17 ޖޫން 2016 - 08:00

ދުރްގާ ކަމީ ކުޑައިރު ބޭނުންވީ ޓީޗަރަކަށް ވާށެވެ. ނަމަވެސް މިއަދު ކަމީ، 68، އަކީ ދަރިވަރެކެވެ. ހަ ދަރިންނާއި ކާފަދަރިން 8 ދަރިން ތިބި ކަމީ އަކީ ނޭޕާލްގެ އަމިއްލަ ސްކޫލެއްގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރެކެވެ.
ކަމީ ބުނި ގޮތުގައި ކުޑައިރު ކިތަންމެ ކިޔަވާހިތް ވިޔަސް އާއިލާގެ ފަގީރުކަމުން އޭނާއަށް ކިޔެވޭނެ ގޮތެއް ނުވި އެވެ. ނަމަވެސް މީގެ 15 އަހަރު ކުރިން އަނބިމީހާ މަރުވުމުން ލިބުނު އެކަނިވެރިކަން ފިލުވާލަން ކިޔަވަން ފަށަން އޭނާ ނިންމީ އެވެ.
ކަމީގެ ބޮޑެތިވެފައިވާ ދަރިން މީހުންނާ އިނދެގެން އެކި ތަންތަނަށް ދިރިއުޅުން ބަދަލުކޮށްފައި ވާއިރު، ނޭޕާލްގެ ސިންގްޖާ ޑިސްޓްރިކްޓްގެ ހިލްޓޮޕް އަވަށެއްގައި ކުޑަކުޑަ އެއް ކޮޓަރީގެ ގެއެއްގައި ކަމީ އުޅެނީ އެކަނިމާއެކަންޏެވެ. މި އަވަށަކީ ވެރިރަށް ކަތުމަންޑޫއާ 150 މޭލު ދުރުގައި އޮންނަ ކުޑަކުޑަ އަވަށެކެވެ.
"އަނބިމީހާ މަރުވުމުން ލިބުނު ހިތާމަތައް ހަނދާން ނައްތާލަންވެގެން ސްކޫލަށް ދާން ފެށީ،" ރޮއިޓާޒް އަށް ދީފައިވާ އިންޓަވިއުއެއްގައި ކަމީ ބުނެފައިވެ އެވެ.
އުމުރުން ކިތަންމެ ދުވަސް ވެފައި ހުއްޓަސް މަރުވަންދެން ވެސް ތައުލީމު އުނގެނެން ކަމީ ވަނީ އަޒުމު ކަނޑައަޅާފަ އެވެ.
ކަމީގެ އުންމީދަކީ އުމުރަކީ ކިޔަވަން އޮތް ހުރަހަކަށް ނުބަލައި ތައުލީމު އުނގެނުމުގައި ކުރިޔަށް ދިއުމަށް އެހެން މީހުންނަށް ހިތްވަރު ދިނުމެވެ.
"ފަހަރެއްގައި އަހަރެން ކަހަލަ ނުރަ ތުނބުޅިލީ މީހަކު ސްކޫލަށް ކިޔަވަންދާތަން ފެނިފައި އެހެން މީހުން ވެސް ހިތްވަރު ލިބިގެން ކިޔަވަން ފެށުމަކީ ވަރަށް އެދޭ ކަމެއް،" ކަމީ ބުނެފައިވެ އެވެ.
އދ.ގެ ރިޕޯޓު ބުނާ ގޮތުން ނޭޕާލްގައި ލިޔަންކިޔަން އެނގޭ މީހުންގެ ނިސްބަތް އުޅެނީ އެންމެ 58 ޕަސެންޓުގަ އެވެ. ނަމަވެސް ޒުވާނުންނަށް ލިޔަންކިޔަން އެނގޭ މިންވަރު އުޅެނީ 90 ޕަސެންޓުގަ އެވެ.
ހަތާވީސް މިލިއަނުގެ އާބާދީއެއް އޮންނަ ނޭޕާލް ސަރުކާރުން ބުނެފައި ވަނީ އެ ގައުމުގެ އާބާދީގެ ތެރެއިން 1.74 މިލިއަން ބޮޑެތި މީހުންނަށް އެ ގައުމުގެ އެކި ކަންކޮޅުތަކުގައި 20،000 ކްލާސް ހިންގައިގެން އަސާސީ ތައުލީމު ފެންވަރަށް ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކަމީ އަންނަ އަހަރު ބާއްވާ ނޭޝަނަލް ސްކޫލް ލީވިން ސެޓްފިކެޓް އިމްތިހާނުގައި ބައިވެރިވާނެ އެވެ. އޭނާއާ އެކު ނޭޕާލްގެ ބައި މިލިއަން ކިޔަވާ ކުދިން މި އިމްތިހާނު ހަދާނެ އެވެ. އެ ގައުމުގައި މި އިމްތިހާނަށް ނަން ދީފައިވަނީ "އަޔަން ގޭޓް" ނުވަތަ ދަގަނޑު ދޮރު ގެ ނަމުންނެވެ. މާނައަކީ މި އިމްތިހާނުން ފާސްވެއްޖެ ނަމަ ކިޔެވުމުގައި ރަނގަޅު ހިސާބަކަށް ދެވުނީ އެވެ.
ކަމީ އޭނާގެ ކްލާހުގައި އުޅޭ އެކުވެރި ކުދިންގެ ކައިރީ ބުނެފައި ވަނީ މި އިމްތިހާނުން ފާސްވެއްޖެ ނަމަ އޭނާގެ ތުނބުޅި ބާލާނެ ކަމަށެވެ.