މުސްކުޅިންނަށް އަނިޔާކުރާ މައްސަލަ އިންޑިއާގައި ބޮޑު: ސާވޭ
މުސްކުޅިންނަށް އަނިޔާކުރާ މައްސަލަ އިންޑިއާގައި ބޮޑު: ސާވޭ

އިންޑިއާގެ ގެއެއްގައި 60 އަހަރުގެ މީހަކު 85 އަހަރުގެ މަންމައަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު މި ވީޑިއޯ ބަލައި އެއަށް ކޮމެންޓްކުރަން ފެށި އެވެ. އަދި މި ވީޑިއޯއިން ފެންނަ މަންޒަރާއި ހެލްޕޭޖް އިންޑިއާ އިން ކޮށްފައިވާ ސާވޭއެއްގެ ނަތީޖާއާ ދިމާވެ އެވެ.

މި ސާވޭގެ ނަތީޖާ ދެއްކި ގޮތުން އިންޑިއާގެ މުސްކުޅިންގެ ތެރެއިން އެންމެ މަދުވެގެން ފަސް މީހަކުން އެކަކަށް ގޭތެރޭގައި އަނިޔާ ލިބެ އެވެ. އަދި މި ސާވޭއިން އެނގުނު އަނެއް ކަމަކީ، މިގޮތަށް އަނިޔާ ލިބޭ މީހުންގެ ހިމާޔަތަށް ހަދާފައިވާ ގާނޫނުތައް ހުރި ނަމަވެސް އަނިޔާ ލިބޭ މީހުންގެ ތެރެއިން 98 ޕަސެންޓް މީހުން އެކަމުގެ ޝަކުވާއެއް ކަމާބެހޭ ފަރާތަކަށް ނުކުރެ އެވެ.

މުސްކުޅިންނަށް އަނިޔާކުރުމާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމުގެ ދުވަސް ދުނިޔޭގައި މިއަދު ފާހަގަކުރަމުން ދާއިރު އެންޖީއޯތަކުން މިގޮތަށް އަނިޔާ ލިބޭ މުސްކުޅިންނަށް އިލްތިމާސް ކުރަނީ އެމީހުންނަށް ލިބޭ އަނިޔާ ސިއްރުކޮށްގެން ނުތިބެ އެކަމާ ދެކޮޅަށް ތެދުވެ އަޑު އުފުލުމަށެވެ.

އިންޑިއާގައި އެންމެ ގިނައިން މުސްކުޅިންނަށް އަނިޔާ ލިބެނީ އެމީހުންގެ ފިރިހެން ދަރިން، ޅީ ދަރިން އަދި އަންހެން ދަރިންގެ ފަރާތުންނެވެ. އަދި މިގޮތަށް އަނިޔާ ލިބޭ މީހުންގެ ތެރެއިން 53.2 ޕަސެންޓަކީ މުދަލުގެ މައްސަލަތަކުގައި އަނިޔާ ލިބޭ މީހުންނެވެ.

ދިއްލީން އެކަނިވެސް ކޮންމެ މަހަކު 150 އަށް ވުރެ ގިނަ ކޯލް މިގޮތަށް އަނިޔާ ކުރާ މީހުންގެ ފަރާތުން ހެލްޕޭޖް އިންޑިއާއަށް ލިބިފައިވާ ކަމަށް އެފަރާތުން ބުނެފައިވެ އެވެ.

ހެލްޕޭޖް އިންޑިއާ ހެލްޕްލައިންއާ ހަވާލުވެ ހުރި ގީތިކާ ސެންގުޕްތާ ބުނި ގޮތުގައި އެމީހުންނަށް ލިބޭ މިފަދަ ގިނަ ކޯލްތަކުގައި ޝަކުވާކުރާ ގިނަ މީހުން ބުނެފައި ވަނީ އަނިޔާކުރަނީ މުދަލާ ހެދި ނުވަތަ ފައިސާއާ ހެދި ކަމަށެވެ.

ގީތިކާ ބުނި ގޮތުގައި ގިނަ ފަހަރަށް ހެލްޕްލައިނަށް ގުޅަނީ އަނިޔާ ލިބޭ މީހާއެއް ނޫނެވެ. އެމީހާގެ އަވަށްޓެރިން ނުވަތަ ހެޔޮއެދޭ ކޮންމެވެސް މީހެކެވެ.

