"ހައުސްފުލް 3" 100 ކްރޯޑު ކްލަބަށް
"ހައުސްފުލް 3" 100 ކްރޯޑު ކްލަބަށް

ބޮލީވުޑް ފިލްމުތައް ބޮކްސް އޮފީހުގައި ހޯދާ ކާމިޔާބީ ފާހަގަކުރާ އެއް މިންގަނޑަކީ އެ ފިލްމެއް 100 ކްރޯޑު ކްލަބަށް ނުވަތަ 200 ކްރޯޑު ކްލަބަށް ވަނުމެވެ. މިހާތަނަށް އެންމެ ރަނގަޅަށް ހިނގި ފިލްމުތަކަށް ވެސް ވަދެފައި ވަނީ 300 ކްރޯޑު ކްލަބަށެވެ.

ނަމަވެސް 100 ކްރޯޑު ކްލަބަކީ ވެސް ވަރަށް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ކާމިޔާބެއް ކަމަށް ބެލެވެ އެވެ. މި ކްލަބަށް ވަދެވެނީ ފިލްމެއް ރިލީޒްކުރާ ދުވަހުން ފެށިގެން ފިލްމު ސިނަމާތަކުން ނެގުމާ ހަމައަށް 100 ކްރޯޑު (1000 މިލިއަން ރުޕީޒް) ލިބިއްޖެ ނަމަ އެވެ.

މީގެ ދެ ހަފުތާ ކުރިން ރިލީޒްކުރި "ހައުސްފުލް 3" އަށް މިދިޔަ ބުދަ ދުވަހު ވަނީ މި މަރުހަލާ ކަޑައްތު ކުރެވިފަ އެވެ.

ސާޖިދު-ފަރްހާދް ޑައިރެކްޓްކޮށްފައިވާ މި ކޮމެޑީ ފިލްމުގެ ތަރިންނަކީ އަކްޝޭ ކުމާރު، އަބީޝެކް ބައްޗަން، ރިތޭޝް ދޭޝްމުކް، ޖެކްލީން ފެނާންޑިސް، ލީސާ ހޭޑްން އަދި ނަރްގިސް ފަޚްރީ އެވެ.

ފިލްމުގައި ހިމެނޭ ހެއްވާ މަޖާ ކަންތައްތަކުގެ ސަބަބުން ގިނަ ބަޔަކަށް މި ފިލްމު ވަރަށް ކަމުދިޔަ އެވެ. ދެހަފުތާ ވީއިރު ވެސް ފިލްމުގެ ވިޔަފާރިއަށް މާބޮޑު ވެއްޓުމެއް ނައިސް އޮތީ ގިނަ ބަޔަކު ފިލްމު ބަލަން ސިނަމާތަކަށް ދާތީ އެވެ.

މި ފިލްމަށް 100 ކްރޯޑު (1000 މިލިއަން ރުޕީޒް) ލިބިފައިވާތީ، ފިލްމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި އަކްޝޭ ކުމާރު ކުރި ޓުވީޓެއްގައި ބެލުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވެ އެވެ.

މިމަހުގެ ތިން ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަކީ "ހައުސްފުލް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ. މި ސިލްސިލާގެ ހަތަރު ވަނަ ފިލްމެއް ވެސް ވަރަށް އަވަހަށް ފަށާނެކަމަށް އަކްޝޭ ދާދިފަހުން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.