އަލިފާން ނިއްވަން ފެންޖަހަމުން ދިޔަ ނަމަވެސް އަލިފާންގަނޑު ފެތުރުން ފިޔަވައި އިތުރު ކަމެއް އަދި ނުވާ ކަމަށް އެ ރަށުން ބުނި.
ފީއަލިން ވާހަކަ ދެއްކި މީހަކު އަލިފާންގަނޑު އަދި އެއްވެސް ވަރަކަށް ކޮންޓްރޯލް ނުވާ ކަމަށް. އަލިފާން ނިއްވުމުގެ މަސައްކަތުގައި ނިލަންދޫގެ ފަޔާ ސްޓޭޝަންގެ ފަޔާމަނުންނާއި ފުލުހުން އަދި އާންމު ރައްޔިތުން އަންނަނީ ހަރަކާތްތެރިވަމުން.
ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ދެންމެ އަލިފާން ރޯވެ، އަލިފާންގަނޑު ފެތުރި ކައިރީގައި އޮތް އިތުރުން ތިން ދޯންޏެއްގައި ވެސް ރޯވެއްޖެ އެވެ.
ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު މި ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން މިހާރު އަންނަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަލިފާން ރޯވެގެން ހެނދުނު 9:15 ހާއިރު އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެހެންވެ، އެ އަލިފާންގަނޑު ނިއްވާލަން ފުލުހުންނާއި ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯނީގައި ރޯވެ އަނދަނީ.
ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ދެން ރޯވީ، ފާނައިގެ މަސްވެރިކަން ކުރާ ދެ ދޯންޏާއި ވެލި އުފުލަން ބޭނުންކުރާ ދޯންޏެއްގައި ރޯވެފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭގެ އިތުރުން ފީއަލީގެ އައިސްޕްލާންޓުގައި ވެސް ރޯވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"ތެޔޮ ދޯނީގައި ރޯވީ ދެބައިކުޅަ އެއްބައި ތެޔޮ ހުސްކުރި ފަހުން. ތެޔޮ ޕަމްޕު ސްޓާޓްކުރަން ހިފިތަނާ އަލިފާން ރޯވީ،" ދޯނީގައި ހުރި މީހަކާ ހަވާލާދީ، އެހެން މީހަކު ބުންޏެވެ.

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯނީގައި ރޯވެ އަނދަނީ.
މި އަލިފާނުގެ ހާދިސާގައި ރޯވި ފާނައިގެ މަސްވެރިކަން ކުރާ ދެ ދޯންޏަކީ ފީއަލީގައި އެ މަސައްކަތް އެންމެ ރަނގަޅަށް ކުރާ ދެ ދޯނި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯންޏެއްގައި ރޯވެ، އިތުރު ދޯނިތަކުފައި ރޯވެ އަނދަނީ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި، ތެޔޮ ދޯނީގައި ރޯވެ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.
އެމްއެންޑީއެފުން ބުނީ، އަލިފާން ނިއްވަން ފ. ނިލަންދޫ ފަޔާ ސްޓޭޝަންގެ ފަޔާމަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.