ސައޫދީ އަރަބިއްޔާގައި ތަފާތު މަންޒަރެއް: މުނިފޫހިފިލުވުމުގެ ބޮޑު ސިޓީއެއް ހަދަނީ
ސައޫދީ އަރަބިއްޔާގައި ތަފާތު މަންޒަރެއް: މުނިފޫހިފިލުވުމުގެ ބޮޑު ސިޓީއެއް ހަދަނީ

ސައޫދީ އަރަބިޔާ އިން މީގެ ކުރިން ފެނިފައި ނުވާ ދާއިރާއަކުން ބޮޑު އިންވެސްޓްމަންޓަކަށް ތައްޔާރުވެއްޖެ އެވެ. އެ ގައުމުގެ ވެރިރަށް ރިޔާޒު ކައިރީގައި "މުނިފޫހިފިލިވުމުގެ ބޮޑު ސިޓީ"އެއް ހެދުމާ ގުޅޭ ޕްލޭންތައް ހާމަކުރުމާ އެކު ގިނަ ބައެއްގެ ލޯ ވަނީ އަމާޒުވެފަ އެވެ.

ގާތްގަނޑަކަށް 334 އަކަ ކިލޯމީޓަރުގެ މިތަން އެމެރިކާގެ މަޝްހޫރު ލަސް ވެގަސް އިން ފެންނަ މުނިފޫހިފިލުވުމުގެ ބައެއް ތަންތަނާ ދާދި އެއްގޮތް ވާނެ ކަމަށް ބެލެވެ އެވެ. މި ސިޓީގައި ސަގާފަތާއި އެކި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ އެހެން ހަރަކާތްތައް ހިމެނެ އެވެ.

ސައޫދީ ސަރުކާރުން ބުނީ އެ ސިޓީ ނިމޭއިރު އެތަން ވާނީ ދުނިޔޭގައި އަދި ނެތްވަރުގެ ތަނަކަށް ކަމަށެވެ.

އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފަށާނެ އެވެ. އަދި ފުރަތަމަ ފިޔަވަހި ނިންމައި 2022 ގައި ހުޅުވޭނެ ކަމަށް ވެސް ސައޫދީން ބުނެ އެވެ.

މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން އެ ގައުމުގެ ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އިއުލާން ކުރެއްވި ވިޝަން 2030 ގައި ހިމެނޭ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފަހުން އިއުލާން ކުރެއްވި މަޝްރޫއު އެވެ.

ރިޔާޒުގެ ބޮޑުމިނުގެ ފަސްބައިކުޅަ އެއްބައިހާ ބޮޑު ސަރަހައްދެއްގައި ތަރައްގީކުރާ މި އެންޓަޓައިންމަންޓް ސިޓީ ވާނީ ހަމައެކަނި ތެލަށް ބިނާވެފައިވާ ސައުދީގެ އިގްތިސާދު ބަދަލުކުރަން ހިންގާ މަޝްރޫއުތަކުގެ މުހިންމު ބަޔަކަށެވެ.

ސައޫދީ ސަރުކާރުން ޔަގީންކުރަނީ މި އެންޓަޓައިންމަންޓް ސިޓީގެ ސަބަބުން އެ ގައުމަށް ޒިޔާރަތްކުރާ މީހުންގެ ޝައުގުވެރިކަން ބޮޑުވެ، ސިއްހަތަށް ފައިދާ ހުރި އަދި އުފާވެރި ދިރިއުޅުމަކަށް ރައްޔިތުންނަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

ނަމަވެސް ބައެއް މީހުން ސުވާލު އުފައްދާ ކަންކަން ވެސް އެބަ ހުއްޓެވެ. މިހާތަނަށް ސައުދީގައި ތީމް ޕާކްތައް އަމާޒުކޮށްފައި ހުންނަނީ ކުޑަކުދިންނަށެވެ. ދެ ޖިންސުގެ މީހުން އެކުގައި ބޭނުންކުރެވޭ ގޮތަށް މުނިފޫހިފިލުވުމުގެ ވަސީލަތްތަކެއް ނުހުރެ އެވެ. އެހެންކަމުން އާ ސިޓީގައި ހަދާ ސިކްސް ފްލޭގްސް ކަހަލަ އެއްޗެހި ބޭނުންކުރާނީ ކޮން ގޮތަކަށްކަން އަދިއެއް ނޭނގެ އެވެ.