ޓީޗަރުންނަށް ފަށާ އިނގިރޭސި ކޯހާ މެދު ކަންބޮޑުވުން އުފެދިއްޖެ
ޓީޗަރުންނަށް ފަށާ އިނގިރޭސި ކޯހާ މެދު ކަންބޮޑުވުން އުފެދިއްޖެ

ސަރުކާރުގެ ސްކޫލްތަކުގެ ވެރިންނާއި ހުރިހާ މުދައްރިސުންނާއި އިދާރީ މުވައްޒަފުންގެ އިނގިރޭސި ފެންވަރު މަތި ކުރުމަށް ބޭރުގެ ފަރާތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ފަށަން ތައްޔާރުވަމުން އަންނަ ޕްރޮގްރާމާ މެދު ބައެއް ޓީޗަރުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ އެވެ.

މާލޭގެ ސްކޫލްތަކުގެ ބައެއް ޓީޗަރުން ބުނި ގޮތުގައި އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ކޮން ގޮތަކަށް ކަމެއް ކަށަވަރެއް ނުވެ އެވެ. އެކި މީހުން އެކި ގޮތަށް މައުލޫމާތު ދޭއިރު، އެ ޕްރޮގްރާމްގެ ފީގެ ޖުމްލައަކީ ވެސް ކިހާ ވަރެއް ކަމެއް އަދި ނޭނގެ އެވެ.

މާލޭ ސްކޫލެއްގެ ސާނަވީ ޓީޗަރަކު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްގައި ހުރިހާ ޓީޗަރުން ބައިވެރިވާން ޖެހޭނެ ކަމަށް ވަނީ އަންގައިފަ އެވެ. އަދި ނުވަ މަސްދުވަހަށް ހިންގާ އެ ޕްރޮގްރާމްގައި ބައިވެރިވުމުން ކޯސް ފީގެ ގޮތުގައި މުސާރަ އިން މަހަކު 1،600ރ. ކަނޑާނެ ކަން ވެސް ވަނީ އަންގައިފަ އެވެ.

"ނަމަވެސް އެކި ސްކޫލްތަކުގެ ޓީޗަރުން ބުނަނީ އެކި ގޮތަށް. އެހެން ޓީޗަރަކު އެބަ ބުނޭ އެ ސްކޫލުން އެންގިޔޭ މަހަކު މުސާރަ އިން ކަނޑާނީ 2،000ރ، އޭ ވެސް. އެކަމަކު ކިޔަވަން ޖެހެނީ ކިތައް މަސްދުވަސް ވަންދެން ކަމެއް އަދި ނޭނގެޔޭ. އެހެންވީމާ މި ވާނުވާއެއް ނޭނގޭ. ބައެއް މީހުން ބުނޭ ކޯހުގައި ބައިވެރިވާން މަޖުބޫރޭ ވެސް. އަނެއް ބަޔަކު ބުނޭ މަޖުބޫރު ކަމެއް ނޭނގެޔޭ،" މާލޭގެ ސްކޫލެއްގެ ޓީޗަރަކު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވުން އެއްވެސް ހާލެއްގައި މަޖުބޫރު ނޫން ކަމަށެވެ. އަދި މިއީ އޮންލައިން ކޯހެއް ކަމުން އެ މުދައްރިސަކު ބޭނުން ވަގުތަކު ކޯސް ހެދޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. މީގެ އިތުރުން ސްކޫލުތަކުގެ އިދާރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ އިހްތިޔާރު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިކޯހުގައި، ދިވެހި ބަހުން ކިޔަވައިދޭ މާއްދާތަކުގެ މުދައްރިސުން ބައިވެރިވުމަކީ މަޖުބޫރު ކަމެއް ނޫނެވެ.

އެޑިޔުކޭޝަނުން ބުނި ގޮތުގައި މިއީ ތިން އަހަރުގެ ޕްރޮގްރާމަކަށްވާ އިރު، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ވަކި މުހުލަތެއް ނޯންނާނެ އެވެ. މީގެ އިތުރުން ކޯހުގެ ފީ އަކީ މަހަކު 1،600 ރުފިޔާ އެވެ. އަަދި ކޯހުގެ ފީއަށް ވާ ފައިސާ މުސާރަ އިން ކަނޑާ ގޮތަށް ވެސް ނުވަތަ އެ މީހަކު ވަކިން ފައިސާ ދައްކާ ގޮތަށް ވެސް ހަމަޖެހޭނެ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ..

ނަމަވެސް މިދިޔަ މާޗް މަހުގެ ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން މާލޭގެ ސްކޫލްތަކަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި މި ޕްރޮގްރާމްގައި އެ ސްކޫލްތަކުގެ ހުރިހާ ޓީޗަރުން ބައިވެރިވާންޖެހެ އެވެ.

އަދި އެކަމުގައި، ދިވެހި ބަހުން މާއްދާތައް ކިޔަވައިދޭ ޓީޗަރުން ވެސް އިސްތިސްނާ ނުވާ ކަމަށާއި އެ ޕްރޮގްރާމްގައި ބައިވެރިވުމަކީ ޓީޗަރުންނަށް އޮތް އިޚްތިޔާރީ ކަމެއް ނޫން ކަމަށް ވެސް މާލޭގެ ބައެއް ސްކޫލްތަކުން ބުންޏެވެ.

"ހުރިހާ ސްކޫލެއްގެ ޓީޗަރުން ވެސް ހަދަން ޖެހޭ ކަމަށް ވަނީ އަންގާފަ. އިންގްލިޝް މީޑިއަމް، ދިވެހި، އިސްލާމް އަދި ގުރުއާން ކިޔަވާދޭ ޓީޗަރުން ވެސް،" މާލޭ ސްކޫލެއްގެ މުދައްރިސަކު "މިހާރު" އަށް ވިދާޅުވި އެވެ.

އެޑިޔުކޭޝަނުންނާއި ބައެއް ސްކޫލްތަކުން ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ، މި ކޯސް ހަދަންޖެހޭނެ މީހުން ކަނޑައެޅުމަށްޓަކައި ފެންވަރު ބެލުމުގެ ގޮތުން ނަގާ ޓެސްޓު ހެދުމުގެ މަސައްކަތެވެ. އިނގިރޭސި ބަހުގެ ފެންވަރު ބެލުމަށް ބާއްވާ ޓެސްޓު ވެސް ނަގަނީ އޮންލައިން ކޮށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމްގައި ކިޔަވައިދޭނީ ބޭރުގެ ޖަމާއަތެއް ކަމަށްވާ "އިންގްލިޝް ފަސްޓް"ގެ ތަޖުރިބާކާރުންނެވެ.

އެޑިއުކޭޝަނުން ސްކޫލުތަކަށް ފޮނުވި ސިޓީގައިވާ ގޮތުން ޓީޗަރުންގެ މުސާރަ އިން ކޯހުގެ ފީ ކެނޑުމާ މެދު އިއުތިރާޒެއް ނެތް ކަމަށް އިގްރާރެއްގައި ސޮއި ކުރަން ޖެހެ އެވެ. އަދި އިނގިރޭސި ފެންވަރު ބެލުމަށް ބާއްވާ ޓެސްޓްގައި ސްކޫލުގެ ހުރިހާ ޓީޗަރުން ބައިވެރިވާ ކަން ކަށަވަރު ކުރަން ޖެހެ އެވެ.