ޔުނައިޓެޑުގެ ސަމާލުކަން ޔުރޮޕާ ލީގަށް
ޔުނައިޓެޑުގެ ސަމާލުކަން ޔުރޮޕާ ލީގަށް

ސަންޑަލެންޑް (އޭޕްރިލް 10) – ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދާލައިގެން ފުއްދާލަން ބޭނުންނުވާ ކަމަށާއި ތަށްޓެއް ވެސް ބޭނުންވާތީ، ޔުރޮޕާ ލީގަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ރޭ ސަންޑަލެންޑް އަތުން 3-0 އިން ޔުނައިޓެޑް މޮޅުވުމާ އެކު ލީގުގެ ގަދަ ހަތަރަކަށް އަރައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އެ ޓީމު 57 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތްއިރު އެއް މެޗު އިތުރަށް ކުޅެފައިވާ މެންޗެސްޓާ ސިޓީ ހަތަރު ވަނައިގައި އޮތީ 61 ޕޮއިންޓާ އެކު އެވެ.

ގަދަ ހަތަރަކަށް އަރައި ޗެމްޕިއަންސް ލީގުން ޔުނައިޓެޑަށް ޖާގައެއް ލިބެން އޮތްއިރު ޔުރޮޕާ ލީގުގެ ތަށި ހޯދައިގެން ވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

"މި ސީޒަނުގައި އަހަރެމެންނަށް ތަށްޓެއް ހޯދެން އޮތް ހަމައެކަނި ފުރުސަތަކީ ޔުރޮޕާ ލީގު. އެ މުބާރާތް ކާމިޔާބުކުރުމަކީ ލީގުގެ ގަދަ ހަތަރަކަށް އެރުންހާ އުނދަގޫ ކަމެއް. އެކަމަކު ތަށްޓެއް ލިބެން އޮތް ހަމައެކަނި ފުރުސަތަށް ވާތީ އެ މުބާރާތަށް އެބަޖެހޭ ފައިޓްކުރަން،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޔުނައިޓެޑަކީ ހަމައެކަނި ގަދަ ހަތަރަކަށް އަރައި ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިގެން ހިތްހަމަޖައްސާލާނެ ކްލަބެއް ނޫން ކަމަށާއި ބޭނުންވަނީ ތަށްޓަށް މަސައްކަތްކުރުން ކަމަށެވެ.

"އަހަރެން ފޮރުކާވަށް ބޭނުމެއް ނޫން. އަހަރެމެން މި އަންނަނީ އަދިވެސް ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެރޭ ހިމެނުމަށް މަސައްކަތްކުރަމުން. އެކަމަކު މިހާރު އެންމެ މުހިއްމު އަމާޒަކީ ޔުރޮޕާ ލީގު.

ރަށުން ބޭރުގައި ރޭ ޔުނައިޓެޑް ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ޒަލަޓާން އިބްރަހިމޮވިޗާއި ހެންރިކް މިކިތާރިޔަން އަދި މާކަސް ރަޝްފޯޑެވެ. މި މެޗުގެ 43 ވަނަ މިނެޓުގައި ސަންޑަލެންޑުގެ ސެބަސްޓިއަން ލާސަން އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.

ރޭ އެވަޓަން އިން ވަނީ ލެސްޓާ ސިޓީ އަތުން 4-2 އިން މޮޅުވެ އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް ގެނެސްފަ އެވެ. ލެސްޓާގެ ކޯޗުކަމުން ކްލައުޑިއޭ ރަނިއޭރީ ވަކިކޮށް އެސިސްޓަންޓް ކޯޗު ކްރެއިގް ޝެކްސްޕިއާއާ ޓީމު ހަވާލުކުރި ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ވަނީ ހަ މެޗުން މޮޅުވެފަ އެވެ. އާ ކޯޗާ އެކު ލެސްޓާ ވަނީ ރެލިގޭޝަން ޒޯނުން އަރައިގަނެ ތާވަލުގެ 11 ވަނަ އަށް އަރައިފަ އެވެ.

ރޭގެ މޮޅާ އެކު އެވަޓަން އޮތީ 54 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ޓޮމް ޑޭވިސް ލީޑު ނަގާފައިވަނިކޮށް ލެސްޓާގެ އިސްލާމް ސްލިމާނީ އާއި މާކް އަލްބްރިޓަން ވަނީ ފަހަތުން އަރައި އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. އެވަޓަން އަލުން ލީޑު ނަގައި މޮޅުވީ ރޮމެލޯ ލުކާކޫ ޖެހި ދެ ލަނޑާއި ފިލް ޖެގިއެލްކާގެ ގެ ލަނޑުންނެވެ.