27 އެޕްރީލް 2017 - 08:12

ތެލުގެ ވިޔަފާރީގައި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)އަކީ އެންމެ ވަރުގަދަ ކުންފުންޏެވެ. އެ ކުންފުނީގެ ވިޔަފާރި ވަނީ މުޅި ރާއްޖެއަށް ވަނީ ފަތުރާލައިފަ އެވެ.

އެފްއެސްއެމްގެ މައިގަނޑު މަސައްކަތަކީ ތެލާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން ތެޔޮ ވިއްކުމާއި ތެޔޮ ގެންގޮސްދިނުން އަދި ތެޔޮ ތާނގީތައް މަރާމާތުކޮށް ބަލަހައްޓައިދިނުން ވެސް އެ ކުންފުނީގެ މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ. ރާއްޖޭގެ އެންމެ ގިނަ ރިސޯޓްތަކަށާއި އިންޖީނުގެތަކަށާއި ވެހިކަލްތަކަށާއި އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރަށް ވެސް އެ ކުންފުނިން ތެޔޮ ސަޕްލައިކޮށްދެ އެވެ.

މާލެ އާއި މާލެ ކައިރި ސަރަހައްދުތަކަށް ތެޔޮ ސަޕްލައިކުރަނީ ކ. ފުނަދޫ މެދުވެރިކޮށެވެ. އަދި އެ ކުންފުނީގެ ތެޔޮ ރައްކާކުރާ ތާނގީތައް ސ. ގަމުގައި ވެސް ގާއިމުކޮށްފައިވެ އެވެ. މީގެ އިތުރުން ގދ. ތިނަދޫގައި ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކުރަން ވަނީ ނިންމައިފަ އެވެ.

