09 އެޕްރީލް 2017 - 15:52

މޮސްކޯ (އެޕްރީލް 9) - އެމެރިކާ އިން ދަނީ "ޓެރަރިޒަމް ގޭމެއް ކުޅެމުން" ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ވިދާޅުވެއްޖެ އެވެ.
ސީރިއާ އަށް ދިން މިސައިލް ހަމަލާ އަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަންއާ ފުރަތަމަ ފަހަރަށް ފޯނުން ވާހަކަ ދައްކަވަމުން ލަވްރޯފް ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ގައުމުން މިހާރު ދަނީ ޓެރަރިޒަމް ގޭމެއް ކުޅެމުން ކަމަށެވެ.
އެމެރިކާ އިން ބުރާސްފަތި ދުވަހު ވަނީ ސީރިއާ އަށް 59 ޓޮމަހޯކް ކްރޫޒް މިސައިލް ފޮނުވާލައިފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ ސީރިއާ އަށް މިސައިލް ހަމަލާ ދިނީ އެ ގައުމުގައި ކެމިކަލް ހަމަލާ ދިން ތަނަށް ކަމަށެވެ. އެމެރިކާގެ މިސައިލް ހަމަލާގައި ސީރިއާ އިން ވަނީ ހަ މީހުން މަރުވެފަ އެވެ.
ޓިލަސަން އަންނަ އަންގާރަ ދުވަހު ރަޝިޔާ އަށް ވަޑައިގަންނަވާނެ އެވެ. ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަކަރޯފް ވިދާޅުވީ ސީރިއާ އަށް ދިން ވައިގެ ހަމަލާތަކުގެ ތަފްސީލް ޓިލަސަންގެ ދަތުރުފުޅުގައި ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ޓިލަސަން ހުކުރު ދުވަހު ވިދާޅުވެފައި ވަނީ ވައިގެ ހަމަލާތަކާ ގުޅިގެން ރަޝިޔާ އިން އަމަލުކުރި ގޮތުން އެމެރިކާ އަށް މާޔޫސްކަން ލިބުނު ކަމަށެވެ. އަދި ރަޝިޔާ އިން އަމަލު ކުރަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ތަކުރާރުކޮށް ތާއީދު ކުރާކަން ދޭހަވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.