ ދެކޮޅަށް އދ. އިން މިހާރު ވެސް ގެންގުޅޭ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ފިޔަވަޅު އަޅައި ކޮމަންވެލްތާއި ސާކުން ގެންގުޅޭ އުސޫލުތައް މިހާރަށް ވުރެ ވަރުގަދަ ކުރަން ވެސް ވަނީ ނިންމާފަ އެވެ. އަދި ހަތިޔާރުގެ ވިޔަފާރިއާ ބެހޭ މުއާހަދާ އާއި އެ ނޫން ވެސް ކަމާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވާން ވެސް ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުުރުން، ފަންސާހަށް ވުރެ ގިނަ އަރަބި ގައުމުން ބައިވެރިވާ އިސްލާމީ ލަޝްކަރުގައި "އަމަލީ ގޮތުން" މަސައްކަތް ކުރަން ވެސް ސަރުކާރުން ވަނީ ހުށަހަޅާފަ އެވެ. އެކަމަކު، އޭގެ ތަފްސީލް ހިމަނާފައެއް ނުވެ އެވެ.
ސައުދީ އަރަބިއްޔާ އިން އިސްވެ އޮވެ، މިދިޔަ އަހަރު ފަހުކޮޅު އެކުލަވާލި މި ލަޝްކަރު އުފެއްދުމުގައި ރާއްޖޭން ބައިވެރިވި އެވެ. އެކަމަކު، ދިވެހި ސިފައިން އަމަލީ ގޮތުން ހަނގުރާމައިގައި ބައިވެރި ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ސަރުކާރުން އިސްވެ މައިގަނޑު ގޮތެއްގައި ކުރަން ހުށަހަޅާފައި ވަނީ މިހާރު ވެސް އަޅަމުން ގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމެވެ. ޖާސޫސީ މައުލޫމާތު އެއްކޮށް، ދިރާސާ ކުރުމުގެ ނިޒާމު ވަރުގަދަ ކުރުމާ އެކު، ރާއްޖޭގެ މުހިއްމު ތަންތަނާއި ސިނާއަތްތައް ރައްކާތެރި ކުރުމަށް އަޅަމުން ގެންދާ ފިޔަވަޅުތައް ވަރުގަދަ ކުރުމެވެ.
އެއާ އެކު، ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ވިސްނުން ބަދަލުކުރުމަށާއި އެ ފަރާތްތައް މުޖުތަމައަށް އަނބުރާ ގެނައުމަށް ހާއްސަ ޕްރޮގްރާމްތަކެއް ރާވައި ހިންގަން ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރަން މަސައްކަތްތަކެއް ކުރަން ވެސް ވަނީ ނިންމާފަ އެވެ. އެކަމަކު، އެ ކަންކަމުގެ ތަފްސީލް ދީފައެއް ނެތެވެ.
"މި ކަރުދާހުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހަރަދު ކުރުމާއި ބޭރު ގައުމުތަކުގައި ހިނގާ ހަމަނުޖެހުންތަކާއި ހަނގުރާމަތަކަށް ދިވެހިން ފޮނުވަން އެހީތެރިވެ، މަގު ފަހިކޮށްދީ އަދި އެ ކަމަށް ހަރަދު ކުރުމެވެ،" ކަރުދާހުގައިވެ އެވެ.
ދީނީ ގޮތުން ހައްދުފަހަނައެޅުން ވަނީ ރާއްޖޭގައި އާއްމުވެފަ އެވެ. އަދި ސީރިއާ ފަދަ ގައުމުތަކުގައި ކުރާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާން ދާ ދިވެހިންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިދިޔަ ހަފުތާގައި ވެސް ދިވެހި އާއިލާއެއް ސީރިއާ އަށް ގޮސްފައިވެ އެވެ.
މި ކަންކަމާ ދެކޮޅަށް މި ފަހުން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. މި ކަރުދާސް މަޖިލީހަށް ހުށަހެޅުމުގެ އިތުުރުން، ކައުންޓަ ޓެރަރިޒަމް ސެންޓަރެއް ހަދައި ދީނީ ގޮތުން ހައްދުފަހަނައެޅުމާއި ޓެރަރިޒަމް ރާއްޖޭގައި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ދިރާސާއެއް ހަދަން ވަނީ ފަށާފަ އެވެ.