ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ ރޯވެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އެ ސްކޫލުން ވާހަކަ ދެއްކެވި އިސްވެރިއަކު ވިދާޅުވީ، ރޯވީ 750 އެއްހާ ކުދިން ކިޔަވަމުން އަންނަ އެ ސްކޫލްގެ ޕްރައިމަރީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ކަމަަށެވެ. އޭގެ ފަހުން ސްޓާފް ރޫމާ ޖެހިގެން ހުންނަ ޕްރިންޓު ރޫމާއި އެއް ކްލާސްރޫމަށް އަލިފާންގަނޑު ފެތުރި އެ ތިން ތަން އެއްކޮށް އަނދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޯވެ އަނދަނީ.
"އެއީ އެއް ބްލޮކެއްގައި ހުރި ތިން ތަން. ޕްރައިމަރީ ސްޓާފް ރޫމާއި ޕްރިންޓު ރޫމާއި އެއް ކްލާސްރޫމް އެއްކޮށް އަނދައިގެން އެ ދިޔައީ،" ފައުންޑޭޝަނުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ސްކޫލުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވިލިނގިލީގެ ރައްޔިތުންގެ މަސައްކަތުން އަލިފާންގަނޑު ބައިގަޑިއެއްހާއިރު ތެރޭގައި ކޮންޓްރޯލްކުރި އެވެ.
"އަލިފާންގަނޑު ނުއެއް ފެތުރޭ މިހާރު. ކޮންޓްރޯލްވެއްޖެ،" އޮފިޝަލް ވިދާޅުވި އެވެ.
އަލިފާންގަނޑު އިތުރަށް ފެތުރު ނަމަ މާ ބޮޑު ގެއްލުމެއް ވީސް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކެމިސްޓްރީ ލެބާއި ފިޒިކްސް ލެބް ފަދަ ކެމިކަލް ގެންގުޅޭ ތަންތަން އަލިފާން ރޯވި ބްލޮކް ކައިރީގައި ހުރުމުންނެވެ.
"ނަސީބަކުން އެ ތަންތަނަށް އަލިފާންގަނޑު ނުފެތުރެނީސް ކޮންޓްރޯލްވީ،" އޮފިޝަލް ވިދާޅުވި އެވެ.