ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓު ހޮވައިފި އެވެ.
މި ސްކޮލަޝިޕް ލިބުނީ ސާފްކުރާ ސައްޔިދު
ސަލާހުއްދީނަށެވެ. މި ސްކޮލަޝިޕްގެ
ދަށުން ސައްޔިދުގެ ޓްރެއިނިން ކުރިއަށް ގެންދާނީ ޗައިނާ އާއި ފިލިޕީންސާއި އިންޑޮނޭޝިއާގަ އެވެ.
އަދި އޮސްޓްރޭލިއާގައި ކުރިއަށްދާ މުބާރާތެއްގައި ވެސް ބައިވެރިވާނެ އެވެ. އޭގެ އިތުރުން، މުބާރާތާއި ޓްރެއިނިންއަށް ބޭނުންވާ އިކުއިޕްމެންޓް، މި ސްކޮލަޝިޕްގެ
ދަށުން ފޯރުކޮށްދޭނެ އެވެ.
މި ސްކޮލަޝިޕް
ޕްރޮގްރާމަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ
ކާމިޔާބެއް ހޯދުމުގައި އެހީތެރިވާން ދޭ ސްކޮލަޝިޕެކެވެ. މި ސްކޮލަޝިޕް ލިބޭ އެތުލީޓުން
ހޮވާފައި ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ އެކު ގާއިމުކޮށްފައިވާ
އެއްބަސްވުމެއްގެ ދަށުން އެމްއޯސީއިންނެވެ. ބޭންކުން ހުރިހާ ހަރަދެއް ފޯރުކޮށްދޭ މި
ސްކޮލަޝިޕަށް ހޮވޭ އެތުލީޓުންނަށް ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީނުވުމުގެ
ފުރުސަތު ލިބޭނެ އެވެ.
ބީއެމްއެލް
ސްޕޯޓްސް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް މި ސްކޮލަޝިޕްގެ
ދަށުން ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވެ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ، ސްވިމިން، ޓެނިސް،
ބާސްކެޓްބޯޅަ، ސާފިން ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭސިއޭޝަންތަކާ އެކު
ގާއިމްކޮށްފައިވާ އެކި ޕާޓްނަޝިޕްތަކުގެ ދަށުން ބޭންކުން ދަނީ އެ
އެސޯސިއޭޝަންތަކަށް އެހީތެރިވަމުންނެވެ.
ދިވެހިރާއްޖޭގެ
ކުޅިވަރު ތަރައްގީކޮށް ކުރިއަރުވަން ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ
އަގުވަޒަންކޮށް، ސްޕޯޓްސް މިނިސްޓްރީން ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭންކަށް ހާއްސަ އެވޯޑެއް ވެސް ދީފަ އެވެ.