ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފުގައި މިރޭ ނޮދަން އަޔަލެންޑާ ދެކޮޅަށް ކުޅޭ
މެޗަކީ އޭނާގެ ކޯޗިން ކެރިއަރުގެ އެންމެ ބޮޑު މެޗުގެ ގޮތުގައި އިޓަލީގެ ކޯޗު
ޖެނާރޫ ގަޓޫސޯ ސިފަކޮށްފި އެވެ.
އެންމެ ފަހުގެ ދެ ވޯލްޑް ކަޕަށް ވެސް ކޮލިފައިނުވެ ދިޔަ އިޓަލީ އަށް މިރޭ އަޔަލެންޑާ
ދެކޮޅަށް އޮތީ މަރުގެ މެޗެކެވެ. ބަލިވެއްޖެ ނަމަ، މި އަހަރުގެ ވޯލްޑް ކަޕުން
ފުރުސަތު ގެއްލޭނެ އެވެ. މޮޅުވެއްޖެ ނަމަ، ވޯލްޑް ކަޕަށް ދެވެން އޮންނާނީ ޕްލޭއޮފުގެ
ފައިނަލުގައި ބޮސްނިއާ ނުވަތަ ވޭލްސްއާ ކުޅެ މޮޅުވެގެންނެވެ.
"ޔަގީނުން ވެސް މިއީ އަހަރެންގެ ކޯޗިން ކެރިއަރުގެ އެންމެ މުހިއްމު
މެޗު،" އޭސީ މިލާނާއި، ނަޕޯލީގެ ކުރީގެ ކޯޗު ގަޓޫސޯ ބުންޏެވެ.
"އެކަމަކު އަހަރެން މިހިރީ ތައްޔާރުވެގެން. އެއްގޮތަކަށް ވެސް ނުވިސްނަން
ކަންކަން ގޯސްކޮށް ހިނގައިދާނެ ކަމަކަށް. އަހަރެން ބޭނުންވީ ޕޮޒިޓިވްކޮށް
ވިސްނަން. މި މެޗުގައި އަހަރެމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް
މަސައްކަތްކުރާނަން."
އެކަމަކު ގަޓޫސޯ ވަނީ ޕްރެޝަރު އޮތް ކަމަށް އެއްބަސްވެފަ އެވެ. އެގޮތުން
ސަމާސާ ރާގެއްގައި ވަނީ ބޭސްގުޅައިގެ އެހީ ނުލިބުނު ނަމަ މުޅިރޭ ހުންނަން ޖެހުނީހީ
ހޭލާ ކަމަށެވެ.
އިޓަލީން 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ގަޓޫސޯ
ބުނީ މި މެޗަށް ނުކުންނަނީ ގައުމު ކޮނޑުއަޅައިގެން ކަމަށާއި، އޭނާއާ ފަހުން
ބައްދަލުވި އެންމެން ވެސް އެދުނީ ގައުމު ވޯލްޑް ކަޕަށް ކޮލިފައި ކޮށްދޭން
ކަމަށެވެ.
މިރޭގެ މެޗު ކުޅޭނީ އެޓަލާންޓާގެ ސްޓޭޑިއަމުގަ އެވެ. މިއީ ނިސްބަތުން ކުޑަ
ސްޓޭޑިއަމެކެވެ. ގަޓޫސޯ ބުނީ މި ދަނޑުގައި ކުޅެން އޭނާ ނިންމީ ޓީމަށް ފުރިހަމަ
ސަޕޯޓް ލިބޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"ސެންސީރޯގައި ކުޅޭ ނަމަ ތިބޭނީ އޭސީ މިލާން ނުވަތަ އިންޓަ މިލާނުގެ
ސަޕޯޓަރުން. އެ މީހުން ހަޅޭއްލަވާނެ ކުޅުންތެރިޔަކު ގޯސްކޮށް ޕާހެއް ޖެހިޔަސް،"
ގަޓޫސޯ ބުންޏެވެ.
"އެޓަލާންޓާ ސަޕޯޓަރުން އެންމެ ފަހު މެޗުގައި އަހަންނަށް މަރުހަބާކީ
އުފަލާ އެކު."
މިރޭގެ މެޗަށް ނުކުންނައިރު ގަޓޫސޯ އަށް އޮތް ހިތްހަމަޖެހުމަކީ ޑިފެންޑަރު
އަލެސަންދްރޯ ބަސްޓޯނީ އާއި، މިޑްފީލްޑަރު ސަންދްރޯ ޓޮނާލީ ފިޓްވެފައިވުމެވެ.
އިޓަލީ ޕްލޭއޮފުގައި ވާދަކުރަން ޖެހުނީ ކޮލިފައިން ގްރޫޕުގެ ދެ ވަނަ އަށް
ދިއުމުންނެވެ. އެ ގްރޫޕުގެ އެއް ވަނަ ހޯދައި ވޯލްޑް ކަޕުން ޖާގަ ހޯދީ ނޯވޭ އެވެ.