ފައިސާވެރިކަމުގެ ސަބަބުން ތިމާގެކަމުގެ ގުޅުން ކެނޑޭތަ؟
ފައިސާވެރިކަމުގެ ސަބަބުން ތިމާގެކަމުގެ ގުޅުން ކެނޑޭތަ؟

އެއްބަނޑު އެއްބަފާ ދެބެންގެ އޮންނަ ގުޅުމަކީ ވަރަށް ވަރުގަދަ ގާތް ގުޅުމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާނެ އެވެ. ނަމަވެސް އެއްބަނޑު އެއްބަފަޔަސް ހުރިހާ އެންމެންގެ މިފަދަ ގުޅުމެއް ނޯވެ އެވެ. ފައިސާ އާއި މަޝްހޫރު ކަމަކީ ވެސް އެއްބަނޑު އެއްބަފާ ގުޅުމަށް ބުރޫ އަރާ ކަމެއްގެ ގޮތުގައި އޮންނަނީ ބެލެވިފަ އެވެ.

ފައިސާވެރިކަމުގެ ސަބަބުން ތިމާގެކަމުގެ ގުޅުން ކެނޑޭތަ؟
ފައިސާވެރިކަމުގެ ސަބަބުން ތިމާގެކަމުގެ ގުޅުން ކެނޑޭތަ؟

އެއްބަނޑު ނުވަތަ އެއްބަފާ މީހުންގެ ތެރެއިން، މަޝްހޫރު މީހުންގެ ދިރިއުޅުމަށް ބަލާލުމުން މިކަން ވަރަށް ރަނގަޅަށް ދޭހަވެ އެވެ. އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީގެ މިހާރުގެ ލޯބިވެރިޔާ، ބަތަލާ މޭގަން މާކްލްގެ އެއްބަފާ ދައްތަ ސަމަންތާ ގްރާންޓް އޭނާގެ ހަޔާތުގެ ސިއްރުތައް ހާމަކޮށް ލިޔެފައިވާ ފޮތުގައި ހުރި މިކަހަލަ ވާހަކަތަކެކެވެ.

"ދަ ޑައިރީ އޮފް ޕްރިންސަސް ޕުޝީޒް ސިސްޓާ" ކިޔާ މި ފޮތުގައި ސަމަންތާ ވަނީ މެގަން އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އިންޑިއާގެ މަހުޖަނުންގެ ތެރޭގައި ހިމެނޭ އަމްބާނީގެ ދެބެންގެ ދިރިއުޅުމަށް ބަލާލުމުން ވެސް އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމުގެ އެއްވެސް އަސަރެއް ނުފެނެ އެވެ. މުކޭޝް އާއި އަނިލް އަމްބާނީގެ މެދުގައި ފެށުނީއްސުރެ ވެސް އޮތީ ވާދަވެރިކަމާއި ހަސަދަވެރި ކަމެވެ. އަދި ދެބެންގެ އާއިލާގެ މެދުގައި ވެސް އެއްވެސް ކަހަލަ ގާތްކަމެއް ނެތެވެ. މި ދެބެން މުދަލާ ހެދި އެކަކު އަނެކަކު ކޯޓަށް ވެސް ގެންގޮސްފައިވެ އެވެ.

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ލަތާ މަންގޭޝްކަރް އާއި އާޝާ ބޯސްލޭ އަކީ ވެސް ދެބެންނެވެ. ނަމަވެސް ފާއިތުވީ ތަނުގައި މި ދެ މީހުންގެ މެދުގައި ހިނގާފައިވާ ވަރުގަދަ ހަނގުރާމަތައް އެކި ދުވަސްވަރު ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. ލަވަކިޔުމުގެ ރޮނގުން ލަތާގެ ތަރި މެދު އުޑުގައި ފިޔަޖަހަން ފެށިއިރު އާޝާ އަކީ އެ ރޮނގުން ކުރިޔަށްދެވޭތޯ މަސައްކަތް ކުރަމުންދިޔަ މީހެކެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މި ދެ ބެންގެ މެދުގައި ވެސް އޮތީ ހަސަދަވެރި ކަމެވެ. އެކަކަށް ވުރެ އަނެކަކު ކާމިޔާބު ވެދާނެތީ ހިތުގައި އުފެދިފައި އޮތް ހަސަދަ އެވެ. ނަމަވެސް ވަރަށް ކުރިން ލަތާ ފިލްމީ މަޖައްލާއަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ އޭނާ އާއި އާޝާ ދުރުވާން މެދުވެރިވީ އާޝާގެ ފުރަތަމަ ފިރިމީހާ ގަންޕަތުރާއޯ ބޯސްލޭގެ ސަބަބުން ކަމަށެވެ. އާޝާގެ އާއިލާގެ މެންބަރުންނާ އޭނާ އެއްވެސް ގުޅުމެއް ބާއްވަން އާޝާގެ ފިރިމީހާ ގަބޫލު ނުވީ ކަމަށް ލަތާ ބުނެފައިވެ އެވެ.

