އެކަކު މަދުކޮށް ކުޅުނު ބާސެލޯނާ އަތުން
އެ ޓީމުގެ ދަނޑުގައި 2-0 އިން މޮޅުވެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް
ދިއުމަށް އެތުލެޓިކޯ މެޑްރިޑުން ބޮޑު ހިތްވަރެއް ހޯދައިފި އެވެ.

މިއީ އެތުލެޓިކޯގެ ކޯޗުކަމުގައި ޑިއެގޯ ސިމިއޯނީ ހޭދަކުރި
14 އަހަރުގެ ތެރޭގައި ބާސެލޯނާގެ ދަނޑުގައި އޭނާ އަށް ލިބުނު ފުރަތަމަ މޮޅެވެ.
އެންމެ ފަހުން މި ދަނޑުގައި އެތުލެޓިކޯ މޮޅުވީ 2006 ވަނަ އަހަރު އެވެ.

ކޭމްޕް ނޯގައި ސްޕެއިނުގެ ދެ ޓީމު ވާދަކުރި މި މެޗުގައި
ބާސެލޯނާ އަށް މައްސަލަ ދިމާވީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް
ޑިފެންޑަރު ޕައު ކުބްރާސީ އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާ ދަނޑުން ފޮނުވާލީ
އެތުލެޓިކޯގެ ގުއިލިއާނީ ސިމިއޯނީ އަށް ލާސްޓް ޑިފެންޑަރުގެ ގޮތުގައި ހުރެ
ފައުލްކުރުމުންނެވެ.

ބާސެލޯނާގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ، އެ ކާޑާ
އެކު އެތުލެޓިކޯ އަށް ރެފްރީ ދިން ހިލޭ ޖެހުމުން، ހޫލިއަން އަލްވަރޭޒް ގޯލު
ޖެހުމުންނެވެ.

އެ ގޯލުގެ ކުރިން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ބާސެލޯނާ
އެވެ. އެތުލެޓިކޯ އަށް މާ ރަނގަޅު އެޓޭކެއް ވެސް ނުއުފެއްދުނެވެ. އެކަމަކު އެކަކު
މަދުވުމުން ބާސެލޯނާ އަށް ހިފެހެއްޓޭ ގޮތެއް ނުވި އެވެ. އެތުލެޓިކޯ އިން ލީޑު
ފުޅާކުރީ 70 ވަނަ މިނެޓުގައި އަލެކްސެންޑާ ސޮލޮޓް ޖެހި ގޯލުންނެވެ.

މުބާރާތުގެ ފައިނަލުން 2014 އާއި 2016 ގައި ބަލިވި އެތުލެޓިކޯގެ
ފޯވާޑް އެންޓޮއިން ގްރިޒްމަން ބުނީ މި މޮޅާ މެދު ހިތްހަމަޖެހޭ ކަމަށާއި، އެކަމަކު
އަދި ސެމީ އަށް ދިއުމަށް ދިގު ރާސްތާއެއް އެބައޮތް ކަމަށެވެ.

"އިތުބާރު އެބައޮތް އެކަމަކު ހަމަބިމުގައި ތިބެން
ޖެހޭނީ،" މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލަން ނިންމާފައިވާ ކުޅުންތެރިޔާ ބުންޏެވެ.

މިދިޔަ ސީޒަނުގެ މުބާރާތުގެ ސެމީ ފައިނަލުން ބަލިވި
ބާސެލޯނާ އަށް މި ފަހަރު ކުރިއަށް ދެވެން އޮތީ އަންނަ ހަފުތާގައި އެތުލެޓިކޯގެ
ދަނޑުގައި ކުރި ހޯދައިގެންނެވެ. އެ ޓީމުގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯ ބުނީ އެއީ
އުނދަގޫ ކަމަކަށް ވާނެ ކަމަށާއި އެކަމަކު އެއްވެސް ބަޔަކަށް އެކަން ކުރެވޭނެ ނަމަ
އެ ބަޔަކީ ބާސެލޯނާ ކަމަށެވެ.