09 އެޕްރީލް 2017 - 15:08

ދިވެހި ފުޓްބޯޅައިގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ އެކު ބޮލުގައި އެޅިގެން ދިޔައީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެކަމަކު އަމިއްލަ ގައުމުގެ ގޮތުގައި ދެކޭ ރާއްޖޭގައި އެ ޒިންމާތައް ނަގައި ހިދުމަތްކޮށްދޭނީ އުފަލާ އެކު ކަމަށް އެފްއޭއެމްގެ އާ ޓެކްނިކަލް ޑިރެކްޓަރު ތުރުކީގެ ޖޭން ވަންލީ ބުނެފި އެވެ.

ވީބީ ސްޕޯޓްސް ކްލަބަށް ތިން އަހަރު ކޯޗުކޮށްދީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ ވަންލީ މިއަދު ވަނީ ކުރިއަށް އޮތް ދެ އަހަރު އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް ފުރުމަށް އެފްއޭއެމާ އެކު ސޮއިކޮށްފަ އެވެ.
"އެނބުރި ގެޔަށް އާދެވުނީތީ އުފާކުރަން. ބޮޑު ޒިންމާއެއް މިއީ އެކަމަކު މި ބުރަ ބޮޑު ވަޒީފާ އަހަރެން އަދާކުރާނީ އުފަލާ އެކު. ރާއްޖެ ފަދަ މުސްލިމް ގައުމެއްގެ ފުޓްބޯޅަ ކުރިއަރުވައިދިނުމުގެ ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް،" ވަންލީ ބުންޏެވެ.
ވަންލީ ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2003 ވަނަ އަހަރުގެ ކޮންފެޑެރޭޝަން ކަޕުގެ ތިން ވަނަ ހޯދި ތުރުކީ ގައުމީ ޓީމުގެ އެނަލިސްޓަކަށް މަސައްކަތްކޮށްފަ އެވެ. އޭނާ ބުނީ ކުރިން ވީބީގައި މަސައްކަތްކުރި އިރު ވެސް އެ ތަޖުރިބާތައް ބޭނުންކުރި ކަމަށާއި މި ފަހަރު އޭނާގެ ތަޖުރިބާތައް މުޅި ދިވެހި ފުޓްބޯޅައިގައި ބޭނުންކުރަން ލިބުމުން އުފާވާ ކަމަށެވެ.
"ކުރިން އަހަރެން ތަމްރީންކުރީ އެންމެ ޓީމެއް. މި ފަހަރު ހުރިހާ ޓީމަކަށް، ޖުމްލަކޮށް މުޅި ދިވެހި ފުޓްބޯޅައަށް އެހީވާން ފުރުސަތު މި ލިބުނީ. އަހަރެންގެ ކިބައިގައި އެބަހުރި ބައިނަލްއަގްވާމީ މުހިއްމު ތަޖުރިބާތަކެއް. އޭގެ ބޭނުން ހިފައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްދާނީ،" ވަންލީ ބުންޏެވެ.
އޭނާ ބުނީ އެންމެ ބޮޑު އިސްކަމެއް ދޭނީ ޔޫތު ޑިވެލޮޕްމަންޓަށް ކަމަށާއި އެގޮތުން ވައިޑީޕީގައި މަސައްކަތްކުރާ ކޯޗުންގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
"ކޯޗުންގެ ފެންވަރު ރަނގަޅުވެ އާ ގޮތްތަކެއް އެބަޖެހޭ ތައާރަފްކުރަން. ކުދިންގެ ފެންވަރު ރަނގަޅުވާނީ އެ ކުދިން ތަމްރީން ކުރާ ކޯޗުންގެ ފެންވަރު މަތިވެގެން. އެކަމަށް އިސްކަންދޭނަން،" ވަންލީ ބުންޏެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޓެކްނިކަލް ޑިރެކްޓަރެއް ގެނައުމަކީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގައި ކުރިއަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ބައްސާމް ވިދާޅުވީ ވަންލީގެ ޒިންމާތަކުގެ ތެރޭގައި މުޅި ރާއްޖެ އަށް ވައިޑީޕީ ޕްރޮގްރާމް ފުޅާކޮށް ކުރިއަށް ގެންދިއުމާއި ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ މަތިން ފަށާ ނެޝަނަލް ފުޓްބޯޅަ އެކަޑަމީގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ދިވެހި ފުޓްބޯޅައިގެ ކުރިމަގު ބައްޓަން ކުރުމަށް ހަދާ ސްޓްރެޓެޖީގެ އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތާއި ފުޓްބޯޅައިގެ ކަލަންޑަރު ދިރާސާކޮށް އެއަށް ޓެކްނިކަލީ ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ ވެސް ވަންލީއާ ހަވާލުކޮށްފައިވާ މުހިއްމު މަސައްކަތްތަކެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.
"ވަންލީ އަކީ ދިވެހި ފުޓްބޯޅައިގެ ތަޖުރިބާހުރި މީހެއް. އޭރުގެ ތަޖުރިބާއާ އެކު އަދި މިހާރުގެ ހާލަތު ދަސްކޮށް އޭނާގެ ފަރާތުން ދިވެހި ފުޓްބޯޅައަށް ފައިދާތަކެއް ވާނެ ކަމަށް ޔަގީންކުރަނީ. ކުރު މުއްދަތުގެ ޓާސްކްތަކަކާ އެކު، ދިގު މުއްދަތުގެ އަމާޒުތަކެއް ހާސިލްކުރުމަށް ރާވާފައި އޮތީ،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ވަންލީއާ މަގާމް ހަވާލުކުރީ ފުރިހަމަ ބާރާ އެކު ކަމަށާއި އެފްއޭއެމްގެ ޓެކްނިކަލް ހުރިހާ ކަމެއްގެ އިސްވެރިޔަކީ އޭނާ ކަމަށާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ވެސް ރިޕޯޓްކުރަން ޖެހޭނީ ވަންލީއަށް ކަމަށެވެ.
ވީބީގެ ކޯޗަކަށް 2010 އިން 2012 އަށް މަސައްކަތްކުރި ވަންލީ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ބިދޭސީ ކޯޗެވެ. އޭނާ ވަނީ ވީބީ އަށް 2010 އާއި 2011 ވަނަ އަހަރު ދިވެހި ލީގު ކާމިޔާބުކޮށްދީ އަދި 2010 ވަނަ އަހަރު ގައުމީ މުބާރާތް އަދި 2011 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްދީފަ އެވެ. އަދި 2010، 2011 އަދި 2012 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނެވެ.
އެފްއޭއެމަށް ބިދޭސީ ޓެކްނިކަލް ޑިރެކްޓަރެއް މި ގެންނަނީ ޒަމާންތަކަށް ފަހު އެވެ. އެންމެ ފަހުން އެ މަގާމް އަދާކުރި ބިދޭސީއަކީ މެލޭޝިއާގެ ލިމް ކިން ޗޮން އެވެ. އޭނާ އަކީ 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ވޯލްޑް ކަޕްގެ ޓެކްނިކަލް ސްޓަޑީ ގްރޫޕްގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. ލިމްގެ ދުވަސްވަރު އޭނާ ރަނގަޅު ބަދަލުތަކެއް ގެނަ އެވެ.
އޭގެ ފަހުން މަޝްހޫރު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ވެސް ވަނީ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. މާއްޓޭ އަށް ފަހު ދެން އެ މަގާމުގެ ޒިންމާ ނެގީ އެކްޓިން ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި އަލީ ސުޒޭން އެވެ. އެންމެ ފަހުން އެ މަގާމުގައި ހުރީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ.