10 އެޕްރީލް 2017 - 08:19

ރައީސުލްޖުމްހޫރިއްޔާގެ މަޤާމް ކުރިން އަދާކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ބައެއް ކަހަލަ ޚިދުމަތްތައް ދިނުމަށް ޤާނޫނު ލާޒިމްކުރެ އެވެ. އަދި އެބޭފުޅުންނަށް ރައްކާތެރިކަމާއި ޙިމާޔަތް ދިނުމަށް ވެސް ޤާނޫނު ލާޒިމް ކުރެ އެވެ. މިގޮތަށް ހަމަޖެހިފައި އޮންނަނީ އެބޭފުޅުން ވަކި ސިޔާސަތެއް ޤަބޫލުކުރައްވާތީއެއް ނޫނެވެ. ނުވަތަ ވަކި ގޮތަކަށް ކަންތައް ކުރެއްވުމަށް ލާޒިމްކޮށްފައެއް ނޫނެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައި ވާތީވެ އެވެ. އެބޭފުޅުންނަށް ރައްކާތެރިކަމާއި ޢިނާޔަތް ލިބިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އެބޭފުޅުން އަދާކުރެއްވީތީވެ އެވެ. މާޒީގައި ކުރައްްވާފައިވާ ޚިދުމަތްތެރި މަސައްކަތްޕުޅަށެވެ. މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކަށެއް ނޫނެވެ. ނޫން ނަމަ މުސްތަޤްބަލުގައި ކުރައްވާނެ މަސައްކަތްޕުޅަކަށެއް ވެސް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީ ޤައުމެއްގެ އެންމެ އިސް، އެންމެ ޒިއްމާދާރު މަޤާމެވެ. އެ މަޤާމުގައި ކުުރު މުއްދަތަކަށް ދެމިހުންނެވިޔަސް، އެކުރު މުއްދަތުގެ ތެރޭގައި ވެސް އެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވިއިރު، މުހިއްމު ނިންމުންތަކެއް ނިންމަވާފައި ވާނެ އެވެ. އޭގެ ތެރެއިން ބައެއް ނިންމެވުމަކީ އެނިންމެވުމަކާ މެދު ކޮންމެވެސް ބައެއްގެ ހިތްހަމަނުޖެހުން އޮވެދާނެ ނިންމެވުމަކަށް ވެދާނެ އެވެ. ހިތްހަމަނުޖެހޭ މީހުންގެ ތެރެއިން ކޮންމެވެސް ބަޔަކު ކުރިން ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅާާ މެދު އިހާނާތްތެރިކޮށް ކަމެއް ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެބޭފުޅުންނަށް ރައްކާތެރިކަން ދޭންވަނީ މިދެންނެވި ސަބަބާ ހުރެ އެވެ.
އަޅުގަނޑުމެން ރުހުނަސް، ނުވަތަ ނުރުހުނަސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް އެބޭފުޅުންނަށް ޙައްޤު ޤަދަރާއި އިޙްތިރާމް ދޭންވާނެ އެވެ. އަދި އެބޭފުޅުންނާ މެދު ކަންތައް ކުރެވެންވާނީ އަބުރުވެރިކަމާއި އިޙްތިރާމާ އެކުގަ އެވެ. އެބޭފުޅުންނަށް އެރުވޭ ފައިސާގެ ޢިނާޔަތާއި އެހެނިހެން