ނަމަވެސް ފަހުން އާޝާ ދިން އިންޓަވިއުއެއްގައި އޭނަގެ ފުރަތަމަ ކައިވެނި ރޫޅުމުން ލަތާ އެއްގޮތަކަށް ވެސް އެހީތެރިކަމެއް ފޯރުކޮށްނުދިންކަމަށް ބުނެ ވާހަކަ ދައްކާފައިވެ އެވެ.

މަޝްހޫރު މީހުންގެ މެދުގައި އޮންނަ ތިމާގެ ކަމުގެ ގުޅުމަށް ބުރޫ އަރާ އެއް ސަބަބަކަށް ކާމިޔާބު ލިބޭ މީހާ އަނެއް މީހާ އޭނާގެ މަގާމު އަތުލަފާނެތީ ގަންނަ ބިރު ވެސް އޮވެ އެވެ. މީހުންގެ ލޯބި މާބޮޑަށް ލިބެން ފެށުމުން އެކަމުގެ މަސްތުގައި ޖެހި ގާތްތިމާގެކަމުގެ ގުޅުންތައް ވެސް ހަނދާން ނައްތާލެވޭތަން އާދެ އެވެ. ގިނަ މީހުން އާއިލާގެ ތެރެއިން އެމީހުންގެ ވާދަވެރިން ނުކުންނާކަށް ބޭނުމެއް ނުވެ އެވެ. ލަތާ އާއި އާޝާގެ ގުޅުމުގައި ދިމާވީ މިކަހަލަ މައްސަލައެއް ކަމަށް ބެލެވެ އެވެ.

މަޝްހޫރު އެކްޓަރު އާމިރު ޚާނާއި އޭނާގެ ކޮއްކޮ ފައިސަލް ޚާންގެ މެދުގައި ވެސް ޖެހުނީ މިފަދަ ހަސަދަވެރިކަމުގެ މައްސަލަ ތަކެކެވެ. ފައިސަލް ޚާން ލީޑް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފްވީ 1994 ގައި ނުކުތް "މަދުހޯޝް" އިންނެވެ. އަދި އޭގެ ފަހުން "މޭލާ" ކިޔާ ފިލްމެއް ވެސް ކުޅުނެވެ. ނަމަވެސް އާމިރުގެ ފުރަތަމަ ފިލްމު "ގަޔާމަތު ސޭ ގަޔާމަތު ތަކް" ވެސް ވީ ބްލޮކްބަސްޓާ އަކަށެވެ. އަދި ދެން ރިލީޒްކުރި އާމިރުގެ ގިނަ ފިލްމުތަކެއް ވެސް ބޮޑު ކާމިޔާބީއެއް ހޯދާ ފައިސަލް އަށް ވުރެ އާމިރު ކުރިއަރައިގެން ދިޔަ އެވެ. ފަހުން ފައިސަލް އަށް ނަފްސާނީ މައްސަލަތަކެއް ވެސް ދިމާވެ ފިލްމު ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދަކުރި އެވެ. އޭނާގެ ވެސް މައްސަލައަކަށްވީ އާމިރަށް ލިބެމުންދިޔަ ވަރުގެ ކާމިޔާބީއެއް ނުލިބުމެވެ.

ނަފްސާނީ މާހިރުން ބުނާ ގޮތުގައި ގިނަ ފަހަރަށް ދެބެންގެ ދޭތެރޭ ހަސަދަވެރިކަމާއި ދެކޮޅުވެރިކަން އުފެދެނީ ގަސްތުގައި ކުރާ ކަމަކުން ނޫނެވެ. އެއީ އެކަކު މާ ބޮޑަށް ކުރިއަރައި ކާމިޔާބީތައް ހޯދާތަން ފެނުމުން އަނެކެއްގެ ހިތުގައި އުފެދޭ ޖަޒުބާތެކެވެ. މިފަދަ ކަންތައްތައް ކުދިން ކުޑައިރު އާއިލާގެ މީހުން ވިސްނައިގެން ފިޔަވަޅު އަޅައިގެން ކުޑަ ކުރެވިދާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. ނަމަވެސް އެއީ ކޮންމެވެސް މިންވަރަކަށެވެ.