10 އެޕްރީލް 2017 - 15:28

އިދިކޮޅު ހަރަކާތްތައް ހިންގާ ޖުމްހޫރީ ޕާޓީގެ މާލަން، މ. ކުނޫޒު ހުންނަ ފަނޑިޔާރު މަގު ހެދުމުގެ މަސައްކަތް ހުއްޓާލައި މަގު ހުޅުވާލައިފި އެވެ.
ސަރުކާރާ އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ހަރަކާތްތައް ބާއްވަމުން އަންނަ ކުނޫޒު ހުންނަ ފަނޑިޔާރު މަގު ކުއްލިއަކަށް ހަދަން ފެށީ މިިދިޔަ ހުކުރު ދުވަހު އިރު އޮއްސުނުތަނާ އެވެ. އޭރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ގެންދިއުން، އިދިކޮޅު މީހުންގެ ހަރަކާތްތައް ކުނޫޒު ސަރަހައްދުގައި ވަނީ ފަށައިފަ އެވެ.
އެ ރޭ ހައުސިން މިނިސްޓްރީގެ ބުލްޑޯޒަރުތައް ގެންގޮސް، ކުނޫޒު ކުރިމައްޗަށްވާ ސަރަހައްދުން 100 ވަރަކަށް ފޫޓުގެ ދިގު ސަރަހައްދަކުން ގާތައް ނެގި އެވެ. އަދި އިތުރު މަސައްކަތެއް ކުރުމެއް ނެތި އެ ތަންކޮޅެއްގައި އަލުން ގާ އަތުރައި މިހާރު ވަނީ ދުއްވާ އެއްޗިއްސަށް ވެސް މަގު ހުޅުވާލައިފަ އެވެ.
ކުއްލިއަކަށް މަގު ހަދަން ފެށުމުން އިދިކޮޅު ފަރާތްތަކުން ބުނީ އެ މަސައްކަތް ފެށީ އިދިކޮޅު ހަރަކާތްތައް ހުއްޓުވައި ޖެއްސުން ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަގު ހެދުމުގެ މަސައްކަތް ފެށީ އެ މަގުގައި ވަކި އިމާރާތެއް ހުރެގެން ނޫން ކަމަށެވެ.
މަގުތައް ހަދާއިރު އެ މަގެއްގައި ހުންނަ ގެތަކާއި އިމާރާތްތަކަށް ނުބަލާނެ ކަމަށާއި މަގު ހެދުމުގެ ކުރިން މަގުގެ ފެންވަރަށާއި ހާލަތަށް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރު މަގަކީ މީގެ ކުރިން ވެސް ހަދަން ނިންމި މަގެކެވެ.