ރަންބީރާ ވާހަކަ ދައްކަން ވެސް ކެޓުރީނާ ބޭނުމެއް ނުވި
ރަންބީރާ ވާހަކަ ދައްކަން ވެސް ކެޓުރީނާ ބޭނުމެއް ނުވި

ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ހަގީގީ ލޯބިވެރިން ރުޅިވުމަކީ ވެސް ފިލްމު އުފައްދާ މީހުންނަށް ކުރިމަތިވާ ވަރަށް ބޮޑު އުނދަގުލެކެވެ.

"ޖައްގާ ޖާސޫސް" ކުޅެން ފެށިއިރު އެ ފިލްމުގެ ލީޑް ތަރިން ކަމަށްވާ ކެޓުރީނާ ކައިފް އާއި ރަންބީރު ކަޕޫރަކީ ހަގީގީ ދެ ލޯބިވެރިން ނަމަވެސް ތަފާތު ސަބަބުތަކާ ހެދި ފިލްމު ނުނިމި ދިގުލައިގެން އެތައް އަހަރެއް ފާއިތުވީ އިރު މި ދެ ތަރިންގެ ލޯބީގެ ގުޅުން ވެސް ވަނީ ކެނޑިފަ އެވެ.

ކެޓުރީނާ އާއި ރަންބީރަކީ ޕްރޮފެޝަނަލް އެކްޓަރުން ކަމަށް ވާތީ، ދެ މީހުންގެ ޚިޔާލު ތަފާތުވުންތަކާއި ރުޅިވެރިކަން އެއް ފަރާތްކޮށްފައި ފިލްމު ނިންމުމުގެ މަސައްކަތްކުރަން އެމީހުންނަށް މަޖްބޫރެވެ. ނަމަވެސް ފިލްމުގެ ޑައިރެކްޓަރު އަނުރާގު ބާސޫ އަށް މި ދެ އެކްޓަރުން ލައްވާ މަސައްކަތް ކުރުވަން މިހާރު ވަރަށް އުނދަގުލެވެ.

މިހާރު ވެސް މި ފިލްމުގެ ބައެއް ޝޫޓިން ކުރިޔަށް ދާއިރު ރަންބީރު ފެންނަ ކަމަށް ކެޓުރީނާ އެއްގޮތަކަށް ވެސް ނަހަދަ އެވެ. ވާހަކަ ދައްކަން ވެސް އިންކާރު ކުރާ ކަމަށް ފިލްމުގެ ކުރޫގެ ބައެއް މީހުން ބުނެ އެވެ.

ރަންބީރާ ދައްކަން ޖެހޭ ވާހަކަ ވެސް ކެޓުރީނާ ބުނަނީ އަނުރާގް ކައިރީގަ އެވެ. އަދި ފިލްމުގެ ޕޯސްޓަރުގައި ކެޓުރީނާ އާއި ރަންބީރުގެ ގައިގޯޅި މަންޒަރެއް ހިމެނޭތީ އެކަމާ ކެޓްރީނާ ވަރަށް ހިތްހަމަނުޖެހިގެން އުޅޭ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ކެޓުރީނާ އާއި ރަންބީރުގެ ލޯބި ހަ އަހަރަށް ފަހު ނިމުމަކަށް އައީ މިދިޔަ އަހަރު އެވެ. އޭރު މި ދެ ތަރިން އެކުގައި ކުޅެން ސޮއިކުރި ފިލްމުތަކުގެ ތެރެއިން ނުނިމި އޮތީ "ޖައްގާ ޖާސޫސް" އެކަންޏެވެ. މި ފިލްމު ރިލީޒްކުރާ ތާރީޚް ލަސްކުރަމުން ގޮސް މިހާރު އޮތީ ޖުލައި މަހު ނެރޭ ގޮތަށެވެ. ނަމަވެސް އެ މަހު ވެސް ފިލްމު ރިލީޒްކުރެވިދާނެ ކަމާ މެދު ގިނަ ބަޔަކަށް ޝައްކެވެ.