10 އެޕްރީލް 2017 - 10:09

މެންޗެސްޓާ (އޭޕްރިލް 10) – މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ވެލެންސިއާ އަށް ކުޅުނުއިރު އޭނާ ބާސެލޯނާ އަށް ގެނައުމަށް ލަފާ ލިބުނު ކަމަށާއި އެކަމަކު އަގުބޮޑުކަމުން އެކަން ނުކުރެވުނީ ކަމަށް ބާސެލޯނާގެ އޭރުގެ ކޯޗު އަދި މިހާރު ސިޓީއަށް ކޯޗުކޮށްދޭ ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ވެލެންސިއާ ދޫކޮށް 2010 ވަނަ އަހަރު 24 މިލިއަން ޕައުންޑަށް ސިޓީއާ ގުޅުނު ސިލްވާ ވަނީ މި ހަފުތާގައި އެ ޓީމަށް 300 ވަނަ މެޗު ކުޅެދީފަ އެވެ. ސިލްވާގެ ހިދުމަތް ސިޓީގައި ގާޑިއޯލާ އަށް މިވަގުތު ލިބުނު ނަމަވެސް ބާސެލޯނާގައި ވެސް އެ ހިދުމަތް ލިބެން އޮތެވެ.
"އަހަރެން ބާސެލޯނާގައި ހުރިއިރު، އެއީ ފުރަތަމަ އަހަރު ނުވަތަ ދެ ވަނަ އަހަރު، ޕީއެސްޖީގެ މިހާރުގެ ކޯޗު އުނައި އެމެރީ އޭރު ހުރީ ވެލެންސިއާގެ ކޯޗުގެ ގޮތުގައި. ބާސެލޯނާ އާއި ވެލެންސިއާގެ މެޗަކަށް ފަހު އެމެރީ އަހަރެން ގާތު ބުނި ސިލްވާ އަކީ ތި ޓީމަށް ގެންދަން ޖެހޭ ކުޅުންތެރިޔެކޭ. އޭނާ ބުނީ ތެދެއް. ސިލްވާ އަކީ ހާއްސަ ކުޅުންތެރިޔެއް. އެކަމަކު އޭނާ މާ އަގުބޮޑު،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ސިލްވާ އަކީ ފުރިހަމަ ކުޅުންތެރިޔެއް ކަމަށާއި އޭނާ ގޯލް ޖަހަން ފަށައިފި ނަމަ ހުރިހާ ކަމެއް ފުރިހަމަވާނެ ކަމަށެވެ. މޮޅު ޕްލޭމޭކަރެއްގެ ގޮތުގައި ފާހަގަކުރެވޭ ސިލްވާ އަކީ ގޯލާ އެހާ ރަށްޓެހި ކުޅުންތެރިޔެއް ނޫނެވެ. ސިޓީގައި ހޭދަކުރި ހަތް ސީޒަނުގައި ޖެހިފައިވަނީ އެންމެ 49 ގޯލެވެ.