ފުޓްސަލް އާއި ފުޓްބޯޅަ ވަކިކޮށްލަނީ
ފުޓްސަލް އާއި ފުޓްބޯޅަ ވަކިކޮށްލަނީ

ފުޓްބޯޅަ އާއި ފުޓްސަލް ވަކިކޮށްލުމަށް ފަހު ކުޅުންތެރިން މީގެ ތެރެއިން ކޮންމެވެސް އެއް ކުޅިވަރެއް ކުރިމަގުގައި އިހުތިޔާރުކުރަން ޖެހޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ފުޓްބޯޅަ ކުޅުންތެރިން ފުޓްސަލް މުބާރާތްތަކަށް ވީއްލަން ޖެހި ކްލަބްތަކަށް އަންނަނީ އަބަދުވެސް އުނދަގޫތައް ކުރިމަތިވަމުންނެވެ. އެގޮތުން ދާދި ފަހުން އެސްޓީއޯ މާލޭ ލީގުގައި ނިއު ރޭޑިއަންޓް އަތުން 1-0 އިން ކްލަބް ވެލެންސިއާ ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ފުޓްސަލް ކުޅެނިކޮށް އަނިޔާވެގެންނާއި ފުޓްސަލް ކުޅެން ދޫކުރަން ޖެހިގެން އެ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް އެ މެޗުގައި ނުކުޅެވުނު ކަމަށެވެ. ފެސްކޯ ވަނީ މިކަމަށް އެފްއޭއެމުން ހައްލެއް ހޯދައިދޭން އެދިފަ އެވެ.

ބައްސާމް ވިދާޅުވީ ރާއްޖޭގެ ގިނަ ކުޅުންތެރިންނަކީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިން އިތުރު ވަޒީފާއެއް އަދާކުރަން ޖެހޭއިރު އެ ވަޒީފާ ގިނަ ފަހަރަށް ލިބެނީ މިފަދަ މުބާރާތްތަކުގައި ކުޅެން ޝަރުތުކޮށްފައި ކަމަށެވެ.

"އެހެންކަމުން މިއީ ވަރަށް އުނދަގޫ މައްސަލައެއް. އެކަމަކު މިކަމާ ވިސްނަން ޖެހޭ،" ބައްސާމް ވިދާޅުވި އެވެ. "އެގޮތުން މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕަށް ފަހު އަޅުގަނޑުމެން ވާހަކަދައްކާނަން ފުޓްބޯޅަ އޮފް ސީޒަނުގައި މުބާރާތް ކުރިއަށް ގެންދިއުމާ ބެހޭގޮތުން."

ބައްސާމް ވިދާޅުވީ އެފްއޭއެމުން މި އަހަރު ތެރޭ ރަސްމީކޮށް ފުޓްސަލްގެ ހަރަކާތްތައް ފަށާނެ ކަމަށާއި އެކަމަށް ގަވާއިދު ހަދައި އަދި ރިސޯޓްތަކަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއް ފަށާނެ ކަމަށެވެ.

"ފުޓްސަލް ގަވާއިދު ހެދުމާ އެކު ކުޅުންތެރިން އިހުތިޔާރުކުރަން ޖެހޭނެ ކޮންމެވެސް އެއް ކުޅިވަރެއް. ފުޓްބޯޅަ ނުވަތަ ފުޓްސަލް ނަގަން ޖެހޭނެ،" ބައްސާމް ވިދާޅުވި އެވެ.

ރަށްރަށުގައި އަދި މާލޭގައި އޮފީސްތަކާއި ކުދިކުދި ކްލަބްތަކުގެ މެދުގައި ގަވާއިދުން ފުޓްސަލް މުބާރާތްތައް ފަހަކަށް އައިސް އަންނަނީ ބާއްވަމުންނެވެ. ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްބޯޅަ ކުޅުންތެރިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ގަވާއިދުން ކުޅެ އެކަމުން އާމްދަނީއެއް ވެސް ހޯދަމުންނެވެ. އަދި މާލޭގައި ބާއްވާ މުބާރާތްތަކުގައި ގިނަ ކުޅުންތެރިން އޮފީސް ޓީމަށް ވެސް ކުޅެ އެވެ.

މިނީ ފުޓްބޯޅައިގެ ގޮތުގައި މަޝްހޫރު ވެފައިވާ ފުޓްސަލް އަކީ އިންޑޯ ކުޅިވަރެއް ނަމަވެސް ރާއްޖޭގައި އެ ކުޅިވަރު ކުޅެނީ އައުޓްޑޯގަ އެވެ. ރާއްޖޭގައި ފުޓްސަލްގެ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. ރިޓަޔާޑް ފުޓްބޯޅަ ކުޅުންތެރިންތަކެއް ހިމަނައިގެން މީގެ ކުރިން ފުޓްސަލް ގައުމީ ޓީމެއް އެކުލަވާލައި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ވެސް ވާދަކުރި އެވެ.