ޢިނާޔަތްތައް، އެބޭފުޅުންގެ ސިޔާސީ ވިސްނުން ހުންނަ ގޮތަކުން ނުވަތަ ޤާނޫނާ އެއްގޮތަށް އެބޭފުޅުން ހިންގަވާ ސިޔާސީ ޙަރަކާތެއްގެ ސަބަބުން ކުޑަކުރުމަކީ ނުވަތަ އުނިކުރުމަކީ އެކަމުގެ ސަބަބުން ފަހުން މައްސަލަތަކެއް ކުރިމަތިވެދާނެ ކަންތައްތަކެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމް އަދާކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ސަރުކާރުން ދެއްވާ ޢިނާޔަތާއި ރައްކާތެރިކަމަކީ، އެއިރެއްގައި ވެރިކަމުގައި އޮންނަ ސަރުކާރަކުން އެބޭފުޅުންނަށް އަރުވާ ހަދިޔާއެއް ނޫނެވެ. ނުވަތަ ބަޚްޝިޝްއެއް ނޫނެވެ. ދުނިޔޭގައި ކަންތައް ހިނގަނީ އަބަދު އެއްގޮތަކަށެއް ނޫނެވެ. ހީވެސް ނުކުރާ ކަހަލަ ގޮތަކަށް މާދަމާ ކަންތައްތައް ބަދަލުވެގެން ހިނގައިދާނެ އެވެ. މިކަމުގެ އެންމެ ފަހުގެ މިސާލަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާއަކު އިމާރާތްކުރެއްވި ރިޔާސީ ގަނޑުވަރު "ތީމުގެ" އެވެ. "ތީމުގެ" އަކީ ޤައުމުގެ ރައީސް ހުންނެވުމަށް ހެދި ގެއެކެވެ. ތެދުފުޅެކެވެ. ވަރަށް ބޮޑު ޚަރަދެއް ކޮށްގެންނެވެ. ކެމްޕޭނު ތެރޭގައި ތީމުގޭގެ މުސްތަޤްބަލާ މެދު ބައެއް ލީޑަރުން ވާހަކަ ދެއްކެވިވަރުން ވެރިކަމަށް އައި ޕާޓީގެ ލީޑަރަކަށް ވެސް ތީމުގެ އަށް ވަދެވަޑައިގަންނަވަން ކެރިވަޑައެއްނުގެންނެވި އެވެ. މިހާރު އަނެއްކާވެސް އަނެއް "ތީމުގެ" އެއް އިމާރާތްކުރަން އުޅޭ ވާހަކައިގެ އަޑުއިވެ އެވެ. މިއަދު ނުވަތަ މާދަމާ އެކަން ކުރަން ޖެހޭނެ އެވެ. ރައީސުލްޖުމްހޫރިއްޔާ ހުންނެވުމަށް ހައިބަތު ހުރި، ރައްކާތެރި، ޖާގަ ބޮޑު ތަނެއްގައި ރަސްމީ ގެއެއް ބޭނުންވާނެ އެވެ. "ތީމުގޭ"ގެ ފާޚާނާގެ އަތްގަނޑުތައް ވެސް ރަނުން ޖަރީކޮށްފައިވާކަމަށް ބުނެ، ފޮޓޯ ނަގައި އިންޓަނެޓް އަށް ފޮޓޯލީ މީހުންނަށް ވެސް ފަހުން އެތަން ބޭނުންކުރުމުގެ ފުރުޞަތު ލިބުނެވެ. އެކަމަކު އޭރު ހުރިހާ އެއްޗެއް މުށުން ދޫވެގެން ހިނގައްޖެ އެވެ. ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް އިހާނާތްތެރި ބަސް ބުނުމަކީ ނުވަތަ ޤަދަރު ކުޑަވާ ގޮތަށް މުޢާމަލާތުކުރުމުން އެއިން ދައްކައި ދެނީ ކިތަންމެ ޒިއްމާދާރު މަޤާމެއްގައި ހުރި މީހަކަށް ވިޔަސް، އެފަދަ މީހުންގެ އަޚްލާޤީ ފެންވަރެވެ.
