ލަންކާގައި އެޗް1އެން1 ފެތުރޭ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ލަންކާގައި އެޗް1އެން1 ފެތުރޭ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ކޮލަމްބޯ (އެޕްރީލް 9) - ސްރީ ލަންކާގައި އެޗް1އެން1 ފެތުރެމުންދާ ކަމަށް މީޑިއާތަކުން ފަތުރާފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ރަޖިތާ ސެނަރަތުނަ ވިދާޅުވެއްޖެ އެވެ.

ޕާލަމެންޓަށް ހަފުތާއަކު އެއް ފަހަރު މައުލޫމާތު ދިނުމަށް ބާއްވާ ކެބިނެޓުގެ ބައްދަލުވުމުގައި ލަންކާ ސަރުކާރުގެ ތަރުޖަމާންގެ މަގާމު ވެސް އަދާކުރައްވާ ސެނަރަތުނަ ވިދާޅުވީ އެޗް1އެން1 އަކީ އިންފްލުއެންޒާ ވައިރަސްއާ އެއްގޮތް ވައިރަހެއް ކަމަށެވެ. ލަންކާގެ ބައެއް ހިސާބުތަކުގައި އެޗް1އެން1 ގެ ބަލި މީހުން ފެނުނު ނަމަވެސް ރޯގާއެއްގެ ސިފައިގައި މި ބަލި ނުފެތުރޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެޗް1އެން1 ގެ އެއްވެސް ނުރައްކަލެއް ލަންކާގައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލަންކާގެ ހެލްތު މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ ތިން މަސް ދުވަހު އެ ގައުމުގައި އެޗް1އެން1 ވަނީ 528 މީހުންނަށް ޖެހިފަ އެވެ. ހެލްތު މިނިސްޓަރު ވިދާޅުވީ އެޗް1އެން1 ނުރައްކާ ވަނީ މާބަނޑު މީހުންނާއި ކުޑަ ކުދިންނާއި ކިޑްނީގެ ބަލި މީހުންނަށް ކަމަށާއި އެފަދަ މީހުން ރައްކާތެރިކަމުގެ ގޮތުން ޚާއްސަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

ލަންކާ އަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ގަތަރުން ނެރުނު އަމުރާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސެނަރަތުނަ ވިދާޅުވީ އެ އަމުރު ނެރެފައި ވަނީ ސައްހަ ނޫން މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

"މީޑިއާތަކުން ދަނީ ކަމުގެ ހަގީގަތް އޮޅުވާލާ ކަންތައް މާބޮޑު ކުރަމުން. އޭގެ ނަތީޖާއެއްގެ ގޮތުން ލަންކާ އަށް ޒިޔާރަތް ކުރުމުގައި ސަމާލުވުމަށް ގަތަރުން އެލާޓެއް ނެރުނީ،" ސެނަރަތުނަ ވިދާޅުވި އެވެ.

ލަންކާގައި ޑެންގީ ފެތުރި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ތެރޭ 40 މީހުން މަރުވެފައިވާ މައްސަލައިގައި ސުވާލު ކުރުމުން ސެނަރަތުނަ ވިދާޅުވީ ހެލްތު މިނިސްޓްރީ އަށް އެކަނި ޑެންގީ ފެތުރުން ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. ސާފު ތާހިރު ކަމަށް މަޝްހޫރު ސިންގަޕޫރު ފަދަ ގައުމުތަަކުގައި ވެސް ޑެންގީ ޖެހިގެން 30،000 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑެންގީ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.