ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް)އާ ގުޅިގެން އެންމެން ޝާމިލުވާ ކުޅިވަރުގެ މާހައުލެއް ބިނާކުރުމަށް ޕާޓްނަޝިޕެއް ގާއިމްކޮށްފި އެވެ. 

މިއީ މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ހަމަހަމަ ފުރުސަތުތަކެއް
ހޯދައިދިނުމަށާއި، ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް
ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށް ބެންކުން ބުންޏެވެ.

 މި ޕާޓްނަޝިޕްގެ ދަށުން، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގައި
ރަޖިސްޓްރީވެފައިވާ 500 އަށް ވުރެ ގިނަ އެތުލީޓުންނަށް އަމާޒުކޮށްގެން
ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކާއި ސިއްހީ ހަރަކާތްތަކާއި އާއިލީ ގުޅުން
ބަދަހިކުރުމުގެ ހަރަކާތްތަކުގެ އިތުރުން ލީޑަރޝިޕް ޕްރޮގްރާމްތަކަށާއި
ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމަށް ބޭންކުން އެހީތެރިކަން
ފޯރުކޮށްދޭނެ އެވެ. އަދި މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ތަފާތު
ހަރަކާތްތަކަށްވެސް މި ޕާޓްނަޝިޕްގެ ދަށުން އެއްބާރުލުން ދޭނެ އެވެ. 

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަކީ ދުނިޔޭގެ ސްޕެޝަލް އޮލިމްޕިކްސް
ހަރަކާތުގެ ރާއްޖޭގެ ގޮތްޕެވެ.

އެ ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ އިންޓެލެކްޗްއަލް
ޑިސްއެބިލިޓީސް ހުންނަ ކުދިންނާއި ޒުވާނުން ބާރުވެރިކުރުވުމެވެ. އެގޮތުން އަހަރު
ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ ކުޅިވަރު ތަމްރީނުތަކާއި
މުބާރާތްތަކުގެ ޒަރީއާއިން އެތުލީޓުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު
ބޮޑުކުރުމަށާއި، ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން ދިރިއުޅުމުގެ
މުހިންމު ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދެ އެވެ. 

އެ ޖައްމިއްޔާއިން މުޖުތަމައުގައި
އެފަދަ ފަރާތްތައް ބަލައިގަތުމާއި، އިހުތިރާމް ހޯދައިދިނުމުގެ އިތުރުން ހަމަހަމަ
ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް އެ ޖަމިއްޔާގެ މުހިންމު އަމާޒެކެވެ. ބީއެމްއެލްއިން އަންނަނީ ގައުމީ ފެންވަރުގައި ހިންގާ އެކި ހަރަކާތްތަކާއި ޕާޓްނަޝިޕްތަކުގެ ޒަރީއާއިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ޒުވާނުންނަށް
ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.