ބޭރު ފައިސާއިން ލިބޭ
އާމްދަނީ އިތުރުކުރުމަށްޓަކައި މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބޭރު ފައިސާގެ ގާނޫނުގެ ދަށުން ޓޫރިޒަމްގެ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ފެށުމުން ސަރުކާރަށް ސުކޫކުގެ ފައިސާ ދައްކަން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުން ސުކޫކަށްވާ ފައިސާއެއްކޮށް ދައްކާ ހަލާސްކުރިކަން އިއްޔެ ހާމަކޮށްފަ އެވެ. ސަރުކާރުން ވަނީ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ދައްކާފަ އެވެ.
ސުކޫކަށް ނަގާފައިވާ ދަރަންޏަށް ފައިސާދައްކާފައިވަނީ ދައުލަތުގެ ރަސްމީ
ރިޒާވުގައި ހުރި ފައިސާގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް އުފެއްދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ބޭނުންކޮށްގެންނެވެ.
މަރުކަޒީ
ބޭންކުން ބުނީ، ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ
އިތުރުކުރުމަށާއި އަދި ބޭރު ފައިސާގެ ލިކިއުޑިޓީ އިތުރުކުރުމަށްޓަކައި ހަރުދަނާ
ސިޔާސަތުތަކެއް އެމްއެމްއޭއިން އެޅި ކަމަށެވެ. އެ އޮތޯރިޓީން 2024 ވަނަ އަހަރު ބޭރު ފައިސާގެ ގާނޫނަށް އަމަލު ކުރަން ފެށުމުން، ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ކުރިއަށްވުރެ ހަރުދަނާވެ، ދައުލަތުން
އަދާކުރަންޖެހޭ ދަރަނިތައް ދެއްކުމުގައި ކުރިއެރުންތަކެއް ލިބުނު ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމާއި އަދި މިކަމާ ގުޅޭ ގެނައި އެހެން އިސްލާހީ ބަދަލުތައް ތަންފީޒުކުރީ ސަރުކާރާއި
ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރެވުނު މުހިއްމު މަސައްކަތްތަކުން
ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން
ބުނީ، ކުރިއަތް އޮތްތަނުގައިވެސް އެ އޮތޯރީޓީ މަސައްކަތްކުރަމުން ދާނީ ސަރުކާރާއި
ދައުލަތުގެ އެއްމެހައި އިދާރާތާކުގެ އެއްބާރުލުމާ އެކު، ދައުލަތުގެ ރިޒާވު އިތުރަށް
ވަރުގަދަކުރުމަށްޓަކައި އެކުލަވާލަންޖެހޭ އެންމެހައި ސިޔާސަތުތައް ރާވައި
ތަންފީޒުކުރުމަށް ކަމަށެވެ.
ސުކޫކަށް ފައިސާ ދެއްކި އިރު މިދިޔަ މާޗް މަސް ނިމުނު އިރު ދައުލަތުގެ ރިޒާވް ވަނީ 1.3 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.