އަނިޔާ ލިބޭ މުސްކުޅިންގެ ތެރެއިން ބައެއް މީހުން ޝަކުވާކުރަން ޖެހިލުންވަނީ އެކަން އެނގިއްޖެ ނަމަ އިތުރަށް ލިބިދާނެ އަނިޔާއަކަށްޓަކަ އެވެ. އަނެއްބަޔަކު އެމީހުންގެ އަމިއްލަ މައްސަލަތައް އާންމުންނަށް އަންގަން ބޭނުން ނުވާތީ އެވެ.

ފާއިތުވީ ދުވަސްތަކުގައި، އަންހެންދަރިން މައިންނަށް އަނިޔާކުރާ މައްސަލަތައް އިތުރުވަމުން ގޮސްފައިވާކަން ވެސް ގީތިކާ ފާހަގަކުރި އެވެ.

މުސްކުޅިންގެ ތެރެއިން ގިނަ މީހުންނަށް ލިބޭ އަނިޔާ ކެތްތެރިކަމާ އެކު މަޑުމަޑުން ތިބެގެން ތަހައްމަލުކުރަމުން ދާއިރު މިހާރު ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ ފަދަ އެއްޗަކުން ނޫނީ މިފަދަ މީހުންނަށް ލިބޭ އަނިޔާއެއް މީހުންނަކަށް ނޭނގެ އެވެ. ނަމަވެސް މިކަމަކީ ހީކުރާ ވަރަށް ވުރެ މާ އާއްމުކަމެއް ކަމަށް ހެލްޕޭޖް އިންޑިއާގެ ސީއީއޯ މެތިއު ޗެރިއަން ވިދާޅުވެފައިވެ އެވެ.

ދުވަސްވީ މީހުން އެމީހުންގެ އާއިލާތަކުން ނުބަލައި ބޭރަށްނެރެ އެއްލާލުން ވެސް އާއްމުވަމުންދާ ކަމަށް މި ސާވޭއިން ދައްކަ އެވެ. އެގޮތުން ހެލްޕޭޖް ހެލްޕްލައިނަށް އެވްރެޖްކޮށް ކޮންމެ މަހަކު ލިބޭ 150 ވަރަކަށް ކޯލްގެ ތެރެއިން ހައެއްކަ ކޯލަކީ އާއިލާއިން ނުބަލަންވެގެން ގެއިން ބޭރުކޮށްލުމުން މަގުމަތީގައި އޮތް ދުވަސްވީ މީހެއްގެ ވާހަކަ ރިޕޯޓްކުރާ ކޯލެވެ.

"މަގުމަތީގައި ދާނެ ނުދާނެ ތަނެއް ނޭނގި ހިނގާ ދުވަސްވީ މީހުން ފެނިގެން ބައެއް މީހުން ގުޅާ އެބަ. އަދި އެފަދަ މީހުންނަށް މުސްކުޅިން ބައިތިއްބާ ގޭގޭގައި ވަގުތީ ގޮތުން ބައިތިއްބައިގެން އެމީހުންގެ އާއިލާގެ މީހުން ހޯދޭތޯ މަސައްކަތް ކުރަން،" ސީއީއޯ ވިދާޅުވި އެވެ.

ސީއީއޯ ފާހަގަ ކުރެއްވި ގޮތުގައި ގިނަ ފަހަރަށް ގޭތެރޭގައި މާމަ ނުވަތަ ކާފައަށް ލިބޭ އަނިޔާތަކުގެ ވާހަކަ ހެލްޕްލައިނަށް ގުޅާފައި ރިޕޯޓްކުރަނީ އެމީހުންގެ މާމަ ނުވަތަ ކާފަ ދަރިންނެވެ.

މި ޚަބަރާ ގުޅިގެން ކޮމެންޓްކޮށްފައިވާ ބައެއް މީހުން ބުނެފައި ވަނީ ދުވަސްވީ މީހުންނަށް އިންޑިއާގައި އަނިޔާކުރުން އޮތީ މިހާވަރަށް ނޫން ކަމަށާއި ކޮންމެ ފަސް މީހަކުން ހަތަރު މީހަކަށް މިފަދަ އަނިޔާތައް ލިބޭ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.