ޔުނައިޓެޑުން އިބްރަހިމޮވިޗަށް ބަރޯސް ވަނީ މާބޮޑަށް: ގިގްސް
ޔުނައިޓެޑުން އިބްރަހިމޮވިޗަށް ބަރޯސް ވަނީ މާބޮޑަށް: ގިގްސް

މެންޗެސްޓާ (އޭޕްރިލް 10) – މެންޗެސްޓާ ޔުނައިޓެޑުން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗަށް ބަރޯސާވަނީ މާބޮޑަށް ކަމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ރިޔާން ގިގްސް ބުނެފި އެވެ.

އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗް ވަނީ މި ސީޒަނުގައި 28 ގޯލް ޖަހައިފަ އެވެ. ޔުނައިޓެޑުގެ ކުޅުންތެރިންގެ ތެރެއިން 10 ލަނޑަށް ވުރެ ގިނައިން ގޯލް ޖަހާފައިވަނީ ހުއާން މަޓާ އެކަންޏެވެ.

"ޔުނައިޓެޑުގައި މާ ގިނަ ގޯސްތަކެއް ނެތް. ކުޅުން ވަރަށް ރަނގަޅު ހާއްސަކޮށް ޑިފެންސް ލައިން ވަރަށް ރަނގަޅު. ގޯލް ކުރިމަތީގައި އިތުރަށް ސަމާލުވާންވީ. އަނެއްކޮޅުން އިބްރަހިމޮވިޗަށް މާ ބޮޑަށް ބަރޯސާވަނީ،" ޔުނައިޓެޑަށް 1990 އިން 2014 އަށް ކުޅެފައިވާ ގިގްސް ބުންޏެވެ.

ގިގްސް ބުނީ އިބްރަހިމޮވިޗަކީ ސެންޓަ ފޯވާޑް ކަމަށް ވިޔަސް އެހެން ދިމަދިމާތަކުން ވެސް ގޯލް އަންނަން ޖެހޭ ކަމަށެވެ.

ޔުނައިޓެޑުގެ ކުޅުންތެރިންގެ ތެރެއިން ގޯލް ޖެހުމުގައި އެންމެ ބޮޑު ނާކާމިޔާބަކާ ކުރިމަތިވެފައިވަނީ ޖެސޭ ލިންގާޑަށެވެ. ޔުނައިޓެޑުގެ ވަގުތީ ކޯޗަކަށް 2014 ވަނަ އަހަރު މަސައްކަތްކުރި ގިގްސް ބުނީ ލިންގާޑަކީ އެޓޭކިން ކުޅުންތެރިޔަކަށްވީތީ ގިނަ ގޯލް ޖަހައި އަދި ލަނޑު ޖަހަން އެހެން ކުޅުންތެރިންނަށް ވީހާ ވެސް ގިނައިން މަގުފަހިކޮށްދޭން ޖެހޭ ކަމަށެވެ.

ޕްރިމިއާ ލީގުގެ ހަތަރު ވަނައިގައި އޮތް ޔުނައިޓެޑުން އަންނަނީ ޔުއެފާ ޔުރޮޕާ ލީގުގެ ތަށްޓަށް ވެސް މަސައްކަތްކުރަމުންނެވެ.