އެ ކުންފުނިން ގަބޫލްކުރާ އަސާސްތަކެއް އެބަ ހުއްޓެވެ. އެގޮތުން ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ހިދުމަތެއް ދިނުމަށް އަބަދުވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ފުރިހަމަ ހިދުމަތެއް ދިނުމުގެ އިތުރުން ތިމާވެއްޓަށް ރައްކާތެރިވުމާއި އެކަށީގެންވާ ހެޔޮ އަގެއްގައި ހިދުމަތް ފޯރުކޮށްދިނުމަކީ ވެސް އެ ކުންފުނީގެ މައިގަނޑު އެއް އަސާސެވެ.
އެފްއެސްއެމް އިން ވަނީ ތެލުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދައިފަ އެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށް ވެސް އެ ކުންފުނީގެ ހިދުމަތް އަންނަނީ ބަލައިގަންނަމުންނެވެ. އެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތެޔޮ ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އޭގެ އިތުރުން ޑިސްޓްރިއުޓްކޮށްދޭނެ އެޖެންޓުން ވެސް ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އެ ކުންފުނީގެ ކަސްޓަމަރުންނަށް އިތުބާރާ އެކު ތެޔޮ ސަޕްލައިކޮށްދިނުމަށް އެފްއެސްއިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެގޮތުން އެ ކުންފުނީގައި ތެޔޮ އުފުލާނެ އެކި ސައިޒުގެ ބާޖާއި ޓޭންކަރުތަކާއި އެނޫން ވެސް ތެޔޮ އުފުލާނެ އުޅަނދު ފަހަރު ބޭނުންކުރެ އެވެ. ދުރު ރަށްތަކަށް ތެޔޮ ސަޕްލައިކުރުމަށް އެފްއެސްއިން ބޭނުންކުރަނީ 550 އާއި 2،500 ކިލޯ ލީޓަރުގެ ތެޔޮ އުފުލޭ ޓޭންކަރުތަކެވެ. އޭގެ އިތުރުން ތިލަފަޅުތައް ހިމެނޭ ރަށްތަކަށް ތެޔޮ އުފުލަނީ 25 އާއި 80 ކިލޯ ލީޓަރުގެ ތެޔޮ އުފުލޭ އުޅަނދުފަހަރުގަ އެވެ.
އެފްއެސްއެމްގެ ތެލުގެ ވިޔަފާރީގައި އެންމެ ބޮޑު އެއް ހިއްސާއެއް އަދާކުރަނީ ރިސޯޓްތަކަށް ތެޔޮ ސަޕްލައިކޮށްދިނުމެވެ. އެގޮތުން އެ ކުންފުނީގެ ވިޔަފާރީގެ ގާތްގަނޑަކަށް 35 ޕަސެންޓް ހިއްސާކުރަނީ ރިސޯޓްތަކެވެ.
ތެލުގެ ވިޔަފާރީގައި އެފްއެސްއެމްގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި އަންނަނީ ކުރަމުންނެވެ. އެގޮތުން މާލެ އާއި އަތޮޅުތަކުގައި އެ ކުންފުނީގެ ފިއުލް ސްޓޯރޭޖްގެ ޖާގަ އިތުރުކުރުމާއި ތެޔޮ އުފުލާ އުޅަނދުފަހަރު އިތުރުކުރުމުގެ މަސައްކަތް ވެސް މެދުކެނޑުމެއްނެތި އަންނަނީ ކުރަމުންނެވެ. އޭގެ ސަބަބަކީ ރާއްޖޭގައި ތެލަށް އޮންނަ ޑިމާންޑް ދުވަހެއް ދުވަހަކަށް ބޮޑުވުމެވެ.
ރާއްޖޭގެ އިގްތިސާދުގެ އެންމެ ގިނަ ހަރަކާތްތައް ހިނގަނީ މާލެ އާއި މާލެ ކައިރި ސަރަހައްދުގަ އެވެ. އެހެންވެ އެ ސަރަހައްދުގައި ހިދުމަތް ފުޅާކޮށް އަދި ފުރިހަމަކުރުމަށް އެ ކުންފުނިން އަންނީ މަސައްކަތްކުރަމުންނެވެ. ރާއްޖޭގައި އެންމެ ގިނަ ވެހިކަލްތައް ދުއްވަނީ ވެރިރަށް މާލޭގަ އެވެ.
މާލޭގައި ދުއްވާ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށް ދިނުމަށް އެ ކުންފުނިން މާލޭގެ ތިން ސަރަހައްދެއްގައި ތެޔޮ އަޅައިދޭ ސްޓޭޝަންތަކެއް ހަދާފައިވެ އެވެ. އޭގެ އިތުރުން މާލޭގައި ތެޔޮ ވިއްކާ އެހެން ތަންތަނަށާއި ކޯލްޑް ސްޓޯރޭޖްތަކަށާއި ކޯސްޓް ގާޑުގެ އުޅަނދުފަހަރަށާއި ސްޓެލްކޯގެ އިންޖީނުތަކަށް ބޭނުންވާ ތެޔޮ ސަޕްލައިކޮށްދެނީ ވެސް ފިއުލް ސަޕްލައިސްގެ ބައުޒަރުތައް ބޭނުންކޮށްގެންނެވެ. އެ ހިދުމަތް ދިނުމަށް އެ ކުންފުނީގައި ފަސް ޓަނާއި 20 ޓަނާ ދެމެދުގެ އަދަދަކަށް ތެޔޮ އުފުލޭ ބައުޒަރު އެބަ ހުއްޓެވެ.
އެފްއެސްއެމް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރަމުން އަންނަ ކުންފުންޏަށް ވާއިރު، އެ ކުންފުނިން ދަނީ ރާއްޖެ ސަރަހައްދުން ދަތުރުކުރާ ބޭރުގެ ބޮޑެތި އުޅަނދުފަހަރަށް ވެސް ތެޔޮ ސަޕްލައިކޮށްދެމުންނެވެ. މިއީ ވެސް އެ ކުންފުނީގެ ވިޔަފާރީގައި ހިމެނޭ ވަރަށް މުހިންމު ބައެކެވެ. އެފްއެސްއެމް އިން ވަނީ އެކަމަށް ހާއްސަ ޑިވިޝަނެއް ގާއިމުކޮށްފަ އެވެ. އެ ޑިވިޝަނުން ރާއްޖެ އަންނަ ސުޕަޔޮޓްތަކަށާއި ކްރޫސްލައިނާތަކަށާއި ކާގޯ އުފުލާ ބޯޓު ފަހަރަށާއި ބައިނަލްއަގުވާމީ ފެރީތަކަށާއި ބޭރުން އަންނަ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރަށާއި އަދި ކަނޑުގެ ސަބްމެރިންނަށް ބޭނުންވާ ތެޔޮ ވެސް ސަޕްލައިކޮށްދެ އެވެ. އަދި އީއީޒެޑްގައި އުޅޭ އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ވެސް ފޯރުކޮށްދެ އެވެ.
ތެލުގެ ވިޔަފާރީގައި އެ ކުންފުނިން ވަނީ މިދިޔަ ދުވަސްތަކުގައި ބޮޑެތިކުރިއެރުންތަކެއް ހޯދައިފަ އެވެ. އަދި ކުރިމަގުގައި ވެސް އެ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކޮށް ފުރިހަމަކުރުމަށް ބޮޑެތި މަޝްރޫއުތަކެއް ރާވާފައިވެ އެވެ.