އުޅްތާ ޕަންޖާބު ލީކުވެއްޖެ، ސެންސަރު ބޯޑުން ބަދަލު ހިފީތަ؟
އުޅްތާ ޕަންޖާބު ލީކުވެއްޖެ، ސެންސަރު ބޯޑުން ބަދަލު ހިފީތަ؟

ފިލްމު ރިލީޒްކުރަން 48 ގަޑިއިރަށް ވެފައިވަނިކޮށް "އުޅްތާ ޕަންޖާބު" އޮންލައިންގައި ލީކުވެއްޖެ އެވެ. މީގެ ކުރިން ވެސް ފިލްމުތައް އޮންލައިންގައި ލީކުވެފައިވީ ވިޔަސް ފިލްމު ރިލީޒްކުރަން މިހާ ކައިރިވެފައިވަނިކޮށް މިކަން ދިމާވުމަކީ ފިލްމު އުފެއްދި ފަރާތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ އެވެ.

ހުކުރު ދުވަހު ރިލީޒްކުކުރަން ތައްޔާރުވެފައިވާ، ޝާހިދު ކަޕޫރު، އާލިއާ ބަޓް އަދި ކަރީނާ ކަޕޫރު ލީޑް ރޯލުތައް ކުޅެފައިވާ މި ފިލްމަށް ފާއިތުވީ ދުވަސްތަކުގައި ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ސެންސަރު ބޯޑުން ފިލްމު 89 ތަނެއް ކަނޑާލައިގެން ނޫނީ ފާސް ނުކޮށްދޭން ނިންމި ނިންމުމާ ގުޅިގެން މުމްބައި ހައިކޯޓަށް މައްސަލަ ހުށަހަޅައި މީގެ ދެ ދުވަހެއް ކުރިން ކޯޓުން ވަނީ އެންމެ މަންޒަރެއް ކަނޑާލުމަށްފަހު ފިލްމު ފާސްކޮށްދޭން ސެންސަރު ބޯޑުގެ މައްޗަށް އަމުރުކޮށްފަ އެވެ.

ނަމަވެސް ކުއްލިއަކަށް ބުދަ ދުވަހު ގިނަ ބަޔަކަށް ޝޮކެއް ލިބިގެން ދިޔައީ އޮންލައިންގައި ފިލްމު ލީކުވުމުންނެވެ. ލީކުވެފައި ވަނީ ވެސް ސެންސަރުކޮށްފައިވާ ކޮޕީ އެކެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނަނީ މިއީ ފިލްމު ބޮކްސް އޮފީހުގައި ހޯދަފާނެ ކާމިޔާބަކަށް ހުރަސް އެޅުމަށް ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށެވެ.

ފިލްމު ލީކުވުމުން ގިނަ ބަޔަކު އިނގިލި ދިއްކުރީ ސެންސަރު ބޯޑަށެވެ. އިންޑިއާގައި ޕައިރަސީގެ މައްސަލަ ވަރަށް ބޮޑެވެ. އެހެންވެ މިއީ ސެންސަރު ބޯޑުގެ ބަދަލު ހިފުމެއް ކަމަށް ކަނޑައެޅިގެން ބުނާކަށް ވެސް ނޭނގެ އެވެ.

ހޮލީވުޑް ބައެއް ފިލްމުތައް އިންޑިއާގައި އެންމެ ކުރިން ރިލީޒްކުރަނީ ވެސް މިފަދަ މައްސަލަތައް ދިމާވަމުންދާތީ ކަމަށް ޓްރޭޑް އެކްސްޕާޓުން ބުނެ އެވެ.

މިއަހަރު ތެރޭގައި ބޮލިވުޑް ފިލްމުތަކަށް ވުރެ ދަ ޖަންގަލް ބުކް، ޑެޑްޕޫލް ފަދަ ފިލްމުތައް މާ ރަނގަޅަށް ހިނގާފައިވުމުން ހޮލީވުޑް ފިލްމުތައް ބަލަން އިންޑިޔާ މީހުން ޝައުގުވެރިވާ މިންވަރު ހާމަވެ އެވެ.

ސުވާލަކީ ހަގީގަތުގައި ވެސް ފިލްމު ލީކު ކޮށްލީ ސެންސަރު ބޯޑުން ހެއްޔެވެ؟ ސެންސަރު ބޯޑުން އެއްވެސް މީހަކަށް ފިލްމުގެ ކޮޕީއެއް ދީފާނެ ހެއްޔެވެ؟ ސެންސަރު ބޯޑުގެ ޗެއާމަން ޕެހެލަޖް ނިހަލާނީ ބަދަލު ހިފުމުގެ ގޮތުން މިފަދަ ކަމެއް ކޮށްފާނެ ހެއްޔެވެ؟

ޔަގީންވާ ކަމަކީ އޮންލައިންގައި ލީކުވި ފުރަތަމަ ފިލްމަކީ "އުޅްތާ ޕަންޖާބު" ނޫން ކަމެވެ. ދާދިފަހުން ރިލީޒްކުރި މަރާޓީ ފިލްމު "ސައިރަތު" ގެ ސެންސަރު ކޮޕީ ވެސް އޮންލައިންގައި ލީކުކޮށްލާފައިވެ އެވެ. ނަމަވެސް ތަފާތަކީ މި ފިލްމު ލީކުވީ ސިނަމާތަކުގައި ދައްކަން ފެށި ފަހުން ކަމެވެ.

ފިލްމުގެ ޕްރޮޑިއުސަރުން ވަނީ މި މައްސަލަ އެ ގައުމުގެ ސައިބަ ކްރައިމް ސެލް އަށް ހުށަހަޅާފަ އެވެ.