ބޮކްސް އޮފީހުގައި އާމިރު ޚާނާއި ރަޖްނީކާންތުގެ ކުރިމަތިލުމެއް
ބޮކްސް އޮފީހުގައި އާމިރު ޚާނާއި ރަޖްނީކާންތުގެ ކުރިމަތިލުމެއް

އާމިރު ޚާންގެ "ސީކްރެޓް ސުޕަސްޓާ" އާއި ރަޖްނީކާންތާއި އަކްޝޭ ކުމާރުގެ "2.0" މި އަހަރު ފަހުކޮޅު ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާނެ އެވެ. "ސީކްރެޓް ސުޕަސްޓާ" ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތީ މި އަހަރުގެ އޮގަސްޓް ހަތަރު ވަނަ ދުވަހު ނަމަވެސް އާމިރު ވަނީ އޮކްޓޯބަރު 19 އަށް ތާރީހު ފަސްކޮށްފަ އެވެ. މިއީ އިންޑިއާގައި ދިވާލީ ފާހަގަކުރާ ދުވަސްވަރެވެ.

އާމިރުގެ ފިލްމު ފަސްކުރަން ނިންމީ ޝާހްރުކް ޚާނާއި އަނުޝްކާ ޝަރުމާގެ ފިލްމަކާއި އަކްޝޭ ކުމާރުގެ "ޓޮއިލެޓް އޭކް ޕްރޭމް ކަތާ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އޮގަސްޓް 4 ގައި ކަމަށް ވާތީ އެވެ. އެއްވަރުގެ މަޝްހޫރު ދެ އެކްޓަރުންގެ ދެ ފިލްމެއް ރިލީޒްކުރާ ދުވަހަކު އިތުރު ފިލްމެއް ރިލީޒްކުރާކަށް އެއްވެސް އެކްޓަރަކު ބޭނުމެއް ނުވާނެ އެވެ. ނަމަވެސް "ސީކްރެޓް ސުޕަސްޓާ" ރިލީޒްކުރުން ލަސްކުރުމުން އާމިރަށް ދެން ކުރިމަތިލާން ޖެހުނީ އަދި ކުރިޔަށް ވުރެ ވެސް މާ ވަރުގަދަ ފިލްމުތަކާ އެވެ.

ރަޖްނީކަންތުގެ "2.0"ގެ އިތުރުން އަޖޭ ދޭވްގަން އާއި ޕަރިނީތީ ޗޯޕްރާގެ "ގޯލްމާލް 4" ވެސް ރިލީޒްކުރަން އޮތީ ހަމަ އެ ދުވަހު ކަމަށްވެ އެވެ.

ބޮލިވުޑް ހަންގާމާގައި ބުނާ ގޮތުން "ސީކްރެޓް ސުޕަސްޓާ" އޮކްޓޯބަރަށް ފަސް ކުރަން ޖެހުމުން އާމިރު ވަނީ ރަޖްނީކާންތަށް ގުޅައި އޭނާގެ ކަންބޮޑުވުންތައް ކިޔައިދީފަ އެވެ. އަދި ރަޖްނީކާންތުގެ ފިލްމާ އާމިރުގެ ފިލްމު އެއް ދުވަހަކު ރިލީޒްކުރަން ނިންމީ އޭނާގެ ވެސް މަޝްވަރާ އާއި ހެޔޮއެދުންތަކާ އެކުގައި ކަމަށް ބުނެފައިވެ އެވެ.

ރަޖްނީކާންތު މިހާރު ގެންދަނީ އޭނާގެ "2.0" އަކީ އިންޑިއާގައި އުފައްދާ އެންމެ ވަރުގަދަ އެއް ފިލްމަށް ހެދުމަށްޓަކައި ފައިސާ އޮއްސަމުންނެވެ. ރަޖްނީގެ ފޭނުންނާއި އަކްޝޭގެ ފޭނުން މި ފިލްމު ބަލަން ޝައުގުވެރިވާނެ ކަމަށް ބެލެވެ އެވެ. އަކްޝޭ މި ފިލްމުގައި ކުޅެނީ ނުބައި ބައެވެ.

ރަޖްނީގެ ފިލްމާއި އާމިރުގެ ފިލްމަކީ ވަރަށް ތަފާތު ދެ ވައްތަރެއްގެ ފިލްމުތަކަށް ވިޔަސް ޓްރޭޑް އެކްސްޕާޓުން ބޮޑަށް ބުރަވަނީ ހިންދީ ފިލްމަށް ލޯބިކުރާ މީހުން އެންމެ ފުރަތަމަ ބަލަން ބޭނުންވާނީ އާމިރުގެ ފިލްމު ކަމަށެވެ. ސަބަބަކީ ބޮކްސް އޮފީހުގައި އާމިރުގެ ރެކޯޑް މިހާރު އޮތް ގޮތުން އޭނާގެ ފިލްމުތަކަށް އިންތިޒާރުކުރާ މީހުން ގިނަ ވީމަ އެވެ. މި ފިލްމުގައި އެކްޓްކުރުމުގެ އިތުރުން ފިލްމުގެ ޕްރޮޑީއުސަރުންނަކީ ވެސް އާމިރު އާއި އަންހެނުން ކިރަން ރާއޯ އެވެ.