ވެރިކަން ކުރާ ޕާޓީގެ ބައެއް އިސް ބޭފުޅުން ދޭތެރެ ދޭތެރެއިން "ސިޔާސީ މައިދާނުގައި" އުމުރުގެ ވާހަކަ ދައްކަވާތީވެ އަޅުގަނޑު ކުޑަ ދިރާސާއެއް ކޮށްލީމެވެ. އަޅުގަނޑަށް އެނގުނު ގޮތުގައި އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ވެސް ޒުވާނަކު ވެރިކަމަށް ގެނައުމަށް ކެމްޕޭނުކުރެވިފައެއް ނުވަ އެވެ. ސިޔާސީ މައިދާނުގައި އުމުރަކީ ވެރިކަމަށް ގެނައުމަށް އެހާ މުހިއްމު އެއްޗަކަށް ނުވާތީވެ އެވެ. މުހިއްމީ އެމީހަކު ނުވަތަ އެޕާޓީ އަކުން ވެރިކަމަށް އައުމަށް އިޢްލާނުކުރާ ސިޔާސަތެވެ. މެނިފެސްޓޯ އެވެ. ވެރިކަމުގެ ދައުރުގައި ރައްޔިތުންނަށް ކޮށްދޭނެކަމަށް ވާ ވަޢުދުތަކެވެ. ޕީޕީއެމް ވެރިކަމަށް އައީ އެ ވަޢުދުތަކުގެ ބާރުގަ އެވެ. އަދި ކުރިން ވެރިކަންކުރި ސަރުކާރަށް ކުރެވުނު ގޯސް ކަންތަކާއި ނުކުރެވި ހުރި ކަންތައްތައް ރައްޔިތުންނަށް ކިޔައިދީ، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އެކަން ޤަބޫލުކުރެވިގެން ވޯޓުލައިގެންނެވެ. ހުޅުމާލެ އާއި މާލެއާ ގުޅުވާލެވޭ ފާލަމަކީ އޭގެ ތެރެއިން މުހިއްމު އެއް ވަޢުދެވެ.
ސިޔާސީ މައިދާނުގައި އުމުރުން ދުވަސްވި މީހުންގެ ވާހަކަ އެންމެ ފުރަތަމަ ނެގި ޕާޓީ އަކީ ރައީސް ނަޝީދުގެ އެމްޑީޕީ އެވެ. އެހެންނަމަވެސް އެ ޕާޓީން އެ މައްސަލަ ނެގީ ވަކި ބޭފުޅަކަށް އަމާޒުކޮށްގެން، އެ ޕާޓީން ވެރިކަމަށް އައުމަށް މަގު ފަހިކުރުމަށް، އެ ޕާޓީން އަމަލުކުރަމުން އައި ފޮތެއްގައި ބުނެފައި އޮތް ގޮތަށެވެ. މިހެން ދެންނެވީ ދެކުނު އެމެރިކާގައި ވެރިކަން ބަދަލުކުރުމަށް، ގަރިއްލާ ހަނގުރާމައިގެ ލީޑަރަކު ލިއުއްވާފައިވާ ފޮތެއްގައިވާ ގޮތަށް، އެފަހަރުގެ އިންތިޚާބުގައި އިދިކޮޅު ޕާޓީން ވަރަށް ގިނަ ކަންތައް ކުރުމުންނެވެ. އެއީ އިއްތިފާޤަކަށް ވެސް ވެދާނެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ސަރުކާރުގެ އިސް މަޤާމްތަކުގައި ތިބޭ މީހުންގެ ޤަދަރު ކުޑަވާ ގޮތަށް ވާހަކަ ދެއްކުން ނުވަތަ ކަންތައް ކުރުމެވެ. އަދި މުއައްސަސާތަކުގެ ބާރު ކަނޑުވާލާ އިޙްތިރާމް ކުޑަވާ ފަދަ ކަންތައްތައް ކުރުމެވެ. އެޕާޓީގެ އެ ކާމިޔާބު މަސައްކަތަށް ފަހު އަޅުގަނޑުމެންނަށް އަދިވެސް މިއުޅެނީ އެކަމުން ސަލާމަތްނުވެވިގެންނެވެ. މިހާރު ޤައުމުގައި ނުފޫޒަކާ ނުލައި، އިޙްތިރާމް ލިބޭ، އިޙްތިރާމް ކުރެވޭ މީހުން ވަރަށް މަދެވެ. މުއައްސަސާއެއްގެ ވާހަކަ ނުދައްކަމާތޯ އެވެ؟
