މާލެ ނޯތު ހާބަރުގައި އޮތް ހއ. އަތޮޅު ބޯޓެއްގެ ފަޅުވެރިން ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފި އެވެ. 

ފުލުހުން ބުނީ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ޚަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 6:35 ހާއިރު ކަމަށެވެ.

ޚަބަރު ހުސްވެފައިވަނިކޮށް ފެނުނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުންނަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ. 

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، އެ މީހުން ތިބި ބޯޓަކީ ހއ. އަތޮޅުގެ ރަށްރަށަށް ދަތުރުކުރާ "ޑީއެމްއެމްއޭ އެކްސްޕްރެސް 5" އެވެ. ހޭނެތިފައި ތިއްބާ ފެނުނު އެންމެންނަކީ ވެސް އެ ބޯޓުގެ ފަޅުވެރިންނެވެ. 

މި ބޯޓަކީ ހއ. ފިއްލަދު އާއި އެ އަތޮޅު ކެލާ، ވަށަފަރު، ދިއްދޫ އަދި އުތީމާއި މާލެއާ ދެމެދު މުދާ ހިފައިގެން ދަތުރުކުރާ ބޯޓެކެވެ.