ޓްރަމްޕުގެ ދަނބިދަރިކަލުންނާ މައްސަލަ ޖެހި މުޝީރުންގެ ޓީމު ބަދަލު ކުރަނީ
ޓްރަމްޕުގެ ދަނބިދަރިކަލުންނާ މައްސަލަ ޖެހި މުޝީރުންގެ ޓީމު ބަދަލު ކުރަނީ

ވޮޝިންޓަން (އެޕްރީލް 10) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިސް މުޝީރުންގެ ޓީމަށް ގެންނަ ބަދަލުތަކާ އެކު ވައިޓް ހައުސްގެ މަތީ މަގާމުތަކުގައި ތިއްބެވި ޓްރަމްޕުގެ އެޑްވައިޒަރު ސްޓީވް ބެނަން އާއި ޗީފް އޮފް ސްޓާފް ރެއިން ޕްރީބަސްގެ ވަޒީފާއާ މެދު ސުވާލު އުފެދިއްޖެ އެވެ.

ޓްރަމްޕުގެ ދަނބިދަރިކަލުންނާ މައްސަލަ ޖެހި މުޝީރުންގެ ޓީމު ބަދަލު ކުރަނީ
ޓްރަމްޕުގެ ދަނބިދަރިކަލުންނާ މައްސަލަ ޖެހި މުޝީރުންގެ ޓީމު ބަދަލު ކުރަނީ

ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާގެ ބާރު، ވެރިކަމުގެ ތެރޭގައި ގަދަވެގެން ދާން ފެށުމާ އެކު ޓްރަމްޕުގެ އެންމެ އިސް މުޝީރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބެނަން މިހާރު ދަނީ ބާކީވަމުންނެވެ. ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) އިން ބެނަން ދާދި ފަހުން ވަނީ ބޭރުކޮށްފަ އެވެ. އެންއެސްސީ އަކީ ގައުމީ ސަލާމަތާ ބެހޭ ކަންކަމާއި ޚާރިޖީ ކަންކަމާ ގުޅޭ ގޮތުން ރައީސް ޓްރަމްޕަށް ލަފާ އަރުވާ ކައުންސިލެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕް ވެރިކަމަށް ގެނައުމުގައި ސިޔާސަތުތައް އެކުލަވާލުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރެއްވި ބެނަން އާއި ޓްރަމްޕުގެ ދަރިކަނބަލުން އިވާންކާގެ ފިރިކަލުން ކުޝްނާއާ ދެމެދު ވަނީ ގުޅުން ގޯސްވެފަ އެވެ. ޓްރަމްޕުގެ އެތެރެ ކޮއިލުން ބެނަން ބާކީވަމުންދާ އިރު ކުޝްނާގެ ބާރު ދަނީ ސަރުކާރުގައި ގަދަކުރަމުންނެވެ. އެމެރިކާ ސަރުކާރުގެ ބޮޑެތި ނިންމުންތަކުގައި ލީޑް ރޯލް ކުޝްނާ ކުޅުއްވާ އިރު ޚާރިޖީ ސިޔާސަތުގައި ވެސް އޭނާގެ ރޯލު ބޮޑެވެ. ކުޝްނާ މިދިޔަ ހަފުތާގައި ވަނީ އިރާގަށް ވެސް ވަޑައިގެންފަ އެވެ.

ޓްރަމްޕުގެ ޑިޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކޭޓީ މެކްފާލޭންޑް ވެސް އިސްތިއުފާ ދިނުމަށް މިހާރު ވަނީ އަންގަވައިފަ އެވެ. ފޮކްސް ނިއުސްގެ އެނަލިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި މެކްފާލޭންޑަށް ވަނީ ސިންގަޕޫރު ސަފީރުގެ މަގާމު ހުށަހަޅާފައި ކަމަށްވެ އެވެ.

ޑިޕްލޮމެޓިކް އަދި ސަރުކާރު ހިންގުމާއި އަސްކަރީ އެއްވެސް ތަޖުރިބާއެއް ނެތް ނަމަވެސް ޓްރަމްޕުގެ ސީނިއާ އެޑްވައިޒަރުގެ ހައިސިއްޔަތުން އެމެރިކާ ސަރުކާރުގެ ވަރަށް ގިނަ މަސައްކަތްތަކާ ކުޝްނާ ވަނީ ހަވާލުވެވަޑައިގެންފަ އެވެ. ފެޑެރަލް ބިއުރޮކްރެސީ ރިފޯމް ޓާސްކް ފޯހުގެ މަސައްކަތް ވެސް ޓްރަމްޕް ހަވާލު ކުރައްވާފައި ވަނީ ކުޝްނާ އަށެވެ. އަދި އޭނާ އަށް ވަނީ މެދުއިރުމައްޗާއި ކެނެޑާ އަދި މެކްސިކޯއާ އެކު އޮންނަ ގުޅުމާ ބެހޭ އެމެރިކާގެ ޝެޑޯ ޑިޕްލޮމެެޓުގެ ރޯލު ވެސް ހަވާލުކޮށްފަ އެވެ. އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމްކުރުމުގެ މަސައްކަތުގެ އެންމެ އިސް ރޯލެއް އަދާކުރުމަށް ވެސް ހަމަޖައްސާފައި ވަނީ ކުޝްނާ އެވެ.