ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަ ނުފެންނަ ވޯޓުލުން ދެންމެ ފަށައިފި އެވެ.
ވޯޓުލުން ހެނދުނު އަށެއް ޖެހިއިރު ފެށިއިރު ކިއޫގައި މާ ގިނަ ބަޔަކު ނެތެވެ.
މިއަދުގެ ހަވީރު ހަތަރެއް ޖަހަންދެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ. ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ.
އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެކަނި 1،593 ކެންޑިޑޭޓުން ވާދަކުރާއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1،368 ކެންޑިޑޭޓުން ވަނީ ނުކުމެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސް ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށް ޗާޕްކުރި އެވެ.
އެއީ:
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 297،959 ވޯޓު ކަރުދާސް
- އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 292،706 ކަރުދާސް
- ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ޗާޕްކުރީ 298،180 ކަރުދާސް
އީސީން ބުނީ، ތިން އިންތިހާބުގައި ވޯޓުލުމަށް 588 މަރުކަޒު ގާއިމް ކޮށްފައިވާ. އެ ތިން އިންތިހާބުގައި ވޯޓުލުމަށް މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައި 347 މަރުކަޒު ވަނީ ގާއިމްކޮށްފަ އެވެ.
ކޮންމެ އިންތިހާބެއްގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ އެ ކަމަށް ހާއްސަ ވޯޓު ފޮއްޓަކަށެވެ.
ފެންނަ ނުފެންނަ ވޯޓުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ އީސީން ބުނި ގޮތުގައި ހުދުކުލައިގެ ލޭބަލެއް ޖަހާފައިވާ ފޮއްޓަށެވެ. ލޯކަލް އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ނޫކުލައި ލޭބަލް ޖަހާފައިވާ ފޮއްޓަށެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ހާއްސަ ކޮށްފައި ވަނީ ފެހި ކުލައިގެ ލޭބަލް ޖަހާފައިވާ ފޮއްޓަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އީސީން ރޭ ބުނެފައިވާ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގެ ތެރެއިން އެ މީހަކު ބޭނުންވާ ވޯޓެއްގައި ބައިވެރިވެވޭނެ ކަމަށެވެ.
އެކަމަކު، ވޯޓުލާން ދާ މީހާ، ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާ ހާލަތުގައި، އެކަން އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާންކުރާނެ ކަމަށް އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވި އެވެ. އެގޮތަށް ހަދަނީ، ޒާހިދު ވިދާޅުވި ގޮތުގައި، ވޯޓު ލުމުގެ މަރުހަލާ އިތުރަށް ކުރިއަށްދާއިރު މައްސަލައެއް ކުރިމަތިވިޔަސް އެކަން އެންމެންނަށް އަންގާފައި ބޭއްވުމުގެ ގޮތުންނެވެ.
"ތިން ކަރުދާސްކޮޅު އަޅުގަނޑުމެން އޭނާ އަށް ދޭނެ. ދެން އެއްވެސް މީހަކު ވަކި ލާން ބޭނުން ނޫން ކަމަށް ވަންޏާ އެ ކަރުދާސްކޮޅެއް ނުދޭނެ. ނުދީ އަޅުގަނޑުމެން އިއުލާން ކުރާނެ އިނގޭތޯ. އަޅުގަނޑމެން އިއުލާންކުރާނެ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް. މި ހާމަކޮށްފައި އިއުލާންކުރާނެ،" އީސީގެ ރައީސް ޒާހިދު ވިދާޅުވި އެވެ.
"ސޯ އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް އޭތި ނޯޓު ކުރެވި ފަހުން އޭތި ކެރީކުރުމުގައި އިންތިޒާމުތައް ހަމަޖެހިގެންދާނެ."