އުމުރުން ދުވަސްވުމަކީ ކޮންމެ މީހަކަށް ވެސް ދުނިޔޭގައި ހުރި ނަމަ ކުރިމަތިލާން ޖެހޭނެ ކަމެކެވެ. އެއީ ބައެއް މީހުންނަށް ހަމައެކަނި އިތުރުވާ ނަންބަރެކެވެ. އެމީހުން ކުރަން ބޭނުންވާ މަސައްކަތަށް އަސަރު ކުރާ ކަމެއް ނޫނެވެ. ތިމާގެ ޙަޔާތަށް އަހަރަކަށް ފަހު އަހަރެއް އިތުރުވަމުން ދިއުމަކީ ތިމާކުރާ ހިތްވާ މަސައްކަތަކަށް، ނުވަތަ ތިމާގެ ހަރަކާތްތަކަށް ހުއްޓުމެއް އަންނަން ޖެހޭ ކަމެއް ނޫނެވެ. ހުއްޓުމެއް އަންނަ ނަމަ، ނުވަތަ ގެންނަ ނަމަ އެކަމެއް ނިންމަނީ ތިމާ އަމިއްލަ އަށެވެ. ދުނިޔޭގައި ޒުވާނުން އެމީހުންގެ ޙަޔާތުގެ އެންމެ އުހުގައި ކުޅޭ ކުޅިވަރު މިހާރު ވެސް އުމުރުން 39 އަހަރުގެ މީހުން ނާއި 35 އަހަރުގެ މީހުން ކުޅެމުންދެ އެވެ. ޒުވާން، ޅަ އުމުރުގެ ކުދިންނާ ވާދަކުރުމަށް ފަހު ޗެންޕިއަންކަމާއި އެހެނިހެން ކާމިޔާބީތައް ހޯދަމުންދެ އެވެ. މިދަންނަވަނީ ހަކަތަ ބޭނުންވާ އެއް ވަނަ ދަރަޖައިގެ ކުޅިވަރުތަކުގެ ވާހަކަ އެވެ. ސިޔާސީ މައިދާނުގައި ބޭނުންވާ ހަކަތަ ކުޑަކޮށް ތަފާތެވެ. ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވުމަށް ބޭނުންވަނީ ކުޅަދާނަ ސިކުނޑިއެކެވެ. ދުރުވިސްނުމެވެ. ލިޔާޤަތާއި ޤާބިލިއްޔަތެވެ. ފުރިހަމަ ސިއްޙަތެކެވެ. ތަޖުރިބާ އެވެ. ކުރިމަތިލާން ކެރުމެވެ. އެމެރިކާގެ މިހާރުގެ ރައީސް އަކީ ދޮށީ އުމުރުގެ ބޭފުޅެކެވެ. އަދި ރިޔާސީ ރޭހުގައި ވާދަކުރެއްވީ ވެސް ދޮށީ އުމުރުގެ ބޭފުޅަކާ އެވެ.
މި ސަރުކާރުގެ އަޣްލަބިއްޔަތު އޮތް މަޖިލީހުން ޤާނޫނުއަސާސީ އަށް އިޞްލާޙެއް ގެނެސްގެން އުމުރުން 35 އަހަރުގެ ޒުވާނަކު ނައިބު ރައީސްކަމުގެ މަޤާމަށް ގެނަ އެވެ. ތަޖުރިބާ ކުޑަ، ޒުވާނާ ބޭނުންވީ، އެހެން، ނުވަތަ މިހެން ހަދައިގެން ވެސް، ހުރިހާ ހުރަސްތައް ވައްޓާލާ އިންތައް ހުރަސްކޮށްގެން ބޮންތީގައި ހިފާށެވެ. ނުވަތަ ކުރިބޯށި ކަނޑާލާށެވެ.
އުމުރާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ތިމާގެ ސިޔާސީ ޤާބިލިއްޔަަތާ މެދު އިތުބާރު ނުއޮންނަކަން ދޭހަކޮށްދޭނެ ކަމެކެވެ. ބައެއް މީހުން، އެއީ ބުރުތެރޭގެ ޤަވައިދާ ޚިލާފަށް، ކަމަރުން ތިރީގައި ޖަހާ އެތިފަހަރަކަށް ވެސް ބަލާފާނެ